އާޔާ، އޭނާ އަކީ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ އަންހެން ރާޅާއެޅުންތެރިޔާ.-- ފޮޓޯ: ރައީސް އޮފީސް
03 ނޮވެމްބަރ 2023 - 18:02
ރަންނަމާރި ޗެލެންޖް 1445 ގައި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިއަހަރު ވެސް މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޯދައިފި އެވެ.
އާޔާ އަކީ ފާއިތުވި ދެ އަހަރު ވެސް ރަންނަމާރި ޗެލެންޖްގައި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެތުލީޓެވެ. މިއާ އެކު އޭނާ މިވަނީ ވިދިވިދިގެން ތިންވަނަ ފަހަރަށް ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މީގެ އިތުރުން އާޔާ ވަނީ މިދިޔަ އަހަރު ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާ އާއި ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
މިއަދު ކުރިއަށް ދިޔަ ވާދަވެރި ފައިނަލް ހީޓުގައި އާޔާ ޗެމްޕިއަންކަން ހޯދީ ނަހާ ނަސްރުﷲ އާ ވާދަކޮށް ޖުމްލަ 8.37 ޕޮއިންޓް ހޯދައިގެންނެވެ. އާޔާގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 4.14 އަކާއި 4.20 ޕޮއިންޓެއް ހޯދައިފަ އެވެ.
ނަހާ ވަނީ ފައިނަލް ހީޓުގައި 7.47 ޕޮއިންޓް ހޯދައިފަ އެވެ. ނަހާގެ އެންމެ ރަނގަޅު ރާޅަށް 4.47 ޕޮއިންޓް ހޯދިއިރު، އެންމެ ރަނގަޅު ދެވަނަ ރާޅަށް ތިން ޕޮއިންޓް ހޯދި އެވެ.
އަންހެން ބައިގެ ތިންވަނަ ހޯދީ ޝާޒިޔާ ސައީދު (ޝާޒު) އެވެ. އޭނާ ވަނީ ތިންވަނަ ހޮވަން ކުރިއަށް ގެންދިޔަ ހީޓުގައި ރިޝަތާ ޝުޖާއާ ވާދަކޮށް 8.50 ޕޮއިންޓް ހޯދައިފަ އެވެ. ރިޝަތާ އަށް މި ހީޓުގައި ލިބުނީ 5.60 ޕޮއިންޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy