ރައީސް، ރ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
03 މާޗް 2024 - 11:53
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ތިން މަސް ތެރޭ 100 ކައުންސިލްއަކާ ބައްދަލުކުރައްވައި، ރަށްރަށުގައި ހިނގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ރ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އަލިފުށި، ވާދޫ، މީދޫ، ކިނޮޅަސް، ފައިނު އަދި މަޑުއްވަރީ ކައުންސިލްއާ ބައްދަލުކުރައްވައިފަ އެވެ.
މިއަދު ހެނދުނު ރ. އަތޮޅުގެ ވެރިކަން ކުރާ އުނގޫފާރަށް ވަޑައިގެން މި ރަށުގެ ކައުންސިލްއާ ބައްދަލުކުރައްވާފައިވާއިރު، ރ. އަތޮޅު ކައުންސިލާއި ރަސްގެތީމް ކައުންސިލްއާ ވެސް ބައްދަލު ކުރެއްވި އެވެ.
ރަސްގެތީމް ކައުންސިލްއަކީ ރައީސް ބައްދަލު ކުރެއްވި 100 ވަނަ ކައުންސިލެވެ. އެ ކައުންސިލްގެ ރައީސް މުހައްމަދު ފަޒީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ މިހާ ކުރީކޮޅު ކައުންސިލްތަކާ ބައްދަލުކުރުމަކީ އެމަނިކުފާނު ލާމަރުކަޒީ ނިޒާމަށް ދެއްވާ އިސްކަން އެނގިގެންދާ ކަމެއް ކަމަށެވެ.
"ދައުރުގެ މިހާ ކުރީކޮޅު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވީ. އެއީ އެހެންވީމަ އެމަނިކުފާނު ކައުންސިލްތަކާ ގުޅުން ބަދަހި ކުރުމުގެ ވަރަށް ރަނގަޅު ފާލެއް،" ބައްދަލުވުމަށް ފަހު، ފަޒީން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން pic.twitter.com/WTtIvKwlZJ
— The President's Office (@presidencymv) March 3, 2024
ރައީސްގެ ޝެޑިއުލް އޮތް ގޮތުން އަނގޮޅިތީމް، ހުޅުދުއްފާރު، ދުވާފަރު، މާކުރަތު، އިނގުރައިދޫ، ރަސްމާދޫ، އިންނަމާދޫ ކައުންސިލްއާ މިއަދު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަރަށް ގިނަ ވަގުތު ހޭދަކުރައްވަ އެވެ.
މިރޭ ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުއްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލާ ވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު، ބ. އަތޮޅު ކައުންސިލާއި ދޮންފަނު ކައުންސިލާއި ދަރަވަންދޫ ކައުންސިލްއާ ބައްދަލު ކުރައްވަން ވެސް ވަނީ ރާވައިފަ އެވެ.
އަތޮޅުތަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި މީގެ ކުރިން ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅާއި ގއ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅަށް ވަޑައިގެންފަ އެވެ. އެ އަތޮޅުތަކުގެ ކައުންސިލްތަކާ އެކު ވެސް ރައީސް ބައްދަލުވުންތައް ބޭއްވެވި އެވެ.
ރައީސް މި ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮގޭ
03 March 2024
މިއީ ދަރުވާލައި ބިކަކޮށްލާފައިވާ ގައުމެއްކަމަށް ކޮންމެ ރަށެއްގައި ވިދާޅުވެއެވެ. އެކަމަކު 100ރަށުގައި 700އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމަށް ވަޢުދުވެއްޖެއެވެ. ތިޔަ ވަޢުދުތައް ވާނީ ރައީސް ޔާމީން މިނިވަންކުރަން ވީ ވައުދު ފަދައިންނެވެ. މަޖްލީހުގެ މެޖޯރިޓީ ނުލިބިދާނެހެންހީވީމާ އެވަޢުދު ފުއްދަން އަވަސްވެގެންފިއެވެ. މަޖްލިސް އިންތިޚާބުގެ ކުރިން 198ރަށަށް އަރާނެކަމަށް ބެލެވެއެވެ. އެއަށްފަހު ރިޔާސީ ކެންޕޭނާ ދެމެދު އަރަނީ ކިތައް ރަށަށްތޯ ބަލަމާހެއްޔެވެ؟
ޖުހާ ކުބުރާން ކޮށުމަށް ކުރާ ދަތުރު
03 March 2024
މުލިއާގެ އަށް 100 ފަހަރު ވަދަވިއްޖެބާ؟
ދޮނަޅަ
03 March 2024
އޮޅުވާލުން- ނޫންކަމެއްނެތީއެވެ- ކާކުގަބޫލުކުރާނީ- މިއީކައުންސިލްތަކާބައްދަލުކުރަން- ކުރާދަތުރުތަކެއްކަމަށް
އޮޅުވާލި
03 March 2024
މަޖިލިސްކެންޕޭނުގަރައީސްސަތޭކަވަނަރަށްވަޑައިގެންފި
ރައްޒާގު
03 March 2024
ދޮގު ދޮލަގަށް ބޮޅެއް ތި އިތުރު ވީ
ފަހުދު.
03 March 2024
އަދިވެސް އެންޓި ކަރަޕްޝަން ގަދަ ގުގުރީގަ