ރިޕޯޓް / ރިޔާސީ އިންތިޚާބު 2023

ހުރިހާ ކަމެއްގައި ވެސް "މޯލްޑިވްސް ފަސްޓް ޕޮލިސީ"، ގައުމުގެ ހަމަޖެހުމަށް އެތައް ކަމެއް!

ކެމްޕެއިން މެނިފެސްޓޯ "އުޖާލާ ޒަމާން" އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާއަށް ނާޒިމްގެ ދެކަނބަލުން ވަޑައިގަންނަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 2023 - 08:21

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ސިފައިންގެ މީހެއްގެ ގޮތުގައި 18 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ މުހައްމަދު ނާޒިމް މި ކެމްޕެއިންގައި އަބަދުވެސް ވިދާޅުވީ، ދިވެހިންނަށް ވުރެ އެހެން އެއްވެސް ބަޔަކު އިސްވެގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި އެންމެ ރަނގަޅަށް ހުރިހާ ކަމެއް ފަހިވެފައި ހުންނަން ޖެހޭނީ ދިވެހިންނަށެވެ.

އެހެންވެ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ވެސް އިސްކުރައްވަނީ ދިވެހިންނެވެ. އެއްވެސް ގައުމެއް އިސް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިންޑިއާ ނުވަތަ ޗައިނާ ވިޔަސް އެއް ގައުމު އަނެއް ގައުމަށް ވުރެ އިސް ކުރުމުގެ ސަގާފަތެއް އޭނާގެ ނެތެވެ.

ނާޒިމް ބޭނުންވަނީ ހާރިޖީ ސިޔާސަތު އެ ގޮތަށް ބައްޓަން ކުރުމަށް ފަހު އެންމެންނަށް ހަމަހަމަކަން ގާއިމް ކުރުމެވެ. އިގްތިސާދީ އަޅުވެތި ކަމުން ދިވެހިން ސަލާމަތް ކޮށްދިނުމަކީ އޭނާގެ އަޒުމެކެވެ.

"އިންޑިއާ ފަސްޓް ޕޮލިސީގެ މާނައަކީ އެންމެ ފުރަތަމަ ކޮންމެ ކަމަކަށް ވެސް އިންޑިއާ އަށް. އެ މީހުންނަށް ނުކޮށްދެވިއްޖިއްޔާ އެހެން ބަޔަކާ ދިމާއަށް ދާން ޖެހެނީ. އެއީ ނާޒިމް ގަބޫލުކުރާ ވާހަކައެއް ނޫން،" އެމްއެންޕީގެ ޑެޕިއުޓީ ލީޑަރު ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

"ނާޒިމަށް މުހިންމީ މޯލްޑިވްސް ފަސްޓް ޕޮލިސީ. އޭގެ މާނައަކީ ކޮންމެ ކަމެއްގައި ވެސް ދިވެހިންނަށޭ އެންމެ ބޮޑު ފައިދާއެއް ވާން ޖެހޭނީ. ދިވެހިންނޭ ދިވެހިރާއްޖޭގައި މުހިންމު ވާނީ."

ނާޒިމާއެކު ސިފައިންގޭގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ރިޔާޒް ވިދާޅުވީ، ރާއްޖޭގައި ދިވެހިންނަށް ހިތްހަމަޖެހިގެން އުޅެވެން އޮތީ އެންމެ ފުރަތަމަ އަމިއްލަ މިނިވަންކަން ކަށަވަރު ކޮށްގެން ކަމަށް ވާތީ އެ ބީވެދާނެ އެއްވެސް ކަމަކަށް ނާޒިމް ޖާގަ ނުދެއްވާނެ ކަމަށެވެ.

"ބަޔަކަށް ދަރައި އޮވެގެން ގޮސް ދެން އެއްވެސް ތަނެއްގައި އަމިއްލަ ބާރެއް ނެތް ގޮތަކަށް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވެރިކަމެއް ނުހިންގޭނެ. ދިވެހިން ބިކަ ވާނެ. މުސްލިމް ގައުމުތަކާއި އަޅުގަނޑުމެންނާ ގުޅުން އޮންނަން ޖެހޭނެ. ނާޒިމެއް ނުވާނެ މުސްލިމް ގައުމުތަކާ ގުޅުން ކަނޑާލާ ބޭފުޅަކަށް،" ރިޔާޒް ވިދާޅުވި އެވެ.

