އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒާއި އަކްރަމް ފައްޓަވައި ދެއްވަނީ.
31 އޮކްޓޯބަރ 2023 - 12:20
އަމީނީ މަގުގެ ބާކީ ބައި ނުނިމި ލަސްވަނީ ސްޓޯމް ވޯޓާ ހޮޅިތައް ލިބުން ލަސްވެ އަދި ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވާތީ ކަމަށާއި އެހެންވެ ދެން އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި ދެއްވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އާ ވާހަކަ ދައްކަވަމުން އެހެން ވިދާޅުވިއިރު، އަންނަ މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރައްވާ މުއިއްޒު ވަނީ އެ މަގު އެއްކޮށް މި ސަރުކާރަށް ނިންމައި ނުލެވޭނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.
ނަމަވެސް އަކްރަމް ވިދާޅުވީ، މި ސަރުކާރުން ވަނީ މީގެ ކުރިން ފެންބޮޑުވެ، އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިންމާފައި ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކަށް ނުވި ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ މަގުގެ ބާކީ ބައި ނިންމަން ޖެހޭ ސްޓޯމް ވޯޓާ ހޮޅިތަކެއް ގެންނަން. އެ ކަމަކު އެ ލިބެން ނަގާނެ ތިން މަސް. އެހެންވީމާ އަޅުގަނޑުމެންނަކަށް ދެން އެ މަސައްކަތް ނުނިންމޭނެ. އަމީނީ މަގު ހެދުމުގެ މަސައްކަތް ފަށައިދިނީ އަޅުގަނޑާއި މުއިއްޒު. އެހެންވީމާ ދެން އެ މަސައްކަތް ނިންމަވައި ދެއްވާނީ މުއިއްޒު،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ކުރިން ވިދާޅުވީ އަލަށް ހަދަމުން އަންނަ މަގުގެ ފަހު ސެގްމެންޓު ފަށަން ފުރަތަމަ ނިންމީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ކަމަށެވެ. ނަމަވެސް، އިތުރު ބުރަކަށް ދާން ޖެހުމުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ފަހު ބުރަށް ފަހު މަގު ހަދަން ފަށާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަމީނީ މަގުގައި ދެން ތާރުއަޅަން ޖެހޭނީ ވަރަށް ކުޑަ ސަރަހައްދެއްގަ އެވެ. ނަމަވެސް، އެއީ، އެ މަގުގައި އެންމެ ބާރުބޮޑު ހިސާބެވެ. ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗްގެ ބޭރު މަގާ ގުޅޭ ހިސާބަށް ވުމުން އެ މަގުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރުކުރެ އެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލު ކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިދިޔަ މަހުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަޝްރަފް
31 October 2023
ތިކަންވާނީ ހަމަ މުއިޒްއަށް މި ސަރުކާރަކަށް މިކަމެއް ނުވިޔެއްނު ދެން ބަލަން ހުރޭ
އަބްދުލް ހަންނާން
31 October 2023
މުއިއްޒްގެ ގާބިލްކަމާ މެދު ވިސްނާނެ ޖާގައެއް ދެން ނެތެއްނު؟ މިސަރުކާރުން ވިއްޔާ މިބުނަނީ ތިމަންނަ މެންނަށް ނުވިޔޭ އެހެންވީމަ ވާނީ މުއިއްޒް އަށޭ.
ބައްސާމް އާދިލް
31 October 2023
މިއޮތީ މަބުނިތާ ޖެހިފަ. އޭރިވެސް މަބުނިން މިސަރުކާރަށް މިކަމެއް ނުވާނެޔޭ. ވާނީ ރިންގް ރޯޑް ހެދި މީހުންނަށޭ. އެއީ ހޮވުނު ތރައީސް މުއިޒް.
ޝިޔާޒް.
31 October 2023
ކޮބާ ހީވޭ ކަމެއްހެން. މިމީހުންނަށްވެސް އިނގޭ މުއިއްޒްކަން ކަން ކުރާނީ. ކަން ވާނީ. ކުރަން އިނގޭނީޗެސް
ގަސަމް
31 October 2023
މުއިޒް ވައުދުވި މާލޭގެ ބޮޑެތި މަގުތަކުގަ ތާރު އަޅަން. އެއީ ކުރާނެ ކަމެއް. މިސަރުކާރުހެން އެޔޮށް ކުޑަ އަމީނީ މަގުގަ ތާރު ނޭޅުނުހެން ނުވާނެ. އަވަސް ވާނެ.
މުހައްމަދު ޔައިޝް
31 October 2023
ތަރައްގީ ކުރަން ނޭނގޭ ބަޔަކަށް ނުވާނެ. ނިކަން ބަލަން ތިބެބަލަ ތަރައްގީކުރާނެ ގޮތް. މުއިޒް ކޮށްފަ ދައްކާނެ.
ގާސިމް
31 October 2023
މުއިއްޒު އަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭ ބޭފުޅެއް. އެކަން ރައްޔިތުން ދަނޭ. ތިބޭފުޅާ ބުނާކަށް ނުޖެހޭނެ
ޒަހިރު
31 October 2023
ބަލަ ކަލޭ ނުބުންޏަސް މުއިއްޒު ތި މަގު ނިންމާނެކަން އަހަރުންނަށް އިނގެޔޭ
ކިނާނު
31 October 2023
އޭރުވެސް އަހަރެމެން ބުނީމޭ މި މީހުންނަށް މިކަމެއް ނުވާނެ އޭ.
ވަސީމުު
31 October 2023
މުޅި މާލޭގެ ގިނަ މަގު ތަކުގަ ތާރަ އަޅަން ވަޢުދުވި ސަރުކާރުން އެންމެ މަގެއްގައިވެސް ތާރައެއް ނޭޅުނު