28 އެޕްރީލް 2024 - 05:52
ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބޭއްވި، މައިލޯ އެކަޑަމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އެކަޑަމީން ހޯދައިފި އެވެ.
ދިހަ އަހަރުންދަށުގެ އުމުރުފުރާ އަށް ހާއްސަ ކުރި މުބާރާތުގެ ފައިނަލުގައި ސަސްއާ ދެކޮޅަށް ނުކުތީ ފުރެންޑްސް ފުޓްބޯލް ފެމެލީ އެކަޑަމީންނެވެ. ސަސްގެ ޓީމުން މެޗު ކާމިޔާބު ކުރީ 4-0 ންނެވެ.
ސަސްއިން ވެސް އަދި އެ ކްލަބްގެ އެކަޑަމީގެ ދަށުން ހިންގާ އަލީ އަޝްފާގު އެކަޑަމީން ވެސް، ކޮންމެ އެކަޑަމީއަކުން 2 ޓީމު މުބާރާތުގައި ވާދަކުރި އެވެ. އެ ހަތަރު ޓީމު ލީޑް ކުރުމުގައި ވެސް އިސްކޮށް ހުރީ ސަސްގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) އެވެ.
ޖުމުލަ 23 އެކަޑަމީއަކުން 31 ޓީމު މުބާރާތުގައި ވާދަ ކުރެ އެވެ. މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިތުރުން ހަތަރު އޮތަޅަކަށް ނިސްބަތްވާ އެކަޑަމީ ވެސް މުބާރާތުގައި ވާދަ ކުރި އެވެ. ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބުނީ 550 ކުދިންގެ ކުޅުން މުބާރާތުގައި ފެނުނު ކަމަށެވެ.
މިއީ އެކަޑަމީތަކަށް ހާއްސަކޮށް، ސްކަ ވެޓަރަންސުން މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ، ޖޫނިއާ އުމުރުފުރާ އަށް ކޮންމެ އަހަރަކު މަދުވެގެން ތިން މުބާރާތް ސޮކަ ވެޓަރަންސުން ބާއްވަ އެވެ. އެއީ 14 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 10 އަހަރުން ދަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
28 April 2024
ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު އަދި އެހާމެ މުހިންމު މުބާރާތެއް..