ކުޅިވަރު / ސްޕެޝަލް އޮލިމްޕިކްސް

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް: އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަންގައި ވެސް މިފަހަރު ރާއްޖޭން ވާދަކުރަނީ

މިއަހަރުގެ ވޯލްޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ޖޯޒީ ހަވާލް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި މަހުގެ 17-25 އަށް ޖަރުމަންގެ ވެރިރަށް ބާލިންގައި ބާއްވާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި މިފަހަރު ރާއްޖެއިން ބެޑްމިންޓަން އެތުލީޓުން ވެސް ބައިވެރި ކުރުވަން ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްއިން ނިންމައިފި އެވެ.

ސްޕެޝަލް އޮލިމްޕިކްސް ރަސްމީކޮށް ރާއްޖޭގައި ފެށީ 2019 ވަނަ އަހަރެވެ. އަދި އެ އަހަރު ރަސްމީ ސިފައެއްގައި ރާއްޖޭން ވަނީ އަބޫ ދާބީގައި ބޭއްވި ވޯލްޑް ގޭމްސްގައި ވާދަ ކޮށްފަ އެވެ. އެ ފަހަރު ރާއްޖޭން ވާދަކުރީ ހަމައެކަނި އެތުލެޓިކްސްއިން އެކަންޏެވެ.

އެ މުބާރާތުގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދާފައި ވާއިރު، ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހަތަރު ވަނަ ކެޓަގަރީން ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ބެޑްމިންޓަން ދެ އެތުލީޓުންނާއި އެތުލެޓިކްސްގެ ހަތަރު އެތުލީޓުން ގޭމްސްގައި ވާދަ ކުރާޏެ އެވެ. . ބެޑްމިންޓަންގެ ދެ އެތުލީޓުން ވެސް ވާދަ ކުރާނީ ސިންގަލްސް އިވެންޓުގަ އެވެ. އެތުލެޓިކްސްގައި 100 މީޓަރާއި 200 މީޓަރު އަދި ސްޓޭންޑިން ޖަމްޕް އިވެންޓްގައި ރާއްޖޭން ވާދަކުރާނެ އެވެ.

މި ފަހަރު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަށް މިއަދު ހަވީރު ވަނީ ޖޯޒީ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތުލީޓުންނަށް ޖޯޒީ ހަވާލު ކޮށްދެއްވީ ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އެތުލެޓިކްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަކީ ހަސަން ސުޖޫދް ނާޝިދު، އިބްރާހިމް ހުމެއިދު މުހައްމަދު، އައިޝަތު ލައިކާ ހަސަން އަދި ޒާނާ އަލީ ޝަރީފް އެވެ. އެތުލެޓިކްސް ޓީމުގެ ކޯޗުންނަކީ އަހުމަދު ނިޒާޟް އާއި އައިޝަތު މައުވާ އެވެ.

ބެޑްމިންޓަންގައި ރާއްޖޭން ވާދަކުރާނީ އައިޝަތު މާނިޔާ އާދަމް އާއި މުހައްމަދު ރާއިފް ޝަރީފް އެވެ. ކޯޗުންނަކީ އަލީ ޝަރުމީލް އާއި އައިޝަތު އަފްނާން ރަޝީދު (ނާނު) އެވެ.

މި ދަތުރުގައި ރާއްޖޭގެ ޑެލިގޭޝަންގެ އިސް ފަރާތެއްގެ ގޮތުގައި ފާތިމަތު ފައިރޫޒާ އާދަމް ބައިވެރިވާއިރު އެސިސްޓެންޓެއްގެ ގޮތުގައި ބައިވެރިވާނީ އިބްރާހިމް ރަމީޒް އެވެ. އަދި ޓީމްގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ އަބްދުﷲ ޝާހް އެވެ.

ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ ޓެކްނިކަލް އަދި ސްޕޯޓްސް ޑިރެކްޓަރު އިބްރާހިމް ރަމީޒް ވިދާޅުވީ، މިއަހަރު ދެ ކުޅިވަރުން ރާއްޖެއަށް ފުރުސަތު ލިބުނު ނަމަވެސް ކުރިއަށް އޮތް މުބާރާތަކަށް ސްވިމިން އާއި ބާސްކެޓްބޯޅައިގެ އިތުރުން ވެސް ގިނަ ކުޅިވަރުތަކަކުން ފުރުސަތު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެއަށް މުބާރާތުގައި ވާދަކުރުމުގެ ކޯޓާ މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައި ވާއިރު އެ މަހު ވަނީ އެތުލެޓިކްސްގެ ތަމްރީނުތައް ފަށައިފަ އެވެ. އަދި ބެޑްމިންޓަން ތަމްރީނުތައް ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. މި އަހަރުގެ ގޭމްސްގައި ގާތްގަނޑަކަށް 190 ގައުމަކުން 7،500 އެއްހާ އެތުލީޓުން ވާދަކުރާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު ޑީޑީ

08 June 2023

2011 ވަނަ އަހަރު އެތަންސްގައި ބޭއްވި ސްޕެސިއަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ވެސް ދިވެހިރާއްޖެއިން ބައިވެރިވެ ކާމިޔާބު ހޯދި. 2011 ވަނަ އަހަރު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ސްޕެސިއަލް އޮލިމްޕިކްސް އޮފް މޯލްޑިވްސް އެމުބާރާތުގައި ބައިވެރިވީ. ރަސްމީކޮށް ފެށުން މިމާނަކުރަނީ ކިހިނެއްތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454