މިނިސްޓަރު މަހުލޫފް (ކ-2)، ސާފިން އެސޯސިއޭޝަންގެ ރައީސް މުނައްމަދު ސޮބާހު (ކ) އާއެކު މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗު ކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
15 މެއި 2023 - 16:27
ކ. ތުލުސްދޫގައި ބާއްވާ މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް މިއަދު އިފުތިތާހު ކޮށްފި އެވެ.
އެ މުބާރާތް އިފުތިތާހު ކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 8 އިން 17 އަށެވެ.
އެންމެ ފަހުން މި މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރު ޖަޕާނުގަ އެވެ. އެ މުބާރާތުގެ ފައިނަލް ހީޓުގައި ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަ ކުރި އެވެ. އިބޫ އަށް ތިން ވަނަ ލިބުނުއިރު ސްމައިލީ ދިޔައީ ހަތަރު ވަނައަށެވެ.
މި އަހަރުގެ އޭޝިއަން ސާފިން މުބާރާތުގައި ޝޯޓްބޯޑް ފިރިހެން އަދި އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއާ ޑިވިޝަން ވެސް ކުރިއަށް ގެންދާނެ އެވެ. ފިރިހެން އޯޕަން ޑިވިޝަނާއި ފިރިހެން ޖޫނިއާ ޑިވިޝަނުގައި ރާއްޖެއިން ވާދަކުރެ އެވެ.
ފިރިހެން އޯޕަން ޑިވިޝަނުގައި ދިވެހި 8 އެތުލީޓުން ވާދަކުރާނެ އެވެ. އެއީ ގައުމީ ސްކޮޑުގައި ހިމެނޭ ހަ އެތުލީޓުންގެ އިތުރުން، ވައިލްޑްކާޑް ސްލޮޓް ލިބޭ ދެ އެތުލީޓެކެވެ. ވައިލްޑްކާޑް ލިބޭނީ މުބާރާތް ބާއްވާ ތުލުސްދޫގެ ރާޅާއެޅުންތެރިންނަށެވެ.
ރާއްޖޭގެ ގައުމީ ސްކޮޑުގައި މިވަގުތު ތިބި އެތުލީޓުންނަކީ، އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަބޯ) އާއި ޖައިލަމް ނިޒާރާއި ހޫދު އަހުމަދު (ހޫބްޒް) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހުސެއިން އަރީފް (އިބޫ) އެވެ. އިބޫ އާއި ސްމައިލީގެ އިތުރުން ތުލުސްދޫގެ އަންމަޑޭ ވެސް ވަނީ 2018 ވަނަ އަހަރު ޖަޕާނުގައި އޮތް މުބާރާތުގައި ވާދަ ކޮށްފަ އެވެ.
ރާއްޖޭގެ ޖޫނިއާ ސްކޮޑުގައި 12 އެތުލީޓުން ހިމެނެ އެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި ވާދަ ކުރެވޭނީ އޭގެ ތެރެއިން ހަ އެތުލީޓުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy