ރޭގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެންޕީ
15 ޖުލައި 2023 - 00:31
ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެފަދަ ކަމެއް ސާބިތެއް ވެސް ނުވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްއެންޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލައްވައިގެން ހުންނެވީ ވަރަށް ސާބިތުކަމާ އެކު، ފަސްބައިގައި ކަމެއް ނެތީމަ ކަމަށެވެ. އޭނާގެ މައްޗަށް އެއްވެސް ކަހަލަ ތުހުމަތެއް ކުރެވޭނެ ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ނާޒިމް އެހެން ވިދާޅުވީ ސިފައިންގެ ފްލެޓްތައް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަމެއް ކޮށްފައިވާނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"މީހުންގެ ބޮލުގައި ތުހުމަތު ނާޅުވާށޭ. ތަހުގީގު ކުރައްވާށޭ. އަޅުގަނޑުމެން މި ތިބީ ކޯޕަރޭޓް ކުރަން. ގެންދަވާ އޭސީސީ އަށް. ގެންދަވާ ފުލުހަށް. އަޅުގަނޑު މި ދަންނަވަނީ އެއްވެސް ކަމެއް ސާބިތެއް ނުކުރެވޭނެއޭ. ރާއްޖޭގެ ކޮރަޕްޝަންގެ ވާހަކަ ދައްކައިގެން އަޅުގަނޑުގެ މައްޗަށް ލާހިކެއް ނޫން ކަމެއް ސާބިތު ކުރާކަށް،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
"މީހަކަށް ވެސް ބުނެވެން ނޯންނާނެ އަޅުގަނޑު ލަނޑެއް ދިނޭ، ދޯކާ ދިނޭ، މީހަކަށް ދޭންވީ އެއްޗެއް ވެސް ނޯންނާނެ."
ނާޒިމް ވިދާޅުވިގޮތުގައި، އޭނާއަކީ ލިބުނު މިންވަރަކުން ދިރިއުޅުމުގެ ކަންކަން ބިނާކުރައްވާ ބޭފުޅެކެވެ. މާބޮޑު ގެދޮރެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ. ލޯބި ކުރައްވަނީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް "އުޖާލާ ޒަމާނެއް" ލިބުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭން. ފުދުންތެރި ބަޔަކަށް ވުން. އަޅުގަނޑުމެން އެންމެން ގުޅިގެން އުފާވެރި މާހައުލެއް ގާއިމްކޮށްގެން އުފާވެރިކޮށް ދިރިއުޅިފައި ދާންވީއޭ. އެއްވެސް ގޮތަކަށް ފިކުރު ކުރުމުގެ ބޭނުމެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުން ނިކަމެތިވެ ފިކުރުކުރަން ޖެހިފައިވަނީ އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ސަރުކާރުތަކުން ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދޭތީ އެވެ. ކެމްޕެއިންގައި ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ފެނިވަޑައިގަންނަވަނީ ވަރަށް ހިތްދަތި މަންޒަރުތަކެއް ކަމަށާއި ރައްޔިތުން ތިބީ ނިކަމެތިވެ، ބާކީ ވެފައި ކަމަށް ނާޒިމް ވިދާޅުވި އެވެ..
ބައެއް ރަށްރަށުގެ ހާލަތު ވަރަށް ދެރަކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެއްވެސް ރަށެއް ބާކީ ނުކުރާ ސިޔާސަތު މި ސަރުކާރުން ގެންގުޅޭ ކަމަށް ބުންޏަސް، އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، އޭނާ ވަޑައިގެންނެވި ރަށެއްގައި އިންޖީނުގޭގެ ހުރީ ވަށައި ޓިނު ޖަހާފައި ކަމާއި އޭގެ ދުންތައް މުޅި ރަށުގައި އޮންނަ ކަމަށް ވިދާޅުވި އެވެ.
އެކަމަކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް އޭނާ އިންތިހާބުކޮށްފި ނަމަ، އެކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިންތިހާބުކޮށްފި ނަމަ މާޔޫސްކަމެއް ނާންނާނެ. އަންނާނީ އުފާވެރިކަން. ތިޔަބޭފުޅުންނަށް އަންނާނީ ފުދުންތެރިކަން،" ނާޒިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފްލާވަރ
16 July 2023
އަމިއްލަގެ ސީނުކަރަންކާގެ ބަހާލިގޮތޯ!!!
ކޮވެލި
15 July 2023
ސިފައިންގެ ވަޒީފާގައި އުޅެ ދިވެހި ދައުލަތަށް ފާޅުގައި ޣައްދާރު ވެފައިވާ މީހެއް. ވެރިއަކަށް ވުމުގެ ފުރުސަތު ހަނދާން ނައްތާލާ
އިބިރަހިމާ
15 July 2023
ފުރެންޑޫ.. އާރތޫރު ބްރަދާސް. އާރތޫރު. އެނަން ކިޔާ އަޑު އެހިންތަ؟
މިސްޓަރ ޓިނޭ
15 July 2023
ކަނޑައެޅިގެން ރަތްލާޖެހި ބާއީއެއް
ކޮވެލި
15 July 2023
ބާއީ އެއްކަން ސާބިތު
ދިއްކުރާނެ އިނގިލި ވަރަށް ދިގު
15 July 2023
އާނ އާންމުނަށް ނޭނގިދާނެ. ސިފައިންގެ 4 ފާރު އެތެރޭގަ އުޅޭ ގިނަ މީހުންނަށް އިނގޭނެ ތީ ކާކުކަމާ ހިންގާފަ ހުރި ކޮރަޕްޝަންތައް ވަކިވަކީން. ސާބިތުވެސް ކުރެވޭ ވަރަށް ހެކިވެސް ހުންނާނެ. ރިޝްވަތު ދިނުމަކީވެސް ކޮރަޕްޝަން. އުސޫލުން ބޭރުން ކަންކަން ކުރުމަކީވެސް ކޮރަޕްޝަން. ސިފްކޯ/ސިވެކް ފައިސާ ހިތުހުރިގޮތަކަށް ނެގުމަކީވެސް ކޮރަޕްޝަން. ބަގާވާތައްފަހު ގޮތްނޭނގޭ 4 މިލިއަން ޑޮލަރު އެކުންފުނިތަކަށް ވެއްދުމަކީވެސް ކޮރަޕްޝަން. ސިފައިންގެ ފްލެޓު 125 މިލިއަން ކޮބާ؟
އަހިމަދު ޝޭކް
15 July 2023
ހަތިޔާރު ސުމަގްލް ކުރި ވާހަކައެއް އަޑި އެހިން. ބްރޯ އާއި މައްސަލަ ޖެހުނި ފައިސާ ބެހުމުގަޔޯ ވެސް އަޑު އެހިން. މީގެ ޖަވާބު ޕްލީސް
ހަސަންޑީ
15 July 2023
އޭރު ކަންހިގި ގޮތާ ކަންކުރިގޮތް ހަދާން އެބަހުރި އިންޝާﷲ ބޮޑުތަނުން ބަލިވާނެ....
ސައިޚް
15 July 2023
މިގައުމު ފުނޑާލި، މިގައުމުގަ އޮތް ރީތި ސާދާ ވެރިކަމެއް ހަރާން ބަޣާވާތަކުން ވައްޓާލި، މިރާއްޖޭގެ އެތައްބައަކަށް އޭގެ ސަބަބުން ބޮޑެތި އަނިޔާލިބުނު، މީކުޑަކަމެއްބާ.؟
އެމް ޑަބްލިއު އެސް އީ
15 July 2023
ކޮބާ ފެން ފަންޑުން ނެގި ލާރިގަނޑު