ކައިލީ ޖެނާ (ވ) ފަހާލައި، އިންސްޓަގްރާމުގެ އެންމެ ގިނަ ފޮލޯވާސް ތިބި އަންހެނަކަށް ސެލީނާ ގޮމޭޒް (ކ)
24 ފެބުރުއަރީ 2023 - 06:06
ޒުވާން އިންފްލުއެންސާ، އަދި ވިޔަފާރިވެރިޔާ ކައިލީ ޖެނާ ވައްޓާލުމަށް ފަހު، އިންސްޓަގްރާމުގައި އެންމެ ގިނަ ފޮލޮވާސް ތިބި އަންހެނަކަށް ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ވެއްޖެ އެވެ.
ދެހާސްނަވާރަަ ވަނަ އަހަރު އެރިއާނާ ގްރާންޑޭ އެ މަގާމަށް ދިއުމުގެ ކުރިން އެންމެ ގިނަ ފޮލޯވާސް ތިބީ ވެސް ސެލީނާގެ އެވެ. އޭގެ ފަހުން، ކައިލީ ޖެނާ ވަނީ އެ ދެމީހުން ފަހާލައިފަ އެވެ.
އިއްޔެގެ ވަގުތެއްގައި، ކައިލީގެ 380 މިލިއަން ފޮލޯވާސް ފަހާލައި، ސެލީނާގެ ފޮލޮވާސްގެ އަދަދު ވަނީ 381 މިލިއަނަށް އަރައިފަ އެވެ.
ސެލީނާ އާއި ކައިލީގެ އިންސްޓަގްރާމުގައި މިހާރު ތިބި ފޮލޮވާސްގެ އަދަދު
އެކަމުގެ އުފަލުގައި، ސެލީނާގެ ފޭނުން އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.
🚨@SelenaGomez surpasses Kylie Jenner and is back to being the MOST followed woman on Instagram.
— Selena Gomez Charts (@SGchartupdate) February 22, 2023
SELENA QUEEN OF INSTAGRAM pic.twitter.com/hoe4FYVZOs
ފޮލޮވާސް ކިތަންމެ ގިނަޔަސް، ދާދިފަހުން "ވެނިޓީ ފެއާ" އަށް ދިން އިންޓަވިއުއެއްގައި ސެލީނާ ބުނީ އޭނާ އިންސްޓަގްރާމު ބޭނުންނުކުރާ ކަމަށާއި، އޭނާގެ ފޯނުގައި އިންނާނީ ހަމައެކަނި ޓިކްޓޮކް ކަމަށެވެ.
ސެލީނާ ބުނި ގޮތުގައި، އިންސްޓަގްރާމުގައި މީހުންގެ ގޯސް ކޮމެންޓުތަކުގެ ސަބަބުން ދެރަވެ އެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި އިންސްޓަގްރާމު ބޭނުންކުރުމަކީ ވަރަށް ވަގުތު ބޭކާރުވާ ކަމެކެވެ.
ސެލީނާ ގޮމޭޒް؛ އިންސްޓާގްރާމުގެ "ރާނީ"
"މީހަކު އަހަރެން ހަޑިއޭ، ގަމާރޭ ބުންޏަސް އަޅައެއް ނުލަން. އެކަމަކު، މި މީހުން ވަރަށް ތަފްސީލުކޮށް ލިޔަނީ. ވަރަށް ހިތަށް އަސަރުކުރާ ފަދަ ނުބައި ގޮތަށް، ބޮޑެތި ޕެރެގްރާފުތައް ލިޔެފައި ހުންނަނީ. އަހަރެން އެކަމާ އަބަދު ރޮވޭ. އަބަދު އެންޒައިޓީގައި ހުންނަނީ. އެހެންވެ ދެން އެކަމެއް ނުވި އިތުރަކަށް. އެއީ ބޭކާރު ވަގުތު،" ސެލީނާ ބުންޏެވެ.
އޭނާ ބުނާ ގޮތުން، މިހާރު އޭނާގެ އިންސްޓަގްރާމް ގެންގުޅެނީ އޭނާގެ އެސިސްޓެންޓެކެވެ. އަދި އޭނާ ވަނީ އެސިސްޓެންޓު ލައްވައި، ގޯސް ކޮމެންޓުތައް ފިލްޓަކޮށް، ފޭނުންނާ ގުޅޭނެ ފަދަ ސިސްޓަމެއް ގާއިމުކޮށްފައި ކަމަށް ބުންޏެވެ.
އެންމެ ގިނަ ފޮލޮވާސް ތިބި އަންހެން މީހާގެ ލަގަބް ސެލީނާ ހޯދާފައި ވާއިރު، އޭނާ އަކީ މިހާރު އިންސްޓަގްރާމުގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން ފޮލޯކުރާ މީހާ އެވެ. އެއްވަނައިގާ، 550 މިލިއަން ފޮލޮވަރުންނާ އެކު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޮތް އިރު، 432 މިލިއަން ފޮލޮވަރުންނާ އެކު ދެވަނައިގާ އުޅެނީ ލިއޮނަލް މެސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy