ކ-ވ: ޔަސީން، ޗޮއްޕު، ކައިޕުޓީ، ކައި ޒަކީ، ހަތަރު އެތުލީޓުން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައި.-- ފޮޓޯ: އެމްއެސްއޭ
15 ފެބުރުއަރީ 2023 - 20:50
ގދ. ގައްދޫގައި މިހާރު ކުރިއަށްދާ ދިވެހި ސާފް ލީގުގެ "ކަޅެގަލެކޮޑާ" މުބާރާތުގެ ޖޫނިއާ ބައިގައި ސެމީ ފައިނަލަށް ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ގެ އިތުރުން ޔަސީން އަހުމަދު ނާޝިދާއި މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ.
މާދަމާ ބާއްވާ ސެމީ ފައިނަލްގެ ފުރަތަމަ ހީޓްގައި ވާދަކުރާނި ޔޫސުފް ކަޔާން ޒަކީ އާއި ކަޔާން އަރީފް އެވެ، އަދި ދެވަނަ ހީޓްގައި ވާދަކުރާނީ ޔަސީން އާއި ޒަޔާނެވެ.
ޖޫނިއާ ކެޓަގަރީ މިއަދު ފެށީ ކުއާޓާގެ ފަހު ދެ ޖާގަ ހޮވަން ބޭއްވި ކޮލިފައިން ހީޓުންނެވެ. މި ހީޓް ގައި ހަތަރު އެތުލީޓުން ވާދަކުރަން އޮތް ނަމަވެސް ބައިވެރިވީ ދެ އެތުލީޓުންނެވެ. އެހެންވެ ދެ އެތުލީޓުންނަށް ވެސް ކުއާޓާގެ ޖާގަ އޮތީ ޔަގީން ވެފަ އެވެ.
ކޮލިފައިން ހީޓުގެ އެއްވަނަ ޒަޔާން ހޯދީ 11.33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔަ މުހައްމަދު ޖިނާން އަށް ލިބުނީ 9.44 ޕޮއިންޓެވެ. މި ހީޓްގައި ދެން ވާދަކުރަން އޮތް ސައްޔިދު ސަލާހުއްދީނަށް މުބާރާތަށް ގައްދުއަށް ދަތުރު ނުކުރެވުނީ އޭނާ ތައުލީމު ހާސިލް ކުރަމުންދާ މާލޭ އިސްކަންދަރު ސްކޫލުގެ ހޭންޑްބޯލް ޓީމާ އެކު އިންޓަ ސްކޫލް މުބާރާތަށް ތައްޔާރުވަމުންދާތީ އެވެ. އަހުމަދު ލުޒެއިން އެންމެ ފުރަތަމަ ބުރުގެ ހީޓުގައި ބައިވެރިވި ނަމަވެސް މިއަދު މުބާރާތުން ވަކިވީ އޭނާގެ ބަލި ހާލު ހުރިގޮތުން ވާދަ ކުރެވެން ނެތުމުންނެވެ.
ކަޔާން ޒަކީ ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާގެ ފުރަތަމަ ހީޓް ގައި 12.67 ޕޮއިންޓް ހޯދައިގެންނެވެ. މި ހީތްގައި ވާދަކުރި ޖިނާނަށް ލިބުނީ 9.57 ޕޮއިންޓެވެ.
ކުއާޓާގެ ދެވަނަ ހީޓު ކައިޕުޓީ ކާމިޔާބު ކުރީ 1.17 ޕޮއިންޓުން މުހައްމަދު އިނާން އަބްދުލް ހަންނާން ފަހަތަށް ޖައްސާލައިގެންނެވެ. ކައިޕުޓީ އަށް 11.50 ޕޮއިންޓް ހޯދުނު އިރު އިނާނަށް ހޯދުނީ 10.33 ޕޮއިންޓެވެ.
ޗޮއްޕު ވަނީ ތިންވަނަ ހީޓުގައި 7.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މި ހީޓުގައި ދެން ވާދަކުރި އަހުމަދު މިސްކް އަށް ލިބުނީ 4.63 ޕޮއިންޓެވެ.
ކުއާޓާގެ ފަހު ހީޓު ޔަސީން ކާމިޔާބު ކުރީ 11.27 ޕޮއިންޓް ހޯދައިގެންނެވެ. ޔަސީން އާ ވާދަކުރި އަހުމަދު ޒަޔާން އަށް ލިބުނީ 9.43 ޕޮއިންޓެވެ.
މި އަހަރުގެ ދިވެހި ސާފް ލީގު ބަދަލުތަކަކާ އެކު ކުރިއަށް ދާއިރު، އެމްއެސްއޭ އިން ވަނީ ލީގުގެ ޖޫނިއާ ޗެމްޕިއަން ވެސް ހޮވަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy