ރާއްޖެ އާއި ލެބަނަން މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ލެބަނަން ފުޓްސަލް
09 އޮކްޓޯބަރ 2023 - 16:35
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުގައި ލެބަނަން އިން ފަހަތުން އަރައި 6-1 އިން ރާއްޖެ ބަލިކޮށްފި އެވެ.
ފުރަތަމަ މެޗުގައި ވަރުގަދަ އިރާން އަތުން ބަލިވި މެޗަށް ފަހު، މި މެޗު ރާއްޖޭން ފެށީ ދެ ބަދަލަކާ އެކު އެވެ. ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ހާފިޒް (ހާއްޕެ) ގެ ބަދަލުގައި މިއަދު މެޗު ސްޓާޓް ކުރީ އަލީ ޝިޔާހު (ޝިޔާ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
އިޝާން އިބްރާޙިމް (ސައްޓު) އާއި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އަދި ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) މިއަދު ވެސް ސްޓާޓް ކުރި އެވެ.
މެޗު ފަށައިގެން ރާއްޖޭން ވަނީ ލެބަނަންގެ ތަޖުރިބާކާރު ކުޅުންތެރިން ހުއްޓުވަން މޮޅަށް ކުޅެފަ އެވެ. އަދި ފުރަތަމަ ފަސް މިނިޓު ތެރޭ ގޯލު ޖަހަން ޝިޔާހު އަށް ރަނގަޅު ފުރުސަތެއް ވެސް ލިބުނެވެ. ނަމަވެސް އޭނާ ހުސްކޮށް އަރައި ފޮނުވާލި ބޯޅަ އަމާޒިވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގައި ރާއްޖޭން ލީޑު ނެގި ގޯލު ޖަހައިދިނީ އަލީ ހާފިޒެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނިޓުގައި އޭނާ މި ގޯލު ޖެހީ ކީޕަރު ޒައިދާން އެއްލި ބޯޅައެއް ހިފައިގެން ލެބަނަންގެ ދެ ކުޅުންތެރިން ކަޓުވާފައި އަލުން ބޯޅަ ހޯދުމަށް ފަހު ގޯލްކީޕަރު ކައިރިން ވެސް ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލެބަނަން އިން ނަތީޖާ އެއްވަރު ކުރިއިރު، އެންމެ ފަހު މިނިޓުގައި އެޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފަ އެވެ. ދެ ގޯލު ވެސް ޖެހީ ސެޓްޕީސްތަކުން ހޯދި ފުރުސަތުތަކުންނެވެ.
ލެބަނަންގެ ތިންވަނަ ގޯލު ޖެހީ ދެވަނަ ހާފުގެ އަށްވަނަ މިނިޓުގަ އެވެ. ދެ މިނިޓު ފަހުން އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައި ވާއިރު މެޗުގެ ފަހު ފަސް މިނިޓު ތެރޭ ދެ ގޯލު ޖެހި އެވެ.
ލެބަނަން އިން މި ހާފުގައި ގޯލު ޖެހުމުގެ ކުރިން ރާއްޖެއަށް ނަތީޖާ އެއްވަރުކުރަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ޝާފިއު ހުސްކޮށްލާފައި ދިން ބޯޅަ އިޝާން އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން ޝާފިއު ހުސްކޮށްލި ބޯޅަ އިމްރާނަށް އަތުވާ ގޮތެއް ނުވި އެވެ.
ލެބަނަން އަކީ މިހާތަނަށް ފުޓްސަލް ވޯލްޑް ކަޕްގައި ވާދަކޮށްފައި ނުވާ ޓީމެއް ނަމަވެސް، އެޓީމަކީ 2003 އިން ފެށިގެން ގަވާއިދުން އޭޝިއަން ކަޕްގައި ވާދަ ކުރަމުން އަންނަ ޓީމެކެވެ. އޭޝިއަން ކަޕްގައި 11 ފަހަރު ވާދަ ކޮށްފައި ވާއިރު އޭގެ ތެރެއިން ހަތް ފަހަރު ކުއާޓާ ފައިނަލަށް ދަތުރު ކުރި އެވެ.
