މީގެ ކުރިން ބޭއްވި އެއްވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ޑިސެމްބަރ 2023 - 10:26
ވެބްސައިޓުތައް ބްލޮކްކުރި ގޮތުގެ ތަފްސީލު ހާމަކުރަން ސަރުކާރަށް ދިން މުއްދަތުގައި އެކަމަށް އިޖާބަ ދީފައިނުވާތީ، ނޫސްވެރިން ކުރިއަރުވަން ހަދާ މަގުޗާޓު ކޮމިޓީން، ނޫސްވެރިންގެ ޖަމިއްޔާއިން ތަނާޒުލްވާން ނިންމައިފި އެވެ.
ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ޝާއިއުކުރަމުން އައި ތިން ވެބްސައިޓެއް މިދިޔަ ހަފުތާގައި ބްލޮކްކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަންކަމާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ސަރުކާރުން މިހާރު ގެންގުޅޭ ސެންސަޝިޕްގެ ސިޔާސަތުގެ ސަބަބުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގަށް ހުރަސްއެޅޭތީ އެ ސިޔާސަތާ ދެކޮޅު ހަދައިފަ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ ހައްގުތައް އެއްވެސް މިންވަރަކަށް ހަނިކުރަން ވާނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ރައްޔިތުން މަޖިލީހުން ހަދާ ގާނޫނަކުން ކަމަށް ބުނެ، ދެ ދުވަސް ތެރޭގައި ބައެއް ކަންކަން ސާފުކޮށްދޭން އެމްޖޭއޭއިން ސަރުކާރަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި؛
- ސަރުކާރަށް ފާޑުކިޔައި ލިޔުންތަކެއް ޝާއިއުކުރަމުން ދަނިކޮށް ދެ ވެބްސައިޓް ބްލޮކްކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުން
- ގާނޫނަކުން އިންތަކާއި ހުދޫތަކެއް ކަނޑައެޅިގެން ނޫން ގޮތަކަށް ސަރުކާރުން ދެން އިތުރަށް އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރާނޭކަމުގެ ޔަގީންކަން ދިނުން
ކަމާގުޅޭ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މިކަންކަމުގެ ކަށަވަރުކަމަށް އެމްޖޭއޭ އިން އެދުނު ނަމަވެސް އެ ބައްދަލުވުމަށް 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް އެދެވޭ އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބަޔާނުގައި ވެ އެވެ.
"އެހެންކަމުން މި ޖަމްއިއްޔާގެ އެކްސްކޯއިން މިހާރު ނިންމާފައިވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށް ބުނެ އެ ބައްދަލުވުން ނިންމާލަމުން ނެގި ހަތް މެންބަރުންގެ ކޮމިޓީގައި މި ޖަމްއިއްޔާ ބައިވެރިނުވެ ތަނާޒުލްވުމަށެވެ." އެމްޖޭއޭއިން ބުންޏެވެ.
- ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގު ކަށަވަރުކުރަން އިސްލާހީ ފިޔަވަޅު އަޅައި ސަރުކާރުގެ ގުޑްވިލް އޮތްކަން ދެއްކުމަށް ލިބުނު ފުރުސަތުގެ ބޭނުން ސަރުކާރުން ހިފާފައި ނުވާތީ
- މި ގޮތަށް ރޫހު ހުރުމުން އެ ކޮމިޓީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި މިނިވަން ޒިންމާދާރު މީޑިއާއަކަށް ފަހިވާނޭ ގޮތަށް ނަތީޖާއެއް ނެރެވޭނޭ މައުނަވީ މަސައްކަތްތަކެއް އެ ކޮމިޓީގައި ތިބެގެން ކުރެވޭނޭ ކަމަށް ގަބޫލު ނުކުރެވުން
- ކަންކަން ބަލައި ދިރާސާކުރި އިރު އެ މަޝްވަރާ ބައްދަލުވުމުގައި ކޮމިޓީ އެކުލަވާލުމަށް ނަންތައް ހުށަހެޅުނު ގޮތާއި ވޯޓަށް އެހުނު ގޮތުގައި އިންސާފުވެރި ނޫން ގޮތްގޮތަށް ކަންކަން ގޮސްފައިވާ ކަމަށް ބަލާނެ ގިނަ ސަބަބުތަކެއް ހުރުމުން
"މިކަންކަން މިގޮތަށް ދިއުމަކީ މި ޖަމިއްޔާއިން ކަންކަންވުމަށް އެންމެ އެދުނު ގޮތެއް ނޫނެވެ. މިގޮތަށް ކަންކަން ހިނގުމަކީ މި ޖަމިއްޔާއިން ނިހާޔަތަށް ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެކެވެ." އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އެމްޖޭއޭއިން ވަނީ ދެފުށްފެންނަ އަދި ހާމަކަން ބޮޑު އުސޫލަކާއި ގާނޫނެއް ނެތި އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
28 December 2023
އެމްޖޭއޭއަކީ އެމްޑީޕީގެ ގޮތްޕެއް. ގައުމަށް ހެޔޮ ބަދަލެއް ގެންނަން ބަޔަކު އުޅެންޏާއެކަމަކާ ދެކޮޚުހަދާނެ. އިބޫ ވެރިކަމުގައި މީޑިއާ އަތްދަށުލައިގެން އުޅުނުގޮތް ކަމުދޭ. މި ސަރުކާރުން ރަޖިސްޓްރީނުކޮށް މީހުންގެ އަބުރުކަތިލަން ދޮގު ވާހަކަތައް ފަތުރާ ލިންކެއް ބްލޮކުކުރީމާ އެކަން މާބޮޑުކަމަކަށް ވެއްޖެ. ތިމާމެންގެ ނެތޭ އިޚްލާސްތެރިކަމެއް.
