މީހުން / ރަމަޟާން 2024 މީހުން

އޭރުގެ މަޝްހޫރު ކެމެރާމަންގެ ފެނުން ގެއްލި ހަޔާތް އަނދިރިވީ ހަމަ ކުއްލިއަކަށް!

ސިޑީގެ ޗެންޗޭނުގައި ހިފަހައްޓައްގެން އޭނާ ދޮރުކުރިމައްޗަށް ނުކުންނަން އުޅުނެވެ. ސިޑީގެ އެންމެ ތިރީ ހަރުފަތުގައި ކޮޅަށް ހުރި ހުސައިން ދޮރުމައްޗާ ހަމައަށް ގެނެސްދިނުމަށް އެހެން މީހަކު އެހީތެރިވެ ދިނެވެ. އޭނާ ނުކުތީ، މި އިންޓަވިއު ނަގަން އަހަރެމެން ދާތީ އަހަރެމެންނާ ބައްދަލު ކުރުމަށެވެ. ލިފްޓާ ހަމައަށް ދިޔައީ ފާރުގައި އަތް ޖައްސައި އަތް ހާކަމުންނެވެ. ލިފްޓަށް ވަދެ ފިތަންޖެހޭ ހަތްވަނަ ނަންބަރު ހޯދީ ނަމްބަރު ބަރީގައި އަތް ހާކައިގެންނެވެ.

މިއީ 100 އަށް ވުރެ ގިނަ ވީޑިއޯ ލަވަޔާއި 25 ހަކަށް ފިލްމުގައި މަސައްކަތް ކުރި ކުރީގެ ސިނަމެޓޯގްރާފަރު ހުސައިން މައުޒޫމެވެ.

ދެހާސް ވަނަ އަހަރު ފެށި އާ ގަރުނާއި އާ އާސްކަފަށް މުޅި ރާއްޖެ ހޭލައްވާލި "ނަސީބު އާ ވެލީ" ގެ ލަވަ ވީޑިއޯކޮށް ސިނަމެޓޯގްރަފީގެ މަސައްކަތް ކުރީ ހުސައިންނެވެ. ކުރު ފިލްމާއި އޮފީސްތަކުގެ ޓެލެޑްރާމާތައް އަދި ސިލްސިލާ ޑްރާމާތައް ވެސް ކެމެރާކޮށްދީ ޑަބިން މަސައްކަތް އޭނާގެ އަމިއްލަ ސްޓޫޑިއޯ "މައުޒޫމް" ގައި ކުރީ ކޮލިޓީ ދަމަހައްޓަމުން، ބޭނުންވާ ސުންގަނޑިއަށް މަސައްކަތް ނިންމައި ވެސް ދެމުންނެވެ.

ޕްރޮޑެކްޝަން އާއި ވީޑިއޯގްރަފީގެ ޒަރިއްޔާއިން އަހަރެމެންނަށް ދުނިޔެ ސިފަކޮށް ދިން އުމުރުން 53 އަހަރުގެ ހުސައިން، އެ މަސައްކަތްތަކުގައި 26 އަހަރު ހޭދަ ކުރުމަށް ފަހު ހުއްޓާލަން ޖެހުނީ ނުކުޅެދޭ ހާލަތަކަށް އޭނާ ވެއްޓުމުންނެވެ.

މުހައްމަދު މުސްތޮފާ ހުސައިން (ބޮޑުފެންވަޅުގޭ މުސްތޮފާ) 1993 ގައި ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރި ދިވެހި ފިލްމު "އިމްތިހާން"ގެ ސިނަމެޓޯގްރާފަރު ހުސައިންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލި އިމްތިހާނަކާ ކުރިމަތިލާން ޖެހުނީ އެވެ.

އޭނާގެ ލޮލުގެ ފެނުމުގެ މައްސަލަ ދިމާވީ ކުއްލިއަކަށެވެ. އޭގެ ކުރިން ދުވަހަކު ވެސް އައިނު އަޅަން ޖެހިފައި ވެސް ނެތް ކަމަށް ހުސައިން ބުންޏެވެ. އޭނާ ބުނި ގޮތުގައި ލޮލަށް ފެނުން ދަތިވެގެން، އޭގެ ކުރިން ދުވަހަކު ވެސް އޭނާ ނޫޅެ އެވެ.

