އިއްޔެ ފެށި ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާގެ ތެރެއިން: 20 ސްކޫލަކުން 40 ޓީމު މުބާރާތުގައި ވާދަ ކުރޭ --- ފޮޓޯ: ނިޝާން އަލީ | މިހާރު
12 އޮކްޓޯބަރ 2023 - 10:19
އުމުރުން ހަގު ކުދިންނަށް ހާއްސަކޮށް ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާ، އިއްޔެ ފަށައިފި އެވެ.
އުމުރުން ހަގު ކުދިންގެ މެދުގައި އެންމެ ގިނަ ފުޓްބޯލް ފިއެސްޓާ ބާއްވާ، ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން މިފަހަރުގެ ފިއެސްޓާ ހާއްސަކޮށްފައި ވަނީ ސްކޫލްތަކުގެ ގްރޭޑް 3 އަދި 4 ގެ ދަރިވަރުންނަށެވެ.
މި މުބާރާތުގައި 20 ސްކޫލަކުން 40 ޓީމު ވާދަ ކުރެ އެވެ. އެއީ 720 ކުޅުންތެރިންނެވެ. އަދި އޮފިޝަލުންނާ އެކު 920 ބައިވެރިންގެ ހިއްސާ މި މުބާރާތުގައި އެބައޮތެވެ. ޖުމުލަ 296 މެޗު މުބާރާތުގައި ކުޅޭނެ އެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާ އަށް ވާނެ ކަމަށެވެ.
ފިއެސްޓާ ހުޅުވައި ދެއްވުމަށްފަހު، ނައިބު ރައީސް ފައިސަލް ނަސީމް (ކ) ސޮކަ ވެޓަރަންސުން ދިން ހަނދާނީ ފިލައަކާ ހަވާލުވެ ވަޑައިގަނަންވަނީ އެ ފިލާ ހަވާލުކޮށްދެއްވަނީ ސޮކަ ވެޓަރަންސްގެ ރައީސް އަލީ ޝަމީމް (ވ) --- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ އިއްޔެ ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށް ފުޓްބޯލް ފިއެސްޓާ ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ދެވަނަ އަލީ އަޝްފާގް (ދަގަނޑޭ) އެއް ހޯދުން ކަމަށެވެ.
ފިއެސްޓާ ރަސްމީކޮށް ހުޅުވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މުބާރާތް ރަސްމީކޮށް ލޯންޗު ކުރުމަށް ފަހު މުބާރާތުގައި ބައިވެރިވާ ހުރިހާ ކުދިންގެ ތެރެއިން ދެ ޓީމު ނެގުމަށް ފަހު މެޗެއް ކުޅުނެވެ. ނައިބު ރައީސް ވަނީ އެ މެޗު ބައްލަވައިލައްވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިއޭ
17 October 2023
ތިކުރައްވާ މަސައްކަތަށް ފަށްފަށުން ސާބަސް. މައްސަލައަކީ ގައުމީ ޖޫނިއާޓީމާ ސީނިއާޓީމާ ހިސާބަށްދާއިރު ކަންތައްތައް ހަމަޖައްސަން ތިބި މީހުންގެ ދޯދިޔާކަމުންނާއި ޖާހިލުކަމުން ދިވެހި ގައުމު ފުޓުބޯޅައިގައި ކުރިއަށް ދާނެ ގޮތެއްނެތް!