ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ހުސާމްގެ ގޯލުތަކުން ސަސް އިން ބުރު ބަލިކޮށްފި

ހުސާންކޮ، ބުރުގެ އަބްދުﷲ ޖުނެއިދު (ކ) އަދި އަލީ އިޝްފާގު ހަސަން މަޖީދު (ވ) ކައިރިން ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

އަހުމަދު ހުސާމް (ހުސާންކޮ) ގެ ދެ ގޯލުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އެޓީމުގެ ފަހު މެޗުގައި 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މި މެޗުގެ ކުރިން ދެ ޓީމު ވެސް ބަލި ވެފައި ވަނީ ލީގުގެ އެންމެ ކުރީގައި އޮތް މާޒިޔާ އާއި އީގަލްސް އަތުންނެވެ. މިއަދުގެ މޮޅާ އެކު ސަސް މިވަނީ ޓޭބަލްގެ ތިންވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މެޗު ކާމިޔާބު ކޮށްގެން ސަސް އިން 15 ޕޮއިންޓް ހަމަކުރި އިރު، އަލަށް ޕްރިމިއާ ލީގު ކުޅޭ ބުރު ހަތަރުވަނައިގައި އޮތީ 12 ޕޮއިންޓާއެކު އެވެ.

ގަލޮޅު ދަނޑުގައި ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބުރަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދިފައެއް ނުވެ އެވެ. ހުސާންކޮ ސަސް އަށް ލީޑު ނަގައިދިނީ މެޗުގެ ހަވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި މުހައްމަދު ޝަހާއު (ބޭލް) ދިން ބޯޅައެއް ހޯދައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން އަލީނަސޫހު ރަޝީދު (ޕިލާ) ފޮނުވާލި ހަމަލާއެއް ދިފާއު ކުރީ ބުރުގެ ކީޕަރު ޝައިހާން އަލީ އެވެ.

ދެވަނަ ހާފުގައި ބަދަލުތަކާ އެކު ކުޅެން އެރި ބުރުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ފަސް މިނިޓުތެރޭ ވެސް ގޯލު ޖަހަން ފުރުސަތު ހޯދި އެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހުސާންކޮ ސަސް އަށް ލީޑު ފުޅާ ކޮށްދިނީ 50 ވަނަ މިނިޓުގައި އަހުމަދު އައިހަމް (ފަތޯ) ދިން ބޯޅައެއް ހޯދައި އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މިއީ ލީގުގައި ހުސާންކޮ ކާމިޔާބުކުރި ހަވަނަ ގޯލެވެ. ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށައިގެން މިހާތަނަށް އެޓީމު ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފަ އެވެ. އީގަލްސް ކޮޅަށް އެއް ގޯލު ކާމިޔާބު ކުރިއިރު ވެލެންސިއާ ކޮޅަށް ދެ ގޯލު ޖެހި އެވެ. އަދި މިއަދުގެ މެޗުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު ޓީސީ ކޮޅަށް ވެސް ހުސާންކޮ ގޯލެއް ޖެހި އެވެ.

ފުރަތަމަ ހާފުގައި ސަސް އަށް ލީޑު ނަގައިދިނުމަށް ފަހު އެޓީމުގެ ހުސާންކޮ (މ) އާއި ބޭލް (ކ) އަދި ޕިލާ އާއެކު.-- ފޮޓޯ: އެފްއޭއެމް

ސަސް އިން ލީޑު ފުޅާކުރިތާ ހަ މިނިޓް ފަހުން ބުރުން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ކެޕްޓަން އަހުމަދު ރަޝީދު (އަންމަޑޭ) އެވެ. އޭނާ މި ގޯލު ޖެހީ މި ހާފުގައި ކުޅެން އެރި އަހުމަދު ސުލެއިމާން ގޯލު ރޮނގު މައްޗަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

މި ހާފުގައި ބުރުގެ މުހައްމަދު ނާއިމް އާއި ފާރޫގު އިސްމާއިލް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ސަސްގެ ގޯލްކީޕަރު އަބްދުﷲ ޒިމާމް ދިފާއު ކުރި އެވެ.

މެޗުގެ ފަހު ވަގުތު ސަސްގެ ބަދަލު ކުޅުންތެރިޔާ ވިޝާހު އަބްދުލް މަޖީދު، ބުރުގެ ސުލެއިމާނަށް ފައުލް ކުރުމުން ސުލެއިމާން، ވިޝާހާ ދިމާއަށް ދިޔުމުން ރެފްރީ ވަނީ ސުލެއިމާނަށް ރީނދޫ ކާޑު ދައްކައިފަ އެވެ. ނަމަވެސް ވިޝާހު އަށް ކާޑު ނުދައްކާތީ އެކަމާ ނުރުހުން ފާޅުކުރި ބުރުގެ ދެ އޮފިޝަލަކަށް ރެފްރީ ހުސެއިން ޒަހީރު ރަތް ކާޑު ދެއްކި އެވެ.

އޭގެ ތެރެއިން ފުރަތަމަ ކާޑު ދެއްކި މެނޭޖަރު މުހައްމަދު ހަސަން ރެފްރީ ކޮއްޕާލައި ހަމަލާދޭން މަސައްކަތް ކުރިއިރު، ޓީމް ސްޓާފް ހުސެއިން އާލިމް އަށް ކާޑު ދެއްކީ އޭނާ ގޮސް ރެފްރީގެ އަތުން ރަތް ކާޑު އަތުލައި އެއްލާލުމުންނެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިހްސާސް..

04 August 2023

ދެން ތިޔަ ރެފްރީއަށް ތިޔަމީހުން މަގުމަތިން ކަންނޭގެ ދިމާކުރާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454