އިންޑިއާ ފަސްޓް ޕޮލިސީގެ މާނައަކީ އެންމެ ފުރަތަމަ ކޮންމެ ކަމަކަށް ވެސް އިންޑިއާ އަށް. އެ މީހުންނަށް ނުކޮށްދެވިއްޖިއްޔާ އެހެން ބަޔަކާ ދިމާއަށް ދާން ޖެހެނީ. އެއީ ނާޒިމް ގަބޫލުކުރާ ވާހަކައެއް ނޫން،"--- ރިޔާޒް

އެކަމަކު، ހުރިހާ ގައުމަކާ ވެސް އެއްވަރެއްގެ ގުޅުން ނާޒިމް ދަމަހައްޓަވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެ ގައުމުތަކުގެ އެހީތެރިކަން ނާޒިމް ހޯއްދަވާނެ. އެކަމަކު ވަކި ގައުމަކަށް ގޮސް ހުހެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީން އިއްޔެ ރޭ ބޭއްވި ޑިނާ ނައިޓްގައި ނާޒިމް ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

ވޮލަންޓްރީ ނޭޝަނަލް ސާވިސްއެއް އުފައްދާނެ

ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި އެއްވެސް ބިދޭސީ ގައުމެއްގެ ސިފައިން ދާއިމީ ގޮތަކަށް ތިބެގެން ނުވާނެ އެވެ. އެ މީހުން ރާއްޖެ އަންނަން ޖެހޭނީ ދިވެހި ސިފައިންނަށް ތަމްރީނު ދިނުމަށް އެކަންޏެވެ.

އެއާ އެކު، ދެން ނާޒިމް ބޭނުންވަނީ ރިޔާޒް ވިދާޅުވި ގޮތުގައި އުމުރުން 18-25 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަ ވޮލަންޓްރީ ނޭޝަނަލް ސާވިސްއެއް އުފައްދާށެވެ.

"އެ މީހެއްގެ ސިއްހީ މައްސަލައެއް ނެތިއްޔާ އެ އުމުރުގެ ހުރިހާ ޒުވާނުން ސިފައިންނާއި ފުލުހުންގެ ތެރެއަށް ވައްދާނެ. އެ ފުރުސަތު ދޭނެ. އެކަމަކު އެއީ ވޮލަންޓްރީކޮށް. މަޖުބޫރެއް ނުކުރާނެ. މިހާރު އެތައް ޒުވާނުންނެއް އެބަތިބި ވަޒީފާ ނުލިބި. ޕޮއިންޓަކީ ސިފައިންނާއި ފުލުހުންގެ ތެރެއަށް ވަންނަން ބޭނުންވާ ކޮންމެ މީހަކަށް ނާޒިމް އެ ފުރުސަތު ދޭނެއޭ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ތައުލީމީ ފެންވަރު ނެތް ބައެއް ނަމަ ތަމްރީނުތަކުގެ ތެރޭގައި އެ ފުރުސަތު ވެސް ނާޒިމް ދެއްވާނެ އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ނޮވެމްބަރު 3 ގެ ހަމަލައާ ގުޅިގެން ވަރަށް ގިނަ ޒުވާނުން ސިފައިންގެ ތެރެއަށް ވެއްދީމާ ވަރަށް ރަނގަޅު ޖެނެރޭޝަނެއް އުފެދުނު ތަން. ވަރަށް ގިނަ މީހުން ހިންގުންތެރި، ގާބިލް ބަޔަކު އޭގެ ތެރެއިން އުފެދުނު،" ރިޔާޒް ވިދާޅުވި އެވެ.

ގޭންގްތައް ނައްތާލަން ހާއްސަ ޓާސްކްފޯހެއް

ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގޭންގް ކުށްތައް ކަމަށް ވާއިރު އެކަން ނައްތާލަން ސްޕެޝަލް ޓާސްކް ފޯހެއް ނާޒިމްގެ ވެރިކަމެއްގައި ގާއިމް ކުރައްވާނެ އެވެ. ރާވައިގެން ހިންގާ ކުށްތައް ހުއްޓަން ހުއްޓުވަން އެހެން އެއްވެސް ބަޔަކަށް ނުކުރެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އިތުރު ބައެއް ކަންކަން:

1- ވާނުވާ ބަންދު ޖެހުން ނިމުމަކަށް ގެންނާނެ.

