ތޮއްޑޫގެ ދަނޑެއްގައި ދަނޑުވެރިންތަކެއް މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
30 ޖެނުއަރީ 2024 - 12:57
ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ކުރިއަށް އޮތް ރޯދަމަހަށް އަގުބޮޑު ނުވާނެ ގޮތް ހަދާނީ އަގު ކޮންޓްރޯލްކޮށްގެން ނޫން ކަމަށާއި އެކަން ކުރާނީ ހައްދާ ތަކެތީގެ އަދަދު އިތުރުކޮށް، މާކެޓަށް ނެރުމަށް އެހީވެގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ އަގުތައް ރޯދަމަހަށް ކޮންޓްރޯލްކުރަން މަސައްކަތް ފަށާފައިވާ ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަމާ ގިނަ ދަނޑުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ ވަކި ބާވަތެއްގެ ތަރުކާރީ ނުވަތަ މޭވާ ވިއްކަން ޖެހޭނީ ވަކި އަގަކަށޭ އެއް ނޫން. ހައްދާ ތަކެތީގެ އަގު އަޅުގަނޑުމެން ކޮންޓްރޯލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މިނިސްޓްރީން ކުރާ ކަމަކީ ރޯދައަށް ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް އެހީވުން ކަމަށް ހުސެއިން ވިދާޅުވި އެވެ.
"ރާއްޖޭގައި ރޯދަ މަހަށް ހައްދާ ތަކެއްޗަށްވުރެ ގިނައިން ބޭނުންކުރާ މިންވަރު މި އިތުރު ވަނީ. ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވެނީ. އެހެންވެ އަޅުގަނޑުމެން މި ކުރާ ކަމަކީ ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް އެހީވަނީ، އަގު ކޮންޓްރޯލްކުރާނީ އެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިއަކު ދަނޑުގައި ގަސްތަކަށް ބޭސް ޖަހަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް މެދުވެރިއަކަށްވާ މީހުން ބޮޑު ފައިދާއެއް ނަގާކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ މިނިސްޓްރީން ބަލަމުން އަންނަނީ ދަނޑުވެރިޔާއަށް މާކެޓުގައި އެ ތަކެތި ވިއްކޭނެ ފަސޭހަ ގޮތެއް އޮތްތޯ އާއި އެ ގޮތަކީ ކޮބައިތޯ ކަމަށެވެ.
"މިސާލަކަށް ބުނަންޏާ، ދަނޑު ހައްދާ މީހާ އެ ވިއްކަން، ދަތުރުފަތުރަށްދާ ހަރަދު. ދޯންޏެއްގެ ވިއްޔާ އެއަށް، ޕިކަޕެއްގައި އެ އުފުލުމަށްދާ ހަރަދު، މާކެޓަށް ނެރުމަށް ދަނޑުވެރިންނަށް ހުރި މައްސަލަތައް ހައްލުކޮށް ދަނޑުވެރިޔާއަށް ސީދާ މާކެޓަށް ނެރެގެން އެ ވިއްކޭނެ ގޮތެއް ހޯދުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެން ބަލަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ހެދުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުނުވެ، ދަނޑު ހައްދާ މީހާއަށް އެކަމުގެ ފައިދާވާނެ ކަމަށް އިސްމާއިލް ފާހަގަކުރެއްވި އެވެ.