އެފަދަ އާލަމާތެއްގެ ހިލަމެއް ވެސް ނެތެވެ. މި އަނދިރިކަން، އޭނާގެ އެންމެ ޕެޝަނޭޓް މަސައްކަތް ފަރުދާގެ ބިއްދޮށަށްލައި ނިވާކޮށްލުމުގެ ކުރިން ހުސައިން ކުރިއަށް ދިޔައީ އޭނާގެ ސްޓޫޑިއޯގެ މަސައްކަތް އާ ގިޔަރެއް މައްޗަށް ޖައްސާލައިގެންނެވެ. ސިނަމާލެ ބްރިޖް ހުޅުވަން ވާއިރަށް ސްޓޫޑިއޯ އަށް ގަތް ވެހިކަލާ އެކު ހުސައިންގެ މި ހިދުމަތަށް އޮތް ޑިމާންޑް ވެސް ބޮޑުވި އެވެ.

ހުޅުމާލޭގައި ބާއްވާ އިވެންޓްތަކާއި ހަފުލާތަކަށް ވިޑިއޯ ހަދައިދިނުމުގައި އެންމެ ފަސޭހައިން އަތުޖެހޭނެ ޕްރޮޑަކްޝަން ހައުސްއަކީ އޭނާގެ މައުޒޫމް ސްޓޫޑިއޯ އެވެ.

"ހުޅުމާލެ އަކީ ވަރަށް ގިނަ އިވެންޓް ބޭސްޑް ތަނެއް ވީމަ ބްރިޖް ހުޅުވެންވާއިރަށް ސްޓޫޑިއޯ އަށް ވޭނެއް ވެސް ގަތިން. އޭރުން ކޮންމެ ވަގުތަކު ސާމާނު އުފުލަން ޖެހުނަސް އަމިއްލަ ވެހިކަލެއް އޮތީމަ ވަރަށް ފަސޭހައިން އެކަންކޮށްލެވޭ،" ހުސައިން ކިޔައިދިނެވެ.

"ކިތަންމެ ދަންވަރު އިވެންޓެއް ނިމުނަސް ވެހިކަލަށް ސާމާނުކޮޅު ލައިގެން އަންނަންވީ."

ނަމަވެސް އެ ފަސޭހަ އާއި ފުރުސަތުތައް އޮހެމުން ދިޔަ އެ މަސައްކަތުގައި ބޭނުން ކުރި ވެހިކަލާއި ސާމާނުތަކުން އޭނާގެ އަތް ދޫކޮށްލަން ޖެހުނީ އެވެ.

"ކެމެރާގައި ޖަހާ ލޯ. ކުދި އަކުރު ކިޔަން އުނދަގޫވީ،" 2019 ގައި އޭނާގެ ލޮލަށް ދިމާވާން ފެށި މައްސަލަތައް ހުސައިން ކިޔައިދިނެވެ.

އެ ލޮލަށް އެހެންވާން ފެށުމުން އޭނާ ދިޔައީ އައިނު ނަންބަރެއް ނަގާށެވެ. ކޮންމެހެން އައިނު ހެއްދުމުގެ ބޭނުމުގައެއް ނޫނެވެ. ލޮލުގެ ފެނުމުގެ ޓެސްޓެއް ހެއްދުމުގެ ގޮތުންކަމަށް، އިންޑިއާގެ ދުރްދާޝަން ޗެނަލަށް ވެސް ގިނަ ވީޑިއޯތަކެއް ކޮށްދިން ހުސައިން ބުންޏެވެ.

"ފުރަތަމަ އެހެންވީ އިރު މަ ދިޔައީ އައިނު ނަންބަރެއް ނަގާލަން. އޭރު އައިނު ނަންބަރު ހަދަން އެ ބަލާ ނަންބަރުތަކުގައި ދެ އަކުރު ވިއްޔާ އޭރު ނުފެންނަނީ. ހަމަ ނުފެނޭ ކިތަންމެ ވަރުގަދަ ލެންސެއް ވައްޓާލިޔަސް. އެހެންނު ވާނީ އެތަންކޮޅު މި އިންނަނީ ނުފެންނަ ގޮތް ވެފައި،" ހުސައިން ބުންޏެވެ.