ކިޔާދީބަލަ
28 December 2023
ދޮގާ މަކަރާ އަބުރު ނަގާލަން ދަސްކޮއްދިނީ އެމްޑީޕީ އެހެންވީމަ އިދިކޮޅުގައި އޮންނައިރު ކިހާވަރެއްވާނެ. ދީނެއް އަޙްލާގެއްނެތި ވެރިކަމުގެ ދަހިވެތި ކަމުގައި ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް
ކޮން ހިޔާލެއް މިނިވަންްކަމެއް
28 December 2023
ދޮގުހެދުމާއި، ދޭތެރެޖެއްސުމާއި، ފުރައްސާރައާއި ފަސާދައަކީ ދީނުގައި ކަނޑައެޅި ހަރާމް ކަންތައްތައްކަން މުސްލިމަކަށްނަމަ އެނގޭނެ. އެ ވަރިހަމަ ވެެރިކަމަށް ނިސްބަތްކޮށް ކަމަށްވިޔަސް. ވީއިރު، ނޫސްވެރިކަމޭ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔަސް ދޮގާއި ފަސާދައާއި ފުރައްސަރާއަކީ ހުއްދަވާނެ ކަންކަމެއް ނޫން. އަދި ކީއް! ހަތްއުޑުމަތިން ނަހީކުރެއްވި މި ކަންކަން ހުއްދަކުރުމަށް ނުވަތަ ހައްގުކަމަށް ވަކާލާތު ކުރުމުގެ އިހްތިޔާރެއް މުސްލިމަކަށް ނޯންނާނެ.
ނާޑުވާ
28 December 2023
ދޮގު ހެދުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން ކޮންމެވެސް ކުއްޖަކު މުއިޖުއަށް ކިޔާލަދެއްވަ ބަލަ. ދޮގުމައްޗަށް ދޮގުތައް އެހެރަ ހަދަމުން ދަނީ ނިތްކުރި މައްޗަށް ރުލެއްވެސް އަރުވާނުލާ
އިންތައް
28 December 2023
ނޫސްވެރިކަން ކުރަން، ޚިޔާލުފާޅުކުރަން، އިންތަކެއް ހުންނަންވާނެ. އިމެއް، ހައްދެއްނެތި ގޮތެއްފޮތެއްނެތި ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުން އޮވެގެން ނުވާނެ. ޚިޔާލުފާޅުކުރުމުގެ ނަމުގައި މިނިވަން ނޫސްވެރިކަމުގެ ނަމުގައި އެތައް ބައެއްގެ އަބުރުކަތިލާތާ އެތައް ދުވަހެއް ވެއްޖެ. އެތައް ބައެއްގެ އަބުރާއި އިއްޒަތް ކުށެއްނެތި ނަގައިލައި ވެއްޔާމޮޑެލިއިރު ތިޔަ ޖަމްއިއްޔާއިން ޗުއްޕުވެސް ނުބުނެ ތިބީ އެއީ ދީނީގޮތުން، އިޖްތިމާޢީގޮތުން ހުއްދަ ކަމަކަށްވާތީތޯ.
ޞަދާ
28 December 2023
އިމުގަ ނޫސްވެރިން ވެސް ތިބެންވާނީ ޙިޔާލް ފާޅުކުރަންވެސް ވާނީ ސަރުކާރުވެސް އިމުގަ ހުންނަންވާނީ..
ކޮލަމާހުއްޓާ
28 December 2023
ބަރާބަރު ނިންމުމެއް. ސަރުކާރުވެސް އޮންނަންޖެހޭނީ އިމެއްގަ. ފާދުކިޔާ ކޮންމެ ބަޔަކު ހިފާހައްޔަރުކޮށް ނައްތާލައިގެން ނުވާނެ.