ކޮލިފައިންގައި ރާއްޖެ ވާދަކުރާ ފަހު މެޗުގައި ބުދަ ދުވަހު މެންދުރު 3 ޖަހާއިރު ކިރިގިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ. ކިރިގިސްތާނުގެ ފުރަތަމަ މެޗުގައި ވަނީ 5-4 އިން ލެބަނަންގެ މައްޗަށް ކުރި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީހު
11 October 2023
ފަހަތުންނޭ ބުނާއިރު ހީވަނީ ވަރަށް ކައިރިން ނިމުންހެން. ފެށިއިރު ޖެހި 1 ގޯލް. ހިޔެއް ނުވޭ އަނެއް ޓީމުގެ ކުޅުންތެރިން ވެސް މެޗު ނިމުނު އިރު ތިބުނާ ގޯލެއް ހަނދާން ހުރިހެން ވެސް. ތި ކިންގުތައް އަވަހަށް ރާއްޖެ ގެންނަން އުޅޭ.
ބައިކިލޯ
10 October 2023
ރާއްޖޭގައި ބޯޅަކުޅޭ ކޮންމެ މީހަކަށް ވަނަމެއް ކިޔުން އެއީ ވާޖިބެއްބާ؟
އައިސްކޮއެ
09 October 2023
ހުސް ކިންގް..
ޑެބީ
09 October 2023
އަބަދުވެސް ވަރުގަދަ އިރާނާ ގަދަފަދަ ލުބުނާނާ 1 ބިލިއަން އިންޑިއާ. ބޯޅަކުޅޭތާ 60 އަހަރުވެގެން ދިޔައިރުވެސް މީސްކޮޅު މަދު ވަސީލަތްނެތް ނިކަމެތި ދިވެހި ރާއްޖެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
09 October 2023
އޮންލީއާ ހާއްޕެއާ ޝިޔާއާ ޝާއްޕެއާ ސައްޓުއާ އިންމިއާ އަސޫއާ ޓިޝޫއާ ކީއްތަ މިކުރަނީ؟
ބުޖަޑާ ބީވާ
09 October 2023
ނީދޭތަ ރާއްޖެ ކަހަލަ ނިކަމެތި ގައުމުތަކަށް ޚާއްސަ އިނަޔާތްތަކެއް ލީބޭކަހަލަ ގޮތެއް. މިސާލަކަށް ރާއްޖެ ޖަހާ މައްލާ ގޯލުތައް ސައްޚަ ގޯލުކަމަށް ބެލުން. އެނޫން ގޮތަކަށް ރާއްޖެ މޮޅުވާނެ ގޮތެއް ހީއެއްނުވޭ އިންހެނެއް. ދޯ؟
ފީބޯގެ ދަރި ވަތަނަބޭ
09 October 2023
ރާއްޖެއަށް ތިކަހަލަ މެޗަކުން މޮޅުވެވެން މާގިނަ ގޮތްތަކެއްތްނެތް. ގަޅިގޮތެއް ކަންނޭގޭ އިނީ. މެޗަކުން ލީޑުނަގާތަނުން މެޗު ހުއްޓާލަންވީ އެކަމަކު އެއީ ބޯގޯސް ކަމެއްދޯ.. ދެންއޮތީ ތިންގައުމު ބައިވެރިވާ މުބާރާތް ތަކުގައި ބައިވެރިވުން، އޭރުން ހަމަ ގައިމުވެސް ތިންވަނަ ލިބޭނެތާ!!!!
ނޮއޭނާ ޗުމްޕު
09 October 2023
ރެފްރީއަށް ބިރުދައްކައިގެން މެޗުގެ ސްކޯރ ބަދަލުކޮށްލާ ރާއްޖޭގަ ހަދާހެން.
ލޭމް
09 October 2023
ދެން ބަލިވީމަ ބުނޭ އިންޑޯ ކޯޓޭ..
ބަކުރުބޭބެ
09 October 2023
ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް، ކޮންމެ މީހެއްގެ ދެ ބުމަ ދޭތެރޭ ފުޓްސަލް ދަނޑެއް، ވާކަމެއް ހަރާމް