އޮޕްޓިކަލް ކްލިނިކުން ނަންބަރު ނަގައިގެން އައިސް އައިޖީއެމްއެޗް ޑޮކްޓަރަކަށް ދައްކަން އޭނާ ނަންނޯޓް ކުރި އެވެ. ހަފުތާއެއް ވީ އިރު ވެސް އެޕޮއިންޓްމެންޓެއް ނުލިބުނެވެ.

އެކަމަކު އޭނާގެ ލޮލަށް، ބަދަލު އަންނަމުން ދިޔަކަން ހުސައިން އަށް ފާހަގަވާން ފެށި އެވެ.

"ކެމެރާ ކުރަން ލޯ ޖަހާ ފޯކަސް ޕޮއިންޓް ސަކަރާތް ވީ. ދެން އެހެންވީމަ ކިހާ އުނދަގޫ ވާނެ. ދެން އޭތި ބޮޑުވަމުން އައީ، ނިދާ ހޭލައިފަ އިނގޭ ވަރަށް. އަނެއްކާ އަނެއް ދުވަހު ވެސް ކުރިއަށްވުރެ ބޮޑަށް އެނގޭވަރަށް."

މައުޒޫމް ސްޓޫޑިއޯގައި ހުރި ބައެއް ސާމާނު

ދެން އައިކެއާ އޮޕިޓިކަލްގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، އޭނާ އަށް އެންގީ ވަގުތުން އިންޑިއާ އަށް ފުރުމަށެވެ. އާސަންދަ ހަމަޖެހި އެދުވަހުން އެދުވަހަށް ޕާސްޕޯޓް ހަދައިގެން އިންޑިއާގެ މަދޫރާއީގައި ހުންނަ އަރްވިންދު ލޮލުގެ ހޮސްޕިޓަލުގައި ހުސައިން ފަރުވާ ފެށި އެވެ.

"އެ މީހުން [ޑޮކްޓަރުން] ވަރަށް ކޫލް. މައްސަލަ ޖެހުނު ލޯ ސާޖަރީ ހަދާލައިފައި. ދެން އިން ލޯ ލޭޒާ ހަދާލައިފައި ދާންވީ. ދެން އެހެން ހަދާލައިގެން އައީ. ތިން މަސްކޮށްފަ އަންނާށޭ ބުނީ،" ގިޔާސާއި ސުނީތާ ކުޅުނު "އުފަލާއެކީ ލިބޭ ދިރުމޭ" ލަވަ ވިޑީއޯކޮށް ފިލްމީ ދާއިރާގެ ވީޑިއޯގްރާފީގެ މަސައްކަތަށް ތައާރަފުވި ހުސައިން ބުންޏެވެ.

"ދެން ވީ ގޮތަކީ ރަނގަޅަށް އިން ލޮލުގެ ފެނުން މަޑުމަޑުން ދަށަށް ދާން ފަށައިފި. އަވަހަށް ހިނގައްޖެއިން [އިންޑިއާ އަށް] އޭރު މަހެއް ހަމަ ވާނީ ކިރިޔާ. ދިޔައީމަ ބުނީ ކީއްކުރަންހޭ ތި އައީ ތިން މަސް ނުވަނީސް. އަހަރެން ބުނިން މިހެން މިހެން ވާތީއޭ. އެކަމަކު އެ މީހުން ބަލައިފަ ބުނީ ދާށޭ،" ހުސައިން ކިޔައިދިނެވެ.

"އެކަމަކު މަށަކަށްނު އެނގޭނީ ލޮލަށް އަންނަ ބަދަލެއް. (ނަމަވެސް) އެ މީހުން އޯކޭ ދީފަ ހަމަ ފޮނުވާލީ."

ޖުލައި 2019 އިން ފެށިގެން ފެބްރުއަރީ 2020 އާ ދެމެދު، އޭނާގެ ލޯ ދައްކަން ހަތަރު ފަހަރު އިންޑިއާ އަށް ދިޔަ އެވެ. އެކަމަކު ކުރި އެރުމެއް ނުލިބުނެވެ.

