އަންހެން ޗެމްޕިއަން ރެޑްހޯކްސް އަދި ފިރިހެން ޗެމްޕިއަން ޒެފްރޯލް.-- ފޮޓޯ: ސިޑިބަރި
11 ޖޫން 2023 - 10:28
ހަވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ޒެފްރޯލް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
ޒެފްރޯލް ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެނެވެ. ރޭ ކުޅުނު ފައިނަލް މެޗުން މޮޅުވީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 45-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފްރޯލްގެ އަބްދުﷲ ޒިޔާއު އެވެ.
އަންހެން ޑިވިޝަންގެ ފައިނަލުގައި ކީން ސްޕޯޓްސް ކްލަބް ބައިކޮށް ރެޑްހޯކްސް ޗެމްޕިއަންކަން ހޯދީ 28-22 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ރެޑްހޯކްސްގެ ފާތިމަތު ޖުނާ، ގޯލްކީޕަރު އައިޝަތު އާލާ އަލީ، ކީން ގެ ފާތިމަތު މައާލް އަހުމަދު، ފާތިމަތު ރިސްމާ، އޮރިކްސް ހޭންޑްބޯލް ކްލަބްގެ ފާތިމަތު އަރުޝާ، ރަފާހާ އިބްރާހިމް އަދި ތުޅާދޫ ޔަންގް އީގަލްސް ކްލަބްގެ މަރިޔަމް ހަމްނާ އެވެ.
ފިރިހެން ޑިވިޝަންގެ އެނެމް މޮޅު ހަތް ކުޅުންތެރިންނަކީ ޒެފްރޯލްގެ ޒިޔާއު، އަބްދުﷲ ޒަހުވާން އިމްތިޔާޒް، މުހައްމަދު ފިރުނާޝް އަބްދުﷲ، ގޯލްކީޕަރު މުހައްމަދު ރަމީޒް، ސިފައިންގެ ކްލަބްގެ އަހުމަދު ނަސީރު، މުހައްމަދު ޝަމާލް އަދި ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދެވެ.
މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި 17 ޓީމެއް ވާދަ ކުރި އެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ޓީމުތައް ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަން ކުރިއަށް ގެންދިޔައީ ވާދަކުރި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ހޭންޑްބޯޅަ އެސޯސިއޭޝަނުން ބާއްވާ ގައުމީ މުބާރާތް ތާވަލް ކުރެވިފައި ވަނީ އޮކްޓޫބަރު މަހަށެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތް ބާއްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy