ރާއްޖޭގެ ޖޫނިއާ ޓީމު ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
15 މެއި 2023 - 11:04
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށް ގެންދާ އައިއެޗްއެފް ޓޮރޮފީ އޭޝިއާ ބައްރުގެ ޒޯން 2ގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ހޭންޑްބޯޅަ ޓީމާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ހޭންޑްބޯޅަ ޓީމު ވެސް އިއްޔެ އިންޑިއާއާ ވާދަކޮށް، ބަލިވެއްޖެ އެވެ.
އުމުރުން 17 އަހަރުން ދަށުގެ ޔޫތު ޓީމު އިންޑިއާ އަތުން ބަލިވީ 14-42 އިންނެވެ. އިންޑިއާގެ ޖޫނިއާ ޓީމުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޖޫނިއާ ޓީމު ބަލިކުރީ 09-55 އިންނެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ދެ ޓީމު ވެސް ފުރަތަމަ ކުޅުނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ ގައުމާ ވާދަކޮށް، ޔޫތު ޓީމު 48-10 އިން ބަލިވި އިރު، ޖޫނިއާ ޓީމު ބަލިވީ 38-21 އިންނެވެ.
ދެ އުމުރުފުރާގައި ވެސް ހަތަރު ގައުމަކުން ވާދަ ކުރާއިރު، ލީގު ބުރުގެ ފަހު މެޗުގައި މިއަދު ރާއްޖޭގެ ޒުވާން ދެ ޓީމު ވެސް ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ނޭޕާލްގެ ޔޫތު ޓީމު ވަނީ އިއްޔެ ބަންގްލަދޭޝް އަތުން 50-4 އިން ބަލިވެފަ އެވެ. ނޭޕާލްގެ ޖޫނިއާ ޓީމް ބަންގްލަދޭޝް އަތުން ބަލިވީ 23-9 އިންނެވެ. މުބާރާތުގައި ނޭޕާލް ފުރަތަމަ ކުޅުނީ އިންޑިއާއާ ދެކޮޅަށެވެ. ނޭޕާލްގެ ޔޫތު ޓީމު އިންޑިއާ އަތުން 47-1 އިން ބަލިވެފައި ވާއިރު، ޖޫނިއާ ޓީމު ބަލިވީ 46-8 އިންނެވެ.
އިންޑިއާ އާއި ބަންގްލަދޭޝް ވަނީ ދެ އުމުރުފުރާގެ ވެސް ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިއާ އެކު ނޭޕާލާ ދެކޮޅަށް މިއަދު ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިއަސް ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ދެ ޓީމު ވެސް ވާދަ ކުރާނީ ނޭޕާލާ ދެކޮޅަށެވެ.
ތިންވަނަ ހޮވާ މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗުތައް އޮންނާނީ ބުދަ ދުވަހު އެވެ.
މިއީ ރާއްޖޭގެ ޒުވާން ގައުމީ އަންހެން ޓީމުތަކުން ބައިނަލްއަގުވާމީ ލެވެލްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭ.
16 May 2023
ބަލިވިޔަސް އެންމެ ރަނގަޅު. އަހަރުމެންގެ ޓީމް އަޅައިގެން ތިބި ހެދުމާއި އަރައިގެން ތިބި ބޫޓް އަދި ގެންގުޅުނު އިކްއިޕްމަންޓް މާމޮޅުވެފައި އަގު ބޮޑުވާނެ. އަދި އެއީ އެންމެ މަޝްހޫރު ބުރޭންޑް ތަކުގެ އެއްޗެހި.