"އެތަނަށް ޖުމުލަ ފަސް ފަހަރު ދެވިއްޖެ،" ހުސައިން ބުންޏެވެ.

ފިލްމު "ކުށްވެރިޔާ"ގެ ވެސް ކެމެރާމަން ބުނި ގޮތުގައި އެ އަހަރު ޖުލައި މަހު ލޮލަށް މައްސަލަ ދިމާވި ފަހުން، އޮކްޓޯބަރު މަހާ ހަމައަށް ވެސް ސްޓޫޑިއޯގެ މަސައްކަތްތަކުގައި އޭނާ އުޅުނެވެ. އޭގެ ފަހުން އެ ޒާތުގެ އެއްވެސް މަސައްކަތެއް އޭނާ އަކަށް ނުކުރެވުނެވެ.

"ކުރިން ވަރަށް ކައިރިން އެނގޭނެ [ފެންނާނެ]. އެކަމަކު މިހާރު ނޭނގެ. މިހާރު އައްޔެއް ހުރެއްޖެއްޔާ އެނގޭނެ އެއްޗެއް ކްރޮސްކޮށްލިއްޔާ،" ފިލްމު "އެ ތޫފާނީ ރޭ" ގެ ޕޯސްޓް ޕްރޮޑެކްޝަންގެ މަސައްކަތް ކުރި ހުސައިން ބުންޏެވެ.

"އެ މީހުން [އިންޑިއާގެ ހޮސްޕިޓަލުން] ބުނީ ރެޓީނާ ނެއްޓިފައޭ. ރެޓީނާގެ ޓްރާންސްޕްލާންޓެއް ހެދޭތޯ ވެސް ބެލިން. އެކަމަކު އެކަމެއް ނުކުރެވޭ. ލޮލުގެ އެހެން ޓްރާންސްޕްލާންޓް ހެދޭ."

ގިނަ އަދަދެއްގެ ދަރުސްތަކާއި ދީނީ ޕްރޮގްރާމްގައް ޥެސް ވީޑިއޯ ކޮށްދީ، އަދި ޓީވީ އީ އޭޝިއާ އަށް ވެސް ވީޑިއޯގެ މަސައްކަތްކޮށްދިން ހުސައިން ބުނި ގޮތުގައި މަންޒަރު ސިފަކޮށް އެހެން މީހުންނަށް ފެންނާނެ ގޮތަށް މަސައްކަތް ކުރުމަކީ އެންމެ ކުޑައިރުން ފެށިގެން އޭނާގެ ގައިގައި ހަރުލި ހުނަރެއް ކަމަށެވެ. އެކަމަށް ޝައުގުވެރިކަން ނުހުންނަ ހަނދާނެއް އޭނާ ނުވެ އެވެ.

"އެންމެ ކުޑައިރު ވެސް ކަރުދާސްކޮޅުގައި އެއްޗިހި ކުރަހައިގެން އެ ކަފަކަފައިގެން ފާރުފާރަށް ހިޔަނި އަޅައިގެން ދޭން އޭގެ މަތިން ކުރަހައި ހެދީ،" ހުސައިން ކިޔައިދިނެވެ.

އެއީ މަންޒަރު ސިފަކޮށްދޭން އޭނާގެ އެ ހުނަރު ފުރަތަމަ ބޭނުން ކުރި ގޮތެވެ.

"އެކަމަކު އެންމެ ފުރަތަމަ ކެމެރާއެއްގައި އަތްލަން ލިބުނީ އުމުރުން 17 އަހަރު ސައިކުރާ އަހުމަދު ނައީމު ކައިރިން،" ސިލްސިލާ ޑްރާމާ "ވިމްލާ"ގެ މަންޒާރުތައް ވެސް ނަގައިދިން ހުސައިން ބުންޏެވެ.

"އޭރު އަމިއްލަ މީސްމީހުންގެ އަތުގައި ވަރަށް މަދުވާނެ ކެމެރާ އާއި ވީޑިއޯގްރަފީގެ ސާމާނު. އޭގެ ތެރެއިން އެކަކީ އަހްމަދު ނައީމް. މައްޗަންގޮޅި ސްކޫލް [އަހްމަދިއްޔާ] ގެ ކާނިވާ އަށް ގޮސް އުޅެނިކޮށް އޭނާ އާ ދިމާވެގެން. ފުރަތަމަ ކެމެރާއެއްގައި އަތްލަން ވެސް ފުރުސަތު ލިބުނީ."