އަދި ރޯދަ މަހަށް އާންމުކޮށް ދިވެހިން ބޭނުންވާ ތަކެތި ހޯދަންޖެހޭ ވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށްއޮތް ދެތިން ހަފްތާ ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަމުން އަންނަނީ ދަނޑުވެރިކަމުގެ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ގުޅިގެންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލޭ މަހެކެވެ. ރޯދަ މަހު އެ ބާވަތްތައް ބޭނުންކުރާ ވަރަށް ތަކެތި ނުލިބުމަކީ އަގު ބޮޑުވާ މައިގަނޑު ސަބަބު ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަދި ހައްދާ ތަކެތި ބާޒާރަށް ނެރުމުގައި އުދަނގޫތަކާ ކުރިމަތިލާން ޖެހުމަކީ އަބަދު ވެސް ދަނޑުވެރިން ކުރާ ޝަކުވާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނަޑޯލް
30 January 2024
ސުރުޚީން ހީވަނީ ދަނޑުވެރިންނަށް ފައިސާދޭން އުޅޭހެން. ކިޔާލީމާ ހީވީ ޕިކަޕްޚަރަދާ ދޯނި ޚަރަދާ މިހެންގޮސް އެއަށް ކުރާޚަރަދު ދެނީހެން. ވަކިހިސާބަކުން "މިނިސްޓްރީން ބަލަމުން އަންނަނީ ދަނޑުވެރިޔާއަށް މާކެޓުގައި އެ ތަކެތި ވިއްކޭނެ ފަސޭހަ ގޮތެއް އޮތްތޯ އާއި އެ ގޮތަކީ ކޮބައިތޯ ކަމަށެވެ" ބުނީމާ މާނަވަނީ އަދި ކޮންމެވެސް ކަމެއް ކުރަން ވިސްނަނީކަމަށް. ސަބްސިޑީއެއް ދޭން ވިސްނަނީކަމަށް. އަގުކުޑަކުރަން ސަބްސިޑީދޭން "ވިސްނާކަން". ތިދިނަސް އަގުހެއު ވާނެބާ؟
ދަނޑުވެރިޔާ
30 January 2024
މިކަން އޮތްގޮތް ސާފު ކޮށްދިނީތީ ވަރަށް ޝުކުރު
ޖަޒްބާތު
30 January 2024
ކޯޗެއްތަ ސާފުވީ؟ ތި މައުލޫމާތުދިން މީހަކަށްވެސް ހިއެއްނުވޭ ކިޔުނު އެއްޗެއްއެގޭނެހެނެއް
ވަފީގު
30 January 2024
ސަރުކާރުން އަހަރެމެން އުފައްދާ އެއްޗެހި މާކެޓަށް ނެރެން އެހީ ވަންޏާ އެއީ ވަރަށް ބޮޑު ލުޔެއް، ތަކެތި ރަނގަޅު އަގެއްގަ ވިއްކޭނެ
މަރުމޯޒް
30 January 2024
ކޮންމެކަމެއްވެސް އެހީ އެހީ އެހީ ދެއްތޯ؟ ތި ދޭން ވިސްނާ އެހީވެސް ލިބޭނީ ރާއްޖޭގަައި ދިރިއުޅޭ ބަންގްލަދޭޝް ގެ ދަނޑުވެރިންނަށް. އެހީވެސް ނަގާނެ. އަގެއްވެސް ކުޑައެއްނުވާނެ.
ނަފީލު
30 January 2024
އަސްލު ތިބުނީ ރަނގަޅު ވާހަކައެއް، ދަނޑުވެރިންނަށް އަސް ނުއުފެއްދެ ޑިމާންޑާ އެއްވަރަށް. އެހެންވެ އަބަދުވެސް ރޯދަމަހު އެއްޗެހީގެ އަގު އުފުލެނީ
ވަކަރުބޯ
30 January 2024
"ޑިމާންޑާ އެއްވަރަށް ނުއުފެއްދެނީ" ހަމައެކަނި ރޯދަމަހަކަށް ނޫންބާ؟
އަސީލު
30 January 2024
ރަނގަޅު، އޭރުންދޯ ދަޑު ހައްދާ މީހުންނަށްވެސް ގެއްލުން ނުވާނީ
މިވެސް ވާހަކަ
30 January 2024
ކެއުމަށް ރައްކާތެރި ކާނާތޯ ނެރެވެނީ ޗެކް ކުރުން ވަރަށް މުހިންމު. ރާއްޖޭގައި ޕެސްޓިސައިޑް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރާކަން ފާހަގަވޭ. ގިނަ ދަޑުވެރިކަން ކުރާ ރަށްތަކުގެ ފެންޓެސްޓް ރިޕޯޓް ތަކުން މިކަން ފެނިގެންދޭ