ކުޅިވަރު

ގއ. އަތޮޅު ޗެމްޕިއަންކަން މިއަހަރު ވެސް މާމެންދޫ އަށް

މެންދޫ ޓީމް ގއ. އަތޮޅުގެ ޗެމްޕިއަން ޓްރޮފީ އާއެކު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން މާމެންދޫ ދިފާއު ކޮށްފި އެވެ.

މާމެންދޫ އިން ޗެމްޕިއަންކަން ހޯދީ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗް ގައި 2-1 އިން ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މާމެންދޫގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން އަހުޝަމް ހަސަން ދީދީ އަދި ޝަމްވީލް މުހައްމަދެވެ. ނިލަންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ މަމްދޫހު އިބްރާހިމް އެވެ.

ގއ. އަތޮޅުގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވުނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ، މާމެންދޫގެ ކެޕްޓަން އަހުޝަމް އެވެ.

ކ. އަތޮޅު ފައިނަލަށް ގާފަރާއި ދިއްފުށި، ސެމީގެ މެޗްތައް ފޯރިގަދަ

ކ. އަތޮޅު ފައިނަލުން ގާފަރާއި ދިއްފުށި ޖާގަ ހޯދީ ރޭ ކުޅުނު ފޯރި ގަދަ ސެމީ ފައިނަލް މެޗްތައް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކޮށްގެންނެވެ.

ފުރަތަމަ ސެމީ ގައި ގާފަރާއި ކާށިދޫ ބައްދަލުކޮށްގެން ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ކާށިދޫ އަށް ލަނޑު ޖަހައިދިނީ އަކްމަލް އަހުމަދެވެ. އަދި ގާފަރަށް ލަނޑު ޖަހައިދިނީ ސާމިން މުހައްމަދެވެ. ޕެނަލްޓީގައި ގާފަރުން ކުރި ހޯދީ 4-2 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ އިބްރާހިމް ރިމާހެވެ.

ދެ ވަނަ ސެމީ ގައި ދިއްފުށްޓާ ދެކޮޅަށް ނުކުތީ މާފުށްޓެވެ. މި މެޗްގެ ފުރިހަމަ ވަގުތުގެ ނަތީޖާ އެއްވަރުވީ 3-3 އިންނެވެ. ދިއްފުށްޓަށް ލަނޑުތައް ޖަހައިދިނީ ޒައިން ޒަފަރު އާއި އަހުމަދު މާޒިން އަދި މުހައްމަދު އަސްލަމެވެ. މާފުށީގެ ލަނޑުތައް ޖަހައިދިނީ ހުސެއިން އިމްރާން އާއި އިސްމާއިލް ނަޒީހް އެވެ. ނަޒީހް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެއްވަރު ވުމުން ޖެހި ޕެނަލްޓީގައި ދިއްފުށި ކުރި ހޯދީ 4-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްފުށި ޓީމްގެ ކެޕްޓަން ޒައިން ޒަފަރެވެ.

މ. އަތޮޅު ފައިނަލް ގައި ނާލާފުށްޓާއި ދިއްގަރު

ފޯރި ގަދަ ސެމީ ފައިނަލް މެޗްތަކަކަށް ފަހު މ. އަތޮޅުގެ ފައިނަލުން ޖާގަ ހޯދީ ނާލާފުށްޓާއި ދިއްގަރެވެ.

ނާލާފުށިން ފައިނަލްގެ ޖާގަ ހޯދީ މަޑުއްވަރީއާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ނާލާފުށީގެ ގޯލަކީ މަޑުއްވަރީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މަޑުއްވަރީގެ ގޯލު ޖަހައިދިނީ އިސްމާއިލް ނާޝިދެވެ.

ޕެނަލްޓީ ގައި ނާލާފުށި ކުރި ހޯދީ 4-3 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާލާފުށީގެ އަލީ އަޒުމީލް އެވެ.

ދެ ވަނަ ސެމީ ގައި ދިއްގަރުން ވަނީ 3-2 އިން މުލި ބަލިކޮށްފަ އެވެ. މުލީގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ނާފިއު އާއި ހަސަން އަޝްރަފެވެ. ދިއްގަރު މޮޅުވީ ހުސެއިން ފާރިޝް އާއި އަލީ މާޖިދު އަދި އަހުމަދު މިދުހަތު މަހުމޫދު ޖަހައިދިން ގޯލުތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްގަރުގެ ހުސެއިން ފާރިޝް އެވެ.