އޭރު އެ މަސައްކަތަށް އޭނާގެ ޝައުގުވެރިވަމުން ދިޔަކަން އޭނާގެ އާއިލާ އަށް ވެސް ފާހަގަވި އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފޮތް ޕްރިންޓް ކުރާ ބައިގައިގައި އޭނާ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، ޓެކްސްޓް ފޮތުގައި ފޮޓޯ ޖަހާނެ ގޮތުގައި ތަމްރީނުތަކެއް ދޭން، ނެދަލެންޑްސްއިން އައި ތަޖުރިބާކާރު ދެ ބޭފުޅަކު ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ބައިވެރިވެގެން، ފޮޓޯގްރަފީގެ ހުނަރުތައް ވެސް ހުސައިން ދަސްކުރި އެވެ.

[އިންޑިއާގެ ހޮސްޕިޓަލުން] ބުނީ ރެޓީނާ ނެއްޓިފައޭ. ރެޓީނާގެ ޓްރާންސްޕްލާންޓެއް ހެދޭތޯ ވެސް ބެލިން. އެކަމަކު އެކަމެއް ނުކުރެވޭ. ލޮލުގެ އެހެން ޓްރާންސްޕްލާންޓް ހެދޭ.

ދެން ކުރިއަށްދާން ހުސައިން އަށް މަގުކޮށައިދިނީ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ ދިން ކެމެރާއިންނެވެ.

"ސޮނީ ވީޑިއޯ އެއިޓްގެ ކެމެރާއެއް ބޭބެ ގެނެސް ދިނީ،" އޭނާ އަށް ލިބުނު ފުރަތަމަ ކެމެރާގެ ތަފްސީލު ހުސައިން ކިޔައިދިނެވެ.

އެ ކެމެރާ އަދިވެސް ހުސައިން އަށް ވަރަށް ހާއްސަ އެވެ. އެ މަސައްކަތުގައި ދެން، އޭނާގެ އަތުގައި ހިފައިގެން ފުރަތަމަ ސްޓޫޑިއޯއެއްގެ މަސައްކަތަށް ވައްދައި ދިނީ ބޮޑުފެންވަޅުގޭ މުސްތޮފާ އެވެ.

"މުސްތޮފާއަކީ ބޭރުން އެކަން ކިޔަވައިގެން ހުރި މީހެއް. އޭނާގެ ސްޓޫޑިއޯގައި ހުންނާނެ ވީޑިއޯގްރަފީއާ ބެހޭ ފޮތްތައް ވެސް،" ޓީވީއެމްގެ "ފިލްމީ އުދަރެސް" އަދި "ހެޔަންބޯގައި" ދައްކަން ހިލޭ ޓީވީ އަށް ހަދިޔާ ކުރި ގިނަ ލަވަތަކެއް އެ ސްޓޫޑިއޯގެ ދަށުން ހެރި އިރު ވީޑިއޯގެ މަސައްކަތް ކުރި ހުސައިން ބުންޏެވެ.

އޭނާ ބުނީ އޭނާ އާއެކު މަސައްކަތް ކުރި ކޮންމެ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް އަދި ޓީވީ އަކުން އަންނަ ނޫސްވެރިޔަކު ވެސް އެ މީހަކުން އެންމެ ހިތްހަމަޖެހޭ ގޮތަށް މަންޒަރު ނަގައިދެވެންދެން އޭނާ މަސައްކަތް ކުރާ ކަމަށެވެ.

"އަހަރެންނާ އެކު މަސައްކަތް ކުރި އެންމެންނަށް ވެސް އެނގޭނެ އަހަރެންނާ އެކު މަސައްކަތް ކުރަން ފަސޭހަކަން. އެއީ އަހަރެން ހުންނާނީ ކިތަންމެ އުނދަގުލުން ނެގޭ ޝޮޓެއް ވިޔަސް އެ މީހަކު ބޭނުންވާ ގޮތަށް ޝޮޓް ނަގައިދޭން މަސައްކަތް ކޮށްފައި،" ޔުނައިޓެޑް ނޭޝަން ޓީވީގެ ޑޮކިޔުމެންޓްރީއެއްގެ ވީޑިއޯގެ މަސައްކަތުގައި ވެސް އުޅުނު ހުސައިން ބުންޏެވެ.

