ޔޫތު އަދި ޖޫނިއާ ގައުމީ ހޭންޑްބޯޅަ ޓީމަށް ޖޯޒީ ހަވާލް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
15 މެއި 2023 - 21:05
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށް ގެންދާ އައިއެޗްއެފް ޓޮރޮފީ އޭޝިއާ ބައްރުގެ ޒޯން 2 ގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ހޭންޑްބޯޅަ ޓީމާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ހޭންޑްބޯޅަ ޓީމު ވެސް ލީގު ބުރުގެ ފަހު މެޗުގައި ނޭޕާލް ބަލިކޮށް، މެޑަލް ހޯދުމުގެ އުންމީދު އާ ކޮށްފި އެވެ.
މިއަދު މެންދުރު ރާއްޖޭގެ 17 އަހަރުން ދަށުގެ ޔޫތު ޓީމުން ނޭޕާލް ބަލިކުރީ 42-11 އިންނެވެ. ދިވެހި ޓީމުގެ ފާތިމަތު އަމާނީ އަހުމަދު ޝިޔާމް މިއަދުގެ މެޗުގައި 10 ގޯލް ޖެހި އެވެ. ހައްވާ މިލްހާނާ މުހައްމަދު މާހިރު މެޗުގައި 8 ގޯލް، ފާތިމަތު އަޝާ ރަޝީދު ފަސް ގޯލު ޖެހި އެވެ. އައިޝަތު އީޝަލް އަލީ އާއި އައިޝަތު ޔަފްއާ އަހުމަދުގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖަހާފައި ވާއިރު، މީފާ ބިންތި މަޖީދު ތިން ގޯލު ޖަހައި ދިނެވެ. އައިޝަތު ޒިއާނާ ރިޔާޒާއި ފާތިމަތު ލީމް ރިޝާދު އަދި އައިޝަތު އައިނީ ހުސެއިން މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހި އެވެ. މަރިޔަމް މާހާ ސުހައިލް އާއި ތީބާ އަބްދުﷲ ވެސް މެޗުގައި ގޯލެއް ޖެހި އެވެ.
ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޖޫނިއާ ޓީމުން ނޭޕާލް ބަލިކުރީ 25-10 އިންނެވެ. މި މެޗުގައި އައިޝަތު އިބާ އަހުމަދު ފަސް ގޯލު ޖަހާފައި ވާއިރު، ފާތިމަތު ޝާޔާ މުހައްމަދު ހަތަރު ގޯލް ޖަހައިދިނެވެ. އައިޝަތު އީޝާ އާއި އީނާ އަހުމަދު އަދި ފާތިމަތު ތުހުފާ ވެސް މެޗުގައި ތިން ގޯލު ޖެހި އެވެ. މީގެ އިތުރުން ޒުހާ ރަޝީދު އަދި ނޫރާ އަބްދުލް ހަމީދު ވެސް ދެ ގޯލު ޖެހިއިރު، އައިޝަތު ރަނާ ނަސީރާއި މަރިޔަމް ޔާނާ ނާސިހު ވެސް ގޯލެއް ޖެހި އެވެ.
މިއީ މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.
ކޮންމެ އުމުރުފުރައެއްގައި ވެސް ހަތަރު ގައުމަކުން ވާދަކުރާ އެ މުބާރާތުގައި، ރާއްޖެ އާއި ނޭޕާލްގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. ފައިނަލް މެޗު ކުޅޭނީ ލީގު ބުރުގެ ނަތީޖާ އެންމެ ރަނގަޅު ދެ ޓީމެވެ. ބާކީ ދެ ޓީމު ޖެހޭނީ ތިންވަނަ ހޮވާ މެޗު ކުޅޭށެވެ.
ރާއްޖޭގެ ޒުވާން ދެ ޓީމާއި ނޭޕާލްގެ ދެ ޓީމު ވެސް ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ.
މިއަދުގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިއަސް، މާދަމާ ކުޅެން ހަމަޖެހިފައިވާ ތިންވަނަ ހޮވާ މެޗުގައި ދެ ޓީމު ވެސް ކުޅެން ޖެހޭކަން އޮތީ ޔަގީން ވެފަ އެވެ. ތިންވަނަ ހޮވާ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެން ޖެހޭތީ، މިއަދުގެ މެޗުތަކުން މޮޅުވެގެން ރާއްޖޭގެ ދެ ޓީމުން ވެސް މިވަނީ މެޑަލް އެއްގެ އުންމީދު ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާއްބެ
16 May 2023
ސާބަހޭ އަހުމަދު އިސްމާއިލް ގެ ސޮޕިން ދަތުރު