ދ. އަތޮޅު ފައިނަލްގެ ފަހު ޖާގަ މާއެނބޫދޫ އަށް

ދ. އަތޮޅުގެ ފައިނަލްގެ ފަހު ޖާގަ މާއެނބޫދޫ ޔަގީން ކުރީ ގުރޫޕް ސްޓޭޖްގެ ފަހު މެޗް ގައި 5-0 އިން ބަނޑިދޫ ބަލިކޮށް، ގުރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.

ބަނޑިދޫ ކޮޅަށް މާއެނބޫދޫގެ ލަނޑުތައް ޖަހައިދިނީ އަމްޖަދު އަލީ އާއި އަހުމަދު ޝައިހާން އަދި މުހައްމަދު ނަޔާޒް ގެ އިތުރުން އަބްދުﷲ ޝާހީން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝައިހާން ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ތިން ޓީމު ވާދަކުރި ދ. އަތޮޅުގެ ގުރޫޕް ސްޓޭޖުގައި ދަނބިދޫ ކުޅުނު ދެ މެޗުން ވެސް ބަލި ވެފައި ވާއިރު، ފައިނަލުގައި މާއެނބޫދޫ އާ ދެކޮޅަށް ނުކުންނާނީ ދެ ވަނަ ހޯދި ކުޑަހުވަދޫ އެވެ.

ފޭދޫ، ސ. އަތޮޅު ޗެމްޕިއަންކަން ހޯދުމާ ގާތަށް

ސ. އަތޮޅުން މުބާރާތުގައި ބައިވެރިވީ ދެ ރަށުންނެވެ. އެހެން ކަމުން ޗެމްޕިއަންކަން ހޮވާނީ ވާދަކުރާ ދެ ޓީމުގެ މެދުގައި ދެ ލެގުގެ ފައިނަލެއް ކުޅުމަށް ފަހު އެވެ.

ފުރަތަމަ ލެގުގައި ފޭދޫ އިން ވަނީ 2-0 އިން މަރަދޫފޭދޫ ބަލިކޮށް އެޑްވާންޓޭޖް ހޯދައިފަ އެވެ. ފޭދޫގެ ލަނޑުތައް ޖަހައިދިނީ ހުސެއިން އަޒްވާޏް އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫގެ ހުސެއިން ގައްސާން އެވެ.

ހަ އަތޮޅެއްގެ ފައިނަލް މިއަދު

އަތޮޅު ބުރުގައި މިއަދު ހަ ފައިނަލެއް ކުރިއަށް ދާނެ އެވެ. ހަވީރު 4 ޖަހާއިރު އދ. އަދި އއ. އަތޮޅުގެ ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އއ. އަތޮޅުގެ ފައިނަލް ގައި ވާދަކުރާނި ބޮޑުފޮޅުދޫ އާއި މަތިވެރި އެވެ. އަދި އދ. އަތޮޅުގެ ފައިނަލުގައި ބައްދަލުކުރާނީ މާމިގިއްޔާއި މަހިބަދޫ އެވެ.

މިރޭ އެންމެ ފުރަތަމަ 8 ޖަހާއިރު ކުޅޭނީ ލ. އަތޮޅުގެ ފައިނަމް މެޗެވެ. ބައްދަލުކުރާނީ ގަން އަދި އިސްދޫ އެވެ. އެއަށް ފަހު 9 ޖަހާއިރު ތ. އަތޮޅު ފައިނަލް ގައި ތިމަރަފުށްޓާއި ކިނބިދޫ ބައްދަލު ކުރާނެ އެވެ.

މިރޭ 10 ޖަހާއިރު ދެ ފައިނަލެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ. އެއް ދަނޑުގައި ޅ. އަޔޮޅު ހިންނަވަރާއި ކުރެންދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅެވޭ އިރު، އަނެއް ދަނޑުގައި ކުރިއަށް ދާނީ ވާދޫ އާއި ގައްދޫ ބައްދަލުކުރާ ގދ. އަތޮޅު ފައިނަލް މެޗެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454