"އުނދަގޫ ޝޮޓެއް ވިއްޔާ ބައެއް ކެމެރާމަނުން ބުނާނެ މިވެނި ގޮތަކަށް ނެގީމަ ރަނގަޅު ވާނެޔޭ. އަހަރެން ނުބުނަން އެހެނެއް. އެ މީހުން [ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން] ބޭނުންވާ ގޮތަކަށް އެ މީހުން ހިތްހަމަޖެހެން ދެން ކިތަންމެ އުނދަގޫވިޔަސް ކިތަންމެ ގިނައިރެއް ވިޔަސް އަހަރެން ހުންނާނީ ނަގައި ދީފަ."

ވީޑިއޯ ކެސްޓްތަކެއްގައި ހުރީ ކުރީގެ ފުޓްބޯޅަ މެޗުތަކެއްގެ ވީޑިއޯ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހުސައިންނާ ހަވާލު ކުރުމުގެ ގޮތުން މައުޒޫމުގެ ސްޓޫޑިއޯ އަށް ވަނުމުގެ ފުރުސަތު މީގެ އަށެއްކަ އަހަރު ކުރިން އަޅުގަނޑަށް ވެސް ލިބުނެވެ. އެންމެ ކުރީގެ ވީސީއާރް ފޯމެޓްގައި ހުންނަ ވީޑިއޯ ޑިޖިޓަލައިޒް ކުރުމުން ފެށިގެން، އެޗްޑީ ފޯމެޓްގައި ވީޑިއޯ ނެގޭނެ ސަމާނާއި އިވެންޓްތައް ލައިވް ކުރުމަށް ބޭނުން ކުރާ އަލާތްތައް ވެސް އެ ސްޓޫޑިއޯގައި އޭރު ހުއްޓެވެ.

"އެކަމަކު މަށަކަށްނު އެނގޭނީ ލޮލަށް އަންނަ ބަދަލެއް. (ނަމަވެސް) އެ މީހުން އޯކޭ ދީފަ ހަމަ ފޮނުވާލީ."

ހުސައިން ބުނީ ސްޓޫޑިއޯ އަށް ބޭނުންވާ ސާމާނު ބޭރުން ގަނެގެން ގެންނަ އިރު، އެންމެ ފަހަރަކު ފިޔަވައި އެއްވެސް ފަހަރެއްގައި ޑޮލަރު މާރު ނުކުރާ ކަމަށެވެ.

"ރިސޯޓްތަކުގައި ވަރަށް ގިނަ އިވެންޓްތައް ލިބޭ. އެ އިވެންޓުތަކުން އަގު ޕޭ ކުރަނީ ޑޮލަރުން. އެހެންވެ އެ ހުރިހާ ސާމަނު ސްޓޫޑިއޯ އަށް ހޯދި އިރު ވެސް އެންމެ ފަހަރަކު ނޫނީ ޑޮލަރު މާރުނުކުރަން،" ރައްޖޭނޭ ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ދައްކަން ވެސް ވީޑިއާތައް ނަގައި ދިން ހުސައިން ބުންޏެވެ.

"އެ ލިބޭ ޑޮލަރުތައް ރައްކާކޮށްފަ. އެއްޗެއް ގަނެވޭ ވަރަށް ހަމަވީމަ ދެން ގަންނަނީ."

ކުޑަކުޑަ ޓީވީ ސްޓޭޝަނެއް ހިންގާލެވޭ ވަރަށް ސާމާނު އެއްކުރި ހުސައިންގެ އެ ސްޓޫޑިއޯގައި ކުރިން ހުރީ ޒަމާނީ ގިނަ ސާމާނުތަކެއް މިހާރަކު ނެތެވެ. މީހާރު ހުރީ ކުރިން ބޭނުން ކުރި ބައެއް ކެމެރާ އާއި އަޑު ރެކޯޑް ކުރާ ސާމާނެވެ.

