އިންޑިއާ އާއި ކުވެއިތު ބައްދަލުކުރި ގުރޫޕް އޭގެ ފަހު މެޗުގައި ސްޓިމަކް (މ).-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
01 ޖުލައި 2023 - 11:07
އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ދެ މެޗަށް ސައްޕެންޑް ކޮށް 500 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.
ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކުމުން، ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް އޭނާ ހުރީ ސަސްޕެންޑް ވެފަ އެވެ. އޭގެ ފަހުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުވެއިތާ ދެކޮޅަށް ވެސް އޭނާ އަށް ރަތް ކާޑެއް ދެއްކި އެވެ.
"ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ހިނގައިދިޔަ ކަންކަމާ ހިލާފަށް ފަހު މެޗުގައި އޭނާ ކުރީ މާ ބޮޑު ކުށެއް. ރަތް ކާޑާ އެކު ދަނޑުން ފައިބަމުން އޭނާ ވަނީ މެޗުގެ އޮފިޝަލުންނާ ދިމާއަށް ދޭއަދަބީ ބަހުރުވަ ބޭނުން ކޮށްފައި،" ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގް ވިދާޅުވި އެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގައި ސްޓިމަކް އަށް ރަތް ކާޑު ދެއްކި ފުރަތަމަ މުބާރާތެއް ނޫނެވެ. ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެމުން ވެސް ސްޓިމަކް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއާ ގުޅިގެން އެ އަހަރުގެ ފައިނަލްގައި އިންޑިއާ ޓީމަށް އިރުޝާދު ދިނީ އޭރުގެ އެސިސްޓެންޓް ކޯޗު ޝަންމުގާމް ވެންކަޓޭޝް އެވެ.
މިއަދު އިންޑިއާ އިން ސެމީ ފައިނަލްގައި ލެބަނަން އާ ދެކޮޅަށް ނުކުންނައިރު، ޓީމަށް އިތުޝާދު ދޭނީ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ އެވެ. ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށް ފައިނަލުން ޓީމު ފުރުސަތު ހޯދިއަސް ޓީމުގެ ބެންޗުގައި ހަރަކާތްތެރި ވާނީ މަހޭޝް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy