އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އެންމެ ފަހު ވަގުތު ފުށިދިއްގަރު ފަޅުންނާއި އެ ނޫން ތަންތަނުން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ލިޔުން ދީފައިވާ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިނަރެސް ތަޅުދަނޑި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 އޯގަސްޓް 2023 - 18:54
ކުރީ ސަރުކާރުން ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައިދޭން ކުއްލި ގޮތަކަށް ނިންމައި، އެފަރާތްތަކަށް ދޫކޮށްފައިވާ ލިޔުން ހުށަހެޅުމަށް ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވީ، ސަރުކާރުން ފްލެޓާއި ގޯއްޗަށް އިއުލާނު ކުރުމުން ވަރަށް ގިނަ ފަރާތްތަކުން ކުރީގެ ސަރުކާރުން ގެދޮރު ދޭން ދީފައިވާ އެކި އެކި ލިޔުން ހިފައިގެން އަންނަ ކަމަށެވެ. އެކަމަކު އެލިޔުންތަކުގެ އެއްވެސް ރެކޯޑެއް އެ މިނިސްޓްރީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އެންމެ ފަހު ވަގުތު ފުށިދިއްގަރު ފަޅުންނާއި އެ ނޫން ތަންތަނުން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ލިޔުން ދީފައިވާ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
އަކްރަމް ކަމާލުއްދީން ގުޅިފަޅުން ފްލެޓް ލިބުނު ފަރާތްތަކަށް ރަމްޒީގޮތުން ތަޅުގަނޑި ހަވާލު ކުރަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ގޯތި ދޭނެ ކަމަށް ވައުދުވެ، ދީފައި ހުރި ލިޔުން. ސެޓްފިކެޓް ގޮތަށް އެބަ ހުރި. ގޯތި ލިބޭނެއޭ ކިޔާފަ. ފުށިދިއްގަރު ފަޅުން ވެސް ގޯތި ދޭނެ ކަމަށް އެބައޮތް ބައެއް ލިޔުންތަކުގައި. އެހެންވީމަ އަޅުގަނޑުމެން ހުޅުވާލަން މިއުޅެނީ އެފަދަ ފަރާތްތަކަށް ދީފައި ހުރި ލިޔުންތައް މިނިސްޓްރީއަށް އެއް ހަފްތާގެ ތެރޭ ހުށަހަޅުއްވަން. އޭގެ ސައްހަކަން ބަލައި އެބޭފުޅުންނަށް ގޮތެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ކުއްލި ގޮތަކަށް މި ނިންމުން ސަރުކާރުން ނިންމާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި މާލެ ސަރަހައްދުގައި އިއުލާނުކުރި މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ދޭނެ ކަމުގެ ލިޔުން ލިބުނު މީހުން ހިމެނޭ ގޮތަށް، ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވަނިކޮށެވެ.
މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާން ކުރުމަށް ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ، ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޭނާގެ ވެރިކަމުގައި ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށެވެ.
އޭރުން ބޯހިޔާވަހިކަން ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިރަނެސް ފްލެޓްތަކުގެ ގޮތުގައި 1.344 ފްލެޓް ހިމެނޭ 10 ޓަވަރު ވަނީ އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން ފްލެޓް ގަތް 140 ފަރާތަކަށް ވިނަރެސް ފްލެޓް ދޫކުރި އެވެ. ގުޅިގަޅުން ފްލެޓް ލިބި، ފައިސާ ދެއްކި ފަރާތްތަކަށް މި ސަރުކާރުން ވަނީ ވިނަރެސްއަށް އެފަރާތްތަކަށް ވަދެވެންދެން ކޮންމެ މަހަކު ބަދަލެއްގެ ގޮތުގައި 12،000 ރުފިޔާގެ އެހީއެއް ދެމުންދެ އެވެ.
އަކްރަމް ވިދާޅުވީ، ވިނަރެސް ފްލެޓުން ކުރީ ސަރުކާރުން އަމަލުކުރި ގޮތުން މަގު މަތިވި ގުޅިފަޅު ފްލެޓު ލިބުނު ފަރާތްތަކާއި ސީލައިފް އިން ފްލެޓް ގަތް ފަރާތްތަކަށް މިސަރުކާރުން ގޮތްތަކެއް ހަމަޖައްސާ ދީފައިވާ ކަމަށެވެ.
ވިނަރެސް އިން ފްލެޓް ލިބި ބައެއް މީހުން. ސަރުކާރުން ވަނީ ވިނަރެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް އަޅާފައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އޭރު ސަރުކާރުން މުހައްމަދު މުއިއްޒު މިނިސްޓަރަކަށް ހުންނަވައިގެން އެބޭފުޅުން ވަނީ އެ ފަރާތްތަކަށް [ގުޅީފަޅު ފްލެޓް ލިބުނު މީހުން] ވަރަށް އިހާނެތްތެރިކޮށް އަމަލު ކުރައްވާފައި. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ތަޅުދަނޑި ހަވާލުކުރަން ފުރަތަމަ ގެންދިޔަ ދުވަހު އެތަނަށް އެބޭފުޅުން ގެންދަވާފައި އިރުކޮޅަކުން ފުލުހުން އަރުވައިގެން އެއީ ދިރިއުޅެން ކަމުނުދާ ތަނެއް ކަމަށް ވިދާޅުވެ، އެމީހުން މަގުމަތި ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ ގުޅީފަޅުން 184 ފްލެޓް ވިއްކާފަ އެވެ. އެ ފްލެޓްތައް 158 ފަރާތަކުން ގަނެފައިވެ އެވެ. ގުޅިފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން 18 ފަރާތަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދިނެވެ. ބާކީ ފަރާތްތަކަށް ފްލެޓް ދޫކުރީ ވިނަރެސް ފްލެޓުންނެވެ.
ގުޅީފަޅުގެ އިތުރުން ސީލައިފް އިން 123 މީހުންނަށް އަދި ހިޔާ އިން ފްލެޓް ދޫކޮށްލި 78 ފަރާތަކަށް ވެސް ބިނަރެސް އިން ވަނީ ފްލެޓް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
22 August 2023
މިސަރުކާރުން ބިންވެރިކުރަން ހުށަހެޅި ބައެއް އެޕްލިކޭޝަންތަކަށް ކަންކަން ކުރީ ވަރަށް ގޯސްކޮށް ސިޓީލައިގެން މައްސަލަ ހުށަހެޅުމުން އެއްވެސް ޖަވާބެއްވެސް ނުލިބޭ. ފުރަތަމަ އެކަން ހައްލުކޮށްބަލަ.
ހައްގު ތެދު
22 August 2023
މަރައް ތެޅެނީ ވޯޓެއް ލިބޭތޯ
ވނރސ
22 August 2023
ވިނަރެއް ފުޅެޓުވެސް ކުށްޔަށް ދޭން ނިން މުން ރަގަޅު.ޑައުން ޕޭމަންޓު ހަމަ ވަން ދެން ބޮޑު ކުލި ދެން އަސްލު ކުލި.އެހެން ނުންނަމަގިނަ ބަޔަކު ކަޓާ މުއްސަދިން ނާ ނަހަމް ގޮތުގަ ފައިސާ ލިބޭ މީހުންނަށް ފުރުސަތު ލިބޭނެ.
ހުސެން ފުޅު
22 August 2023
ކޮބަ އަދިވެސް ނުވޭތޯ ސީލައިފުމީހުންނަށް ދައުލަތުން ހިންގާ ބޯހިޔާވަހިކަމުން ދޭން ކޯޓުގައި އެއްބަސްވި އެއްބަސްވުމަށް ޢަމަލުކުރަން، އެމީހުންނަށް އެގޮތަށް ދައުލަތުން އެއްބަސްވީ ނުވަތަ ދޭންޖެހުނީވެސް އެޗްޑީސީގެ އިހުމާލުން (ގޯސް ކޮށްކަންކަން ކޮށްފައި އޮތުމުން) އެކަން ފޫބައްދަން ވި އެއްބަސްވުމެއްގެ ދަށުން 2 އަހަރު ތެރޭގައި ދޭން ވި އެއްބަސްވުމަށް ޢަމަލު ނުކޮށް މިހާރު މިވަނީ 4 އަހަރު؟ މީ ދިވެހީންނަށް ނުވަނީ ތޯ؟ ހަމަ އެކަނި ވޯޓުލާން ތިބި ބޯތަކެއްތޯ؟
ލޮލް
22 August 2023
މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރިހައިރުން އަކޭ ހާދަކަޑަވީ!
ބޮޑުމީހާ
21 August 2023
ވޯޓް އަޅާ ދުވަހު ތިކަން ކުރަން އަދި މަޑުކޮށްލަންވީނުން. ކަމެއްކުރަން ދަންނަ ބައެއް ނޫންވީމާ ވާނެހުރިހާ ގޮތެއް މިވަނީ. މުއިއްޒު މިސަރުކާރުން ދޭ ލިޔުމަށް އޮނަރ ކުރާނެކަން އިއުލާންކުރީމާ ތެޅިފޮޅެގެން މިއުޅެނީ. ކުރީ ސަރުކާރުން ފްލެޓް ދިން އެތައް ބަޔެއްގެ އަތުން ފްލެޓް އަތުލާ މިމީހުން ނުހައްގު އެތައް ބަޔަކަށް ފްލެޓް ދީފަ މިވަނީ
ރައްޔިތުސޮރު
21 August 2023
ފޯރިއެއް އެބަހުއްޓެއްނު! ޤާނޫނު އަސާސީގަ މާލެ ޑިފައިން ކޮށްފަ އޮންނަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލި. މިނޫންތަނަކުން ގޯއްޗެއް ނުދެވޭނެ މާލެ މީހުންނަށް އެކަންޏެއް! ދެވޭނީ ހުރިހާ ދިވެހި ރައްޔިތުންގެމެދުގަ ހަމަހަމަ އުސޫލަކުން!
ގެދޮރު ނެތް މާލޭމީހާ
21 August 2023
ސީ ލައިފުން ލަނޑު ލިބިގެން ވިނަރެސް އިން އޮފާކުރީމަ ދިޔައިން. އެކަމަކު ފައިނޭންޝަލް ސްކްރީނިންގ އިން ފެއިލް ވާނެކަން އެނގުނީމަ ދޫކޮށްލަން މަޖުބޫރު ވީ. އެހެންވީމަ އަދި ގޮތެއް ނުފެނޭ ބޯހިޔާވަހިކަމަށް. ދެން ތި ވިނަރެސް ފްލެޓް ގެ އަގު ހެޔޮ ކޮށްފީޔާ ހަމަ ގައިމުވެސް އަޅުގަނޑުގެ ޙައްގަށް އުނިކަން އަންނާނެ. އެހެންވީމާ އަދުގެ ސަރުކާރަށް ގޮވާލަން އަޅުގަނޑުގެ ޙައްގުވެސް ކަށަވަރު ކޮށް ދެއްވުމަށް. ހެޔޮ މި ކޮމެންޓް އެކަކު ނުކިޔަސް. ﷲ ދެނެވޮޑިގެންވާނެ. މަލާއިކަތުން ލިޔުއްވާނެ.
ދެރަ
21 August 2023
ކޮޕީ ނެތް ލިޔުމެއް ހަދައިގެން ދިޔަސް...... ހަހާ
ދެފުއްކެހެރި
21 August 2023
ކޮބާތަ މާލޭގަ 30-40 އަހަރު ރަޖިސްޓަރީވެގެންއުޅޭމީހުންގެ ހައްޤު؟