މުލީކޮޅު މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރި އަންމަޑޭ.-- ފޮޓޯ: އެމްއެސްއޭ
07 މެއި 2023 - 16:05
މިއަހަރުގެ "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ ފައިނަލްގައި ހުސެއިން އަރީފް (އިބޫ) ގެ މައްޗަށް ކުރި ހޯދައި، އަހުމަދު އާގިލް (އަންމަޑޭ) މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށް މުލީކޮޅުގައި ހޯދި ކާމިޔާބީއަކީ އަންމަޑޭގެ ސާފިން ކެރިއަރުގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ. މިއަހަރުގެ މި މުބާރާތް މުލީކޮޅު ރާޅުގަނޑުގެ ބަދަލުގައި މަޝްހޫރު "މަޝްރޫމްސް" ޕޮއިންޓުގައި ބޭއްވި ނަމަވެސް އަންމަޑޭ ވަނީ ކާޔާބީ ތަކުރާރު ކޮށްފަ އެވެ.
އަންމަޑޭ އަކީ މިދިޔަ އަހަރުގެ ދިވެހި ސާފް ލީގުގެ ވެސް ޗެމްޕިއަނެވެ. މިއަދު ކުރިއަށް ދިޔަ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ފައިނަލްގައި އަންމަޑޭއާ ވާދަކުރި އިބޫ އަކީ ރެކޯޑް ހަތް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އެތުލީޓެކެވެ.
ފައިނަލް ހީޓުގައި އަންމަޑޭއާ ވާދަކުރި އިބޫ.-- ފޮޓޯ: އެމްއެސްއޭ
ވާދަވެރިކަން ގަދަވި ފައިނަލް ހީޓުގައި އިބޫ ވަނީ ވަރަށް ގިނައިރު ލީޑުގައި ހިފަހައްޓާލައިފަ އެވެ. ނަމަވެސް އަންމަޑޭ ވަނީ ފަހު ވަގުތު އަށް ޕޮއިންޓަކާއި 6.03 ޕޮއިންޓުގެ ރާޅެއް އަޅައި ޖުމްލަ 14.03 ޕޮއިންޓާ އެކު ލީޑު ނަގައިފަ އެވެ. މި ހީޓްގައި 6.50 އަކާއި ހަތް ޕޮއިންޓަކާ އެކު އިބޫ އަށް ހޯދުނީ ޖުމްލަ 13.50 ޕޮއިންޓެވެ.
އިބޫ ފައިނަލަށް އައީ ސެމީ ފައިނަލްގެ ހީޓުގައި 15 ޕޮއިންޓް ސްކޯ ކޮށްގެން، މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" މުބާރާތް ކާމިޔާބު ކުރި ނަޖާހު ބަލިކޮށްފަ އެވެ. އިބޫ ވަނީ ކުއާޓާގެ ހީޓުގައި އަލީ މަމްނޫން ޝާހިރާ ވާދަކޮށް ޖުމްލަ 12.17 ޕޮއިންޓް ހޯދައިފަ އެވެ. ނަޖާހު ސެމީ އަށް ދަތުރު ކުރީ ކުއާޓާގައި 15.33 ޕޮއިންޓް ހޯދައިގެން ހޫދު އަހުމަދު (ހޫބްޒް) ބަލިކޮށްފަ އެވެ.
ސެމީ ފައިނަލްގައި އަންމަޑޭ ވާދަކުރީ ޖޫނިއާ އެތުލީޓެއް ކަމަށްވާ ސައްޔިދު ސަލާހުއްދީނާ ދެކޮޅަށެވެ. ސެމީގެ ހީޓުގައި އަންމަޑޭ ވަނީ 17.17 ޕޮއިންޓް ހޯދައި، ސައްޔިދު ކޮމްބޯ ޕޮޒިޝަނަކަށް ވައްޓާލައިފަ އެވެ. އަންމަޑޭގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ ނުވަ ޕޮއިންޓަކާއި 8.17 ޕޮއިންޓް ލިބިފަ އެވެ. ސައްޔިދަށް މި ހީޓްގައި ހޯދުނީ ޖުމްލަ 7.16 ޕޮއިންޓެވެ.
ސައްޔިދު ސެމީއާ ހަމައަށް އައީ ކުއާޓާގައި، މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަން މުހައްމަދު އިރުޝާދު (ބިއްލޫ) ބަލިކޮށްފަ އެވެ. ބިއްލޫ އަށް ކުއާޓާގެ ހީޓުގައި ޖުމްލަ 9.73 ޕޮއިންޓް ލިބުނުއިރު ސައްޔިދު ވަނީ 9.84 ޕޮއިންޓް ހޯދައިފަ އެވެ.
އަންމަޑޭ ވަނީ ކުއާޓާ ފައިނަލްގެ ހީޓުގައި އޭނާގެ ބޭބެ، ހަސަން ނާސިހު (ޗިކާ)ގެ މައްޗަށް ކުރި ހޯދައިފަ އެވެ. ނާސިހަށް މި ހީޓުގައި 11.26 ޕޮއިންޓް ހޯދުނުއިރު އަންމަޑޭ ވަނީ 12.50 ޕޮއިންޓް ހޯދައިފަ އެވެ..
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުރާޅޭ
08 May 2023
އަލްހަމްދުލިﷲ ! ކާމިޔާބުގެ ކާމިޔާބަކީ މޮޅު މީހުނާއި ވާދަކޮށްގެން ހޯދޭ ކަމެއް. އަހުމަދު ހޯދީ ކާމިޔާބީއަކީ އެފަދަ ކާމިޔާބީއެއް. އުންމީދުކުރަނީ ދުނިޔޭގެ ފެންވަރުގައިވެސް ތިޔަފަދަ ކާމިޔާބީތައް ހޯދާނެ ދުވަހަކަށް. އިންޝާﷲ އަހުމަދަށް އެކަން ވާނެ. ހިތްވަރާއިއެކު މަސައްކަތްކުރާތި. ދެވަނަ ހޯދި އިބޫ އަކީވެސް ކުޅިވަރު ޑިސިޕްލިންގައި ފާހަގަކުރެވޭ ސަޙުސިއްޔަތެއްކަން އިއްޔެގަ ފެނިގެންދިޔަ. އިންޝާﷲ އިބޫ އަށްވެސް އަބަދުވެސް ކާމިޔާބީއަށް އެދެން.