ވޯލްޑް ސާފިން ގޭމްސް އަށް ދާ ސްމައިލީ (ކ)، ހޫބްޒް (މ) އަދި އަންމަޑޭ (ވ).-- ފޮޓޯ: ޔޫތު މިނިސްޓްރީ
25 މެއި 2023 - 11:14
އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ މި އަހަރުގެ ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ތިން އެތުލީޓުން، އެލް ސަލްވަޑޯ އަށް ރޭ ފުރައިފި އެވެ.
މި މަހުގެ 30 އިން ޖޫން 7 އަށް އެލް ސަލްވަޑޯގައި ބާއްވާ އެ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ސްކޮޑްގެ އެތުލީޓުންނަކީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި އަހުމަދު އާގިލް (އަންމަޑޭ) އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ.
އެތުލީޓުންނާއި ކޯޗު ކްލައިޑް މާޓިންއާ އެކު، ދިވެހި ޓީމުގައި ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ނައިބު ރައީސް ޝާހިދު އަމީން (ޝާޑް) ވެސް ބައިވެރިވި އެވެ.
މިއީ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖޭން ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ވޯލްޑް ސާފިން ގޭމްސްގައި ވެސް ދިވެހި ޓީމު ވާދަކުރި އެވެ. އަންމަޑޭ އާއި ސްމައިލީ ވަނީ އެ މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ. އެ މުބާރާތުގައި ދެން ވާދަކުރި ތާއްޖޭގެ ރާޅާއެޅުންތެރިއަކީ ހުސެއިން އަރީފް (އިބޫ) އެވެ.
ދުނިޔޭގެ އެންމެ މޮޅު ރާޅާއެޅުންތެރިން ވާދަކުރާ އެ މުބާރާތުގައި ރާއްޖޭން ވާދަކުރި ފުރަތަމަ ފަހަރު ނިންމާލީ ފިރިހެނުންގެ ބައިން ރޭންކިންގެ 30 ވަނައިގަ އެވެ. ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ މި އަހަރުގެ އަމާޒަކީ ރޭންކިންގެ ގަދަ 20 ގެ ތެރޭގައި ހިމެނުމެވެ.
ދިވެހި ސާފިން ގައުމީ ޓީމުގެ ސްމައިލީ އާއި އަންމަޑޭ އަދި ހޫބްޒްގެ އިތުރުން، އިބޫ އާއި ޖައިލަމް ނިޒާރު އަދި ނަޖާހު މުހައްމަދު (ކަބޯ) ވެސް ހިމެނެ އެވެ. މި އަހަރުގެ ވޯލްޑް ސާފިން ގޭމްސް އާއި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުން އަންނަނީ ދެކުނު އެފްރިކާގެ ތަޖުރިބާކާރު ކޯޗު ކްލައިޑް މާޓިންގެ އިރުޝާދުގެ ދަށުން ފެބްރުއަރީ މަހުން ފެށިގެން ފަރިތަ ކުރަމުންނެވެ.
ދިވެހި ސާފް ލީގުގެ ފަސް އިވެންޓުގެ ތެރެއިން މިހާތަނަށް މި އަހަރު ދެ މުބާރާތެއް ވަނީ ބާއްވައިފަ އެވެ. ދެ އިވެންޓަށް ފަހު މިވަގުތު ލީގުގެ ރޭންކިން އަށް ބަލައިލާއިރު އަންމަޑޭ އޮތީ ތިންވަނައިގަ އެވެ. ހޫބްޒް ފަސްވަނައިގައި އޮތްއިރު، އެންމެ އިވެންޓެއްގައި ވާދަކުރި ސްމައިލީ އޮތީ 12 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެޓް
25 May 2023
އިންޝާﷲ، ތިކުދިންނަށް ރަގަޅު ކާމިޔާބީއަކަށް އެދެން.