ފަލަސްތީނުގެ ކުޅުންތެރިން ދޯހާގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
14 ޖެނުއަރީ 2024 - 07:26
އައްރައްޔާން (ޖެނުއަރީ 14) - އޭޝިއަން ކަޕްގައި ފަލަސްތީނު އޮތުމަކީ މުޅި ދުނިޔެއަށް ވެސް ދެވޭ ވަރުގަދަ މެސެޖެއް ކަމަށާއި، އެ ޓީމަކީ ފަލަސްތީނުގެ އެމްބެސެޑަރުން ކަމަށް ފަލަސްތީނު ޓީމުގެ ކޯޗު މަކްރަމް ޑަބޫބް ބުނެފި އެވެ.
ކޯޗު ޑަބޫބް ނުބީ ގާޒާގައި ހިނގަމުންދާ ގަތުލުއާއްމުގެ ސަބަބުން ފަލަސްތީނު ޓީމު ތިބީ މުބާރާތާ މެދު ވިސްނަން އުނދަގޫ ހާލަތެއްގައި ކަމަށެވެ.
"މުބާރާތާ މެދު ވިސްނަން އުނދަގޫ ވެފަ އޮންނަނީ ކުޅުންތެރިންނަށް، ޓްރޭނިންގެ ކުރިންނާއި ފަހުން ވެސް އެންމެން ވިސްނަނީ ހަބަރުތަކަށް. ޓްރޭނިން އަށް ދާ މަގުމަތީ ބަހުގަ ތިބޭއިރު ވެސް،" އިރާނާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޑަބޫބް ބުންޏެވެ.
"މި ހުރިހާ ކަމަކާ އެކު ވެސް އަހަރެމެން މުޅި ދުނިޔެއަށް ބޮޑު މެސެޖެއް ފޯރުކޮށްދޭން އެބަ އޮތް. އަހަރެމެންނަކީ ފަލަސްތީނާއި ފަލަސްތީނު ފުޓްބޯޅައިގެ އެމްބެސެޑަރުން."
ފަލަސްތީނު ހިމެނެނީ އިރާނާއި ޔޫއޭއީ އަދި ހޮންގް ކޮންގް އާއެކު ގުރޫޕް ސީގަ އެވެ. ފަލަސްތީނު މި ގުރޫޕުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 10:30 ގައި ނުކުންނާނީ އިރާނާ ދެކޮޅަށެވެ.
ފަލަސްތީނުގެ ކޯޗު، ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް އިރުޝާދުދެނީ.-- ފޮޓޯ: އޭއެފްޕީ
"ފަލަސްތީނުގެ ރައްޔިތުންނަށް މިއަށްވުރެ ފާގަތި ދުވަސްތަކެއް ހައްގު. އެމީހުންނަށް މިނިވަންކަން ހައްގު. މި މެޗުތައް ކުޅެގެން، އަހަރެމެން މި މުބާރާތުގައި އޮތުމުން މުޅި ދުނިޔެއަށް ދައްކައިދޭން ބޭނުންވޭ ފަލަސްތީނަކީ އޮންނަ ގައުމެއް ކަން،" ކޯޗު ޑަބޫބް ބުންޏެވެ.
ފަލަސްތީނު ޓީމުގެ ކެޕްޓަން މުސްއަބް އަލް ބައްތާތު ބުނީ ފާއިތުވި ތިންވަރަކަށް މަސްދުވަހު ގައުމުގައި ކުޅިވަރުގެ ހަރަކާތްތައް ހުއްޓިފައި އޮތުމުން އޭގެ ނުރަނގަޅު އަސަރު، ކުޅުންތެރިންނަށް ކޮށްފައި ވާކަމަށެވެ. ނަމަވެސް އެޓީމު އޭޝިއަން ކަޕްގައި އޮތް އޮތުމަކީ މުޅި ދުނިޔެއަށް ފޯރުކޮށްދެވޭ މުހިއްމު މެސެޖެއް ގޮތުގައި އޭނާ ދެކެ އެވެ.
"އަހަރެމެން ފަލަސްތީނުގެ ކުޅުންތެރިންގެ ހައިސިއްޔަތުން މުޅި ދުނިޔެއަށް ދެވޭ މެސެޖެއް އެބަ އޮތް، އެއީ ފަލަސްތީނުގެ ޓީމާއި ފަލަސްތީނަކީ އެހެން ގައުމުތަކެކޭ އެއްފަދައިން ދުނިޔޭގެ ކޮންމެ ގައުމެއްގައި އޮންނަ މުބާރާތެއްގައި ވެސް ވާދަ ކުރުމުގެ ހައިސިއްޔަތު ލިބިގެންވާ ގައުމެއްކަން،" ކެޕްޓަން އަލް ބައްތާތު ބުންޏެވެ.
"އުންމީދަކީ މި ހުރިހާ ކަމަކާ އެކު ވެސް ކުޅުންތެރިންނަށް ހިތްވަރެއް ލިބިގެން ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރުން. އެއީ އަހަރެމެންގެ ސަޕޯޓަރުންނަށް މިކަމުން ހިތްހަމަޖެހުމެއް ހޯދުމުގެ ހައްގު ލިބިގެންވޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނިބެ
14 January 2024
ކާމިޔާބުއަާށް އެދެން.