2- ގާނޫނުލްއުގޫބާތު ވަރަށް ބޮޑަށް ބަދަލު ކުރާނެ.

3- ފުލުހުންގެ މުއައްސަސާ މިނިވަންކޮށް، ލީޑަޝިޕް ވަރުގަދަ ކުރާނެ.

"ނާޒިމެއް ކުށްކުރާ މީހުންނާ ނެގޯޝިއޭޓް ނުކުރާނެ. އެއާ އެކު ކޮރަޕްޝަން ނައްތާލަން ވަރަށް މަސައްކަތް ކުރައްވާނެ. ހަގީގަތުގައި ރާއްޖެ ދެން ސަލާމަތް ކުރެވޭނީ މި ގޭންގް ކުށްތަކާއި ކޮރަޕްޝަން ހުއްޓުވިގެން. އެ މީހާ އަށް ނުލިބޭ ވަރަށް މީހުން މުއްސަނދި ވާ ތަން މި ފެންނަނީ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މުއައްސަސާތައް "ރޫޅާލައި" އަލުން އުފައްދަންޖެހޭ ކަމަށެވެ. އެހާ ވަރަށް އެ ތަންތަން ކޮރަޕްޓް ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ނާޒިމް ބޭނުންވަނީ ރިޔާޒް ވިދާޅުވި ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ފުރިހަމަ ބާރު ދޭނެ އެވެ.

"މިއަދު މި ފެންނަނީ ގޯސް އެއްވެސް ކަމެއް ނުހުއްޓުވިގެން އުޅޭ ތަން. މި އިންތިހާބުން ވެސް ފެންނަނީ އެއްކަމެއް. ހެސްކިޔާފައި ވަޒީފާތައް ބަހަނީ. އިންތިހާބާ ދިމާކޮށް ޕްރޮޖެޓްތައް ފަށަނީ. ފައިސާ ބަހަނީ. މިކަން ބެލޭނެ ނިޒާމެއް ނެތް. އޮޑިޓަރެއް ނެތް،" ކަންބޮޑުވުމާއެކު ރިޔާޒް ވިދާޅުވި އެވެ.

ނާޒިމްގެ ކެމްޕެއިން ހަރަކާތެއްގައި އޭނާ އާއި އަނބިކަނބަލުން އަފާފް އަދި ލީޑަޝިޕްގެ އެހެން ބޭފުޅުން ދުއާ އަށް އަތް ނަންގަވައިގެން.

ޓެރަރިޒަމަށް ހާއްސަ ސިޔާސަތެއް

ރާއްޖޭގައި ޓެރަރިޒަމާއި ދީނީ ހައްދުފަހަނައެޅުން އޮތް ކަމަށް ނާޒިމް ގަބޫލު ކުރައްވަ އެވެ. އެހެންވެ، އޭނާއަކީ އަސްކަރީ ތަޖުރިބާ ހުރި ބޭފުޅަކަށް ވާތީ އާ އެކު ވެސް އެ ދެ ކަމަށް ހާއްސަ ފޯކަސްއެއް ގެންގުޅުއްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން މި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތު ނާޒިމްގެ ވެރިކަމެއްގައި ބަދަލުކުރާނެ ކަމަށެވެ.

"މިއަދު މި އޮތީ ސްޓޭޓް ޓެރަރިޒަމް ޕޮލިސީ ކިޔާ ޕޮލިސީއެއް. އެއީ ރާއްޖޭގެ މިއަދުގެ ހާލަތަކަށް ފެތޭ އެއްޗެއް ނޫން. އެކަމަކު މިހާރުގެ ހާލަތަށް ފެތޭ ސިޔާސަތެއް ނާޒިމް އެކުލަވައިލާނެ. އޭގެ ތެރޭގައި އެކްސްޓްރިޒަމަށް ރާއްޖެ ދިޔަ ނުދީ ރާއްޖެއަކީ ޓެރަރިޒަމަށް ހިތްވަރު ނުދޭ މުޖުތަމައަކަށް ވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރާނެ،" ރިޔާޒް ވިދާޅުވި އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު

މިއީ ވެސް ނާޒިމްގެ ވެރިކަމެއްގައި ކުރާނެ ކަމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި، ހުއްޓުވައި އެތެރެ ކުރާ ދޮރުތައް ބަންދުކުރަން އެންމެ އިންޗިއެއް ވެސް ނާޒިމް ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ރިޔާޒް ދެއްވި އެވެ.

"މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ނާޒިމް. ޖެހިލުމެއް ނެތި ރާއްޖެ އަށް ޑްރަގް އެބަ ޓްރެފިކް ކުރޭ. އަޅުގަނޑުމެންގެ ޒުވާން ޖެނެރޭޝަން އެ ދުއްވާލީ. އެެހެންވީމަ މިކަން ހުއްޓުވޭނީ ވަރަށް ހަރުކަށި ފިޔަވަޅު އަޅައިގެން. މަރުގެ އަދަބަކީ އެކި ގައުމުތަކުގައި ކާމިޔާބު މޮޑެލްއެއް،" ރިޔާޒް ވިދާޅުވި އެވެ.

"މިހާރު ވެސް މި ރާއްޖޭގައި މި އިވެނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުން އުމުރަށް ބަންދު ކޮށްފައި ތިބި އެތައް ބަޔަކު ދޫކޮށްލި ވާހަކަ. އެހެންވީމާ އެ ކަންކަން ފިޔަވަޅު އަޅުއްވަން ނާޒިމް ޖެހިލުމެއް ނުވާނެ."

އެއާ އެކު ކުށްކުރާ މީހުން މުޖުތަމައަށް އަނބުރާ ގެނެވޭނެ ރަނގަޅު، ޒަމާނީ މެކޭނިޒަމެއް ނާޒިމް ރާއްޖެ އަށް ތައާރަފު ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ކެމްޕެއިން ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެންޕީ

ނާޒިމަށް ބާރު ދީ، ވޯޓު ދެއްވާ

ރިޔާޒް އެދިވަޑައިގަތީ ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތް ވެފައިވާ ތަނަކަށް ހަދާ ނަމަ ނާޒިމަށް މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދޭށެވެ. އޭނާ އިންތިހާބު ކޮށްދޭށެވެ. އެ ބާރު ނާޒިމަށް ދީފި ނަމަ ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރިޔާޒް ދެއްވި އެވެ.

"މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލަތަކުގައި ހުކުމް ކުރި މީހުންގެ ތެރެއިން ކިތައް މީހުން ދޫކޮށްލައިފިތޯ؟ ބައްލަވާ އެއްވެސް މީހަކު އެބަހުރިތޯ ޖަލުގައި؟ ޖަލުގައި ހުރި އެންމެ މީހަކު ވެސް ދައްކާ މަސްތުވާތަކެތި ޓްރެފިކް ކޮށްގެން 25 އަހަރުގެ ހުކުމެއްގައި ހުރި. ކޮންމެވެސް ސިޔާސީ މީހެއްގެ ނުފޫޒުން އިންތިހާބަކާ ކައިރިވީމާ އެ މީހުން ސަލާމަތްވޭ ކޮންމެވެސް އެއްޗެކޭ ކިޔައިގެން،" ރިޔާޒް ވިދާޅުވި އެވެ.

"މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭނަމޭ މި ބުނަނީ އޭރުން އެ ހިސާބުން ބޮޑު ހުއްޓުމެއް އަންނާނެތީ. މިކަން ކުރަން ބޭނުމިއްޔާ ނާޒިމަށް ވޯޓު ދެއްވާ. ދިވެހިރާއްޖެ އިން މަސްތުވާތަކެތި ހުއްޓުވަން ބޭނުމިއްޔާ ނާޒިމަށް ވޯޓު ދެއްވާ. ނާޒިމަށް އެ ބާރު ދެއްވާ. ތަންފީޒު ކުރާނަން. އެއީ އުނދަގޫ ކަމެއް ނޫން."

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454