ކުޅިވަރު

އުދައަރައިގެން ވޯލްޑް ޓުއާ މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓްތަކަށް މަޑުޖެހުމެއް

ބޮޑީ ބޯޑިން ވޯލްޑް ޓުއާ މުބާރާތުގައި އެތުލީޓަކު ރާޅާ އަޅަނީ: މުބާރާތުގެ އިވެންޓްތައް އިއްޔެ ފެށި ނަމަވެސް އުދައަރައިގެން އިއްޔެގެ އިވެންޓްތައް ފުރިހަމަ ނުކުރެވުނު .-- ފޮޓޯ: ޕަބްލޯ ހިމެނޭޒް | އައިސީބީ

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުންނާ އެކު އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ 2023،ގެ އިވެންޓްތައް މާލޭ ވަރުނުލާ ރާޅުގަނޑުގައި އިއްޔެ ފަށިނަމަވެސް މެންދުރު ފަހު މާލެ އަށް އުދަ އެރުމުން އިއްޔެގެ އިވެންޓްތަކަށް މަޑުޖެހުމެއް އަތުވެއްޖެ އެވެ.

މުޅި އެކު 16 ގައުމަކުން 86 ބޮޑީބޯޑަރުންނާއެކު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ރާއްޖޭގެ ސަގާފީ މިއުޒިކާއި ނެށުމުގެ އެކިއެކި ހަރަކާތްތަކާ އެކު ހުކުރުދުވަހު ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޭއްވި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޒްނާ ވަނީ، ބޮޑީބޯޑިންގައި ރާއްޖޭގެ އެތުލީޓުން ހޯދާ ކާމިޔާބީތައް ފާހަގަކޮށްފަ އެވެ. އަދި ރާއްޖޭގައި ކުޅިވަރު ތަރައްގީ ވަމުން އަންނައިރު، މޫދުކުޅިވަރުތައް ތަރައްގީ ކުރާނެ ވަސީލްތްތަކާއި ޖާގަ ހުރުން މުހިއްމު ކަމަށް ދެކޭކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އައިސީބީ

އިއިބީސީގެ ސީއީއޯ އަދި ވޯލްޑް ޓުއާ މެނޭޖަރު، ގްލެން ކުއާވޭސް ވިދާޅުވީ ރާއްޖޭގައި ޓުއާ ބޭއްވުމަކީ އަބަދުވެސް ހުވަފެނެއް ކަމަށާއި، މިދިޔަ އަހަރު އެ ހުވަފެން ސީދާވެ، މިއަހަރު ވެސް މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުމަކީ ޓުއާ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިއަހަރު މުބާރާތުގައި ވެސް ހަތަރު އިވެންޓެއް ކުރިއަށް ދާނެ އެވެ. އެއީ މެންސް އޯޕަން، މެންސް ޖޫނިއާ، ވިމެންސް އޯޕަން އަދި ޑްރޮޕް ނީ އެވެ. ރާއްޖޭގެ 14 ބޮޑީބޯޑަރުން މިއަހަރު ވާދަ ކުރާއިރު، އޭގެ ތެރޭގައި ވައިލްޑް ކާޑް އެތުލީޓުންނާއި ފްރީ ޕާސް ލިބުނު އެތުލީޓުން ހިމެނެ އެވެ.

ޖޫނިއާ ބައިން އިއްޔެ ހެނދުނު ހީޓްތައް ފެށި ނަމަވެސް، ދިޔަވަރު ބޮޑުވެ ކުރިއަށް ނުގެންދެވޭ ވަރު ވުމުން އިއްޔެގެ މެންދުރު ފަހު ސެޝަންގެ ހީޓްތައް ކުރިއަށް ނުގެންދެވުނެވެ.

ފިރިހެން ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު ސްކޯ އެއް ހޯދީ މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ޖޯޖް ހެނާންޑޭޒް އެވެ. އޭނާ ވަނީ ދެވަނަ ހީޓުގައި ވާދަކޮށް 14.75 ޕޮއިންޓް ހޯދައި، ސީދާ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ސީދާ ތިންވަނަ ބުރުން ޖާގަ ހޯދި ރާއްޖޭގެ އެތުލީޓަކީ، ހަތަރުވަނަ ހީޓުގައި ވާދަކުރި އިޔާން އަހުމަދެވެ. އިޔާން އެ ހީޓުގެ ދެވަނަ ހޯދީ 7.75 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް ހީޓުގެ ހަތަރުވަނައަށް ދިޔަ މުހައްމަދު އަޒާން އަށް ޖެހެނީ ދެވަނަ ބުރުގައި ވާދަ ކުރާށެވެ.

މީގެ އިތުރުން ފުރަތަމަ ހީޓުގައި ވާދަކުރި ރާއްޖޭގެ އާމިން އުމަރު މޫސާ އަށް ހީޓުން ތިންވަނަ ލިބުނުއިރު، އެ ހީޓުން ހަތަރުވަނައަށް ދިޔައީ މުހައްމަދު ޖަރީޝް އެވެ. ތިންވަނަ ހީޓުގައި ވާދަކުރި މުހައްމަދު ޝިބުތު އަށް ވެސް ހީޓުން ލިބުނީ ތިންވަނަ އެވެ. މި ތިން އެތުލީޓުން ވެސް ދެވަނަ ބުރުގައި ވާދަ ކުރާނެ އެވެ.

އިއްޔެ އޮތް ޑްރޮޕް ނީ ބައިގެ ފުރަތަމަ ބުރުން އެންމެ ރަނގަޅު ސްކޯ އެއް ހެދީ މިދިޔަ އަހަރުގެ ޗެމްޕިއަން މިދިޔަ އަހަރުގެ ޗެމްޕިއަން ޑޭވިޑް ހަބާޑް އެވެ. ދެކުނު އެފްރިކާގެ އިއާން ކޭމްބެލް އާއި ފްރާންސްގެ އޮލިވިއާ މަރިމޫޓޫއާ ވާދަކޮށް ހަބާޑް ވަނީ 15 ޕޮއިންޓް ހޯދައިފަ އެވެ.

މި ބައިގެ ހަތަރުވަނަ ހީޓުގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ ވަނީ، ދެ ފަހަރު ވޯލްޑް ޓުއާ ކާމިޔާބު ކުރި ފްރާންސްގެ އަމޯރީ ލެވާނޭގެ ފަހަތުން ހީޓްގެ ދެވަނަ ހޯދައި، ތިންވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ޑްރޮޕް ނީ ބައިގައި ވާދަކުރާ ރާއްޖޭގެ ދާއޫދު ފަޒީހް އަށް ޖެހެނީ ދެވަނަ ބުރުގައި ވާދަ ކުރާށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454