ފިލްމު އެދިއެދި ހޯދީމޭގެ މަންޒަރުތައް ވެސް ނަގައި ދިން ހުސައިންގެ ސްޓޫޑިއޯގެ ގިނަ ސާމާނުތައް ކުއްޔަށް ދޫކޮށްލީ އެވެ.

"ތިން ފަރާތަކަށް ކުއްޔަށް ދީފައި ވާނީ... ގަތް ވެޖިކަލް ވެސް ނަސީބަކުން ރަނގަޅު އަގެއްގައި ކޮވިޑް ލޮކްޑައުންގެ ކުރިން ވިއްކާލެވިއްޖެ،" ހުސައިން ބުންޏެވެ.

6 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 90%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

MySuperGreenDOTcom

04 April 2024

އިންޑިޔާއަކީ މާރަނގަޅުތަނެއްކަަމަށް ހީކޮށް ގިނަދިވެހިން ބޭސްފަރުވާއަށް ދާއިރު އިންޑިޔާގައި ޕޭޝަންޓުބޭނުންކޮށްގެން އެމީހުންބޭނުންވާ ކަންކަން ތަޖުރިބާކުރުމުގެ (އެކުސްޕެރިމެންޓުކުރުމުގެ) ކަންކަން ހިނގާ، އަދި ފޭކުޑޮކުޓަރުންވެސް އެހާގިނަ! އިންޑިޔާގައި އުފައްދާ ބޭހުގެ ކޮލިޓީވެސްދަށް، ފޭކުބޭސްވެސް އެހާގިނަ!

The name is already taken The name is available. Register?

ވިސްނާލަމާ

04 April 2024

ވީޑިއޯ ހުސެންއަކީ ވަރަށް ހިތްހެޔޮ ކަމޭހިތާ މީހެއް. އިންޑިޔާ ޑޮކްޓަރުން ގެ އިހުމާލުން މިކަންވެފަ މިއޮތީ ހަމަ ޔަޤީނުންވެސް. 5 ފަހަރު ދެއްކީމަވެސް ފޮނުވާލީ. ހުސެން އަށް ކެއްތެރިކަން ދެއްވާ ދެދުނިޔޭގައި ކާމިޔާބު ކުރައްވާށި.

The name is already taken The name is available. Register?

އައިމިނާ

04 April 2024

ރާއްޖޭގަ އުޅޭ ބައެއް ބިދޭސީ ޑޮކްޓަރުން ކިޔައިދޭ ވާހަކައަށް ސަމާލުކަމެއް ނުދޭ.

The name is already taken The name is available. Register?

އަލްސް

04 April 2024

ރެޓިނަލް ޑިޓޭޗްމަންޓަކީ ކޮންމެ މީހަކަށްޗެސް ދިމާވެދާނެ ކަމެއް. އަދި ރާއްޖެއިން އެކަމަށް އެންމެ ރަނގަޅު ފަރުވާ ލިބެން ނެތް ކަމެއް. މިކަން ވަނީ ކިހިނެއްތޯއާ ވެއްޖިއްޔާ ކަން ކުރާނެ ގޮތުގެ މައުލޫމާތު އެންމެންވެސް އިނގެން މުހިންމު. ހާއްސަކޮށް ނަންބަރު އައިނު އަޅާ އަދި ކުޅިވަރު ކުޅުމުގަ އުޅޭ މީހުންނަށް.

The name is already taken The name is available. Register?

އަލީރާޖާ

04 April 2024

ރެޓީނަލް ޑިޓެޗްމަންޓް ޑައިގްނޯސް ނުކުރެވި ޑޮކްޓަރުންގެ ފަރުވާ ކުޑަކަމުން ލޮލުގެ ފެނުން ގެއްލިދިޔައީ. ވަރަށް ދެރަ.

The name is already taken The name is available. Register?

ޑޮކްޓަރ79

04 April 2024

ކުއްލިއަކަށް ފެނުން ގެއްލުމަކީ އެމާރޖެންސީ އެއް. އެހެން ކަމުން އެމަރޖެންސީ ޑިޕާރޓްމަންޓް އަށް ދާންވޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454