ވެޓްރަންސް ކަޕުގައި ޝާހު (ވ) ނިއު ރޭޑިއަންޓުގެ ޖާޒީގައި: ޝާހަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ފެބުރުއަރީ 2017 - 11:33
މައިނާ ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ގެ ހާލު ރަނގަޅު ކަމަށް އޭނާގެ ބޭބެ މާދިހު އިސްމާއިލް ބުނެފި އެވެ.
ފިޝަރީޒް މިނިސްޓަރުގެ ނައިބުގެ މަގާމް ފުރުއްވަމުން އަންނަ ޝާހަށް ހާޓް އެޓޭކެއްް ޖެހުނީ އާދީއްތަ ދުވަހުގެރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. ޝާހަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ ކްރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ) ގަ އެވެ. އެއީ އައިސީޔޫގައި ފަރުވާ ދޭ ވަރަށް ވުރެ ހާލަތު ރަނގަޅު ޕޭޝަންޓުންނަށް ފަރުވާދޭ ޔުނިޓެކެވެ.
"އިންޝާﷲ ޝާހުގެ ހާލު ރަނގަޅު. ސްޓޭބަލް މިހާރު،" މާދިހު ބުންޏެވެ.
ފެށޭ ހަފުތާގެ ތެރޭގައި ޝާހު ގެޔަށް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.
"އަންނަ ހޮނިހިރު ދުވަހު ޓްރީމަންޓް ދިނުމަށް ފަހު ދޫކޮށްލެވޭ ވަރު ވާނެ ކަމަށް މިބަލަނީ."
ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު ނިއު ރޭޑިއަންޓަށް ގިނަ ދުވަސްތަކެއް ވަންދެއް ކުޅުއްވި ޝާހަކީ ނިއު އިން 1998 ވަނަ އަހަރު އެފްއޭ ކަޕް މިލްކުކުރި އިރު ފައިނަލުގައި ހުއްރިއްޔާ ކޮޅަށް ލަނޑު ޖެއްސެވި ފޯވާޑެވެ. އޭގެ ފަހުން ޝާހު ވަނީ ވިކްޓަރީން 2002 ވަނަ އަހަރު ގައުމީ ތަށި މިލްކުރިއިރު އެ ޓީމަށް ވެސް ކުޅުއްވައިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުން 1997 އާއި 2003 ގެ ސާފް ޗެމްޕިއަންޝިޕް އަދި 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ހޯދިއިރު ޓީމުގައި ހިމެނުނުއިރު މީގެ ތެރެއިން 2003 ވަނަ އަހަރު ކެޕްޓަންކަން ކުރެއްވި އެވެ.
ހަވީރުގެ ރަންބޫޓް 1998 އާއި 1999 ގައި އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 1998 ވަނަ އަހަރު ހާސިލްކުރެއްވި ޝާހު 2003 ގައި ނިއުގެ ޖާޒީގައި ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވުމަށް ފަހު ގައުމީ ޓީމުގެ މެނޭޖަރުކަމާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ. އަލީ އާޒިމުގެ ދައުުރުގައި އެފްއޭއެމްގެ ގަވާއިދުތަކާއި ޑިސިޕްލިނަރީ ކޯޑާއި އެހެނިހެން އުސޫލުތައް އެކުލަވާލައްވައި އެތަނުގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެންނެވި އެވެ. ޝާހު ވަނީ ބައިނަލްއަގްވާމީ ގިނަ މެޗުތަކެއްގެ މެޗު ކޮމިޝަނަރުކަން ވެސް ކުރައްވައިފަ އެވެ. މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގައި ވެސް އިސް މަގާމްތަކެއް ދާދި ފަހަކާ ޖެހެންދެއް ފުރުއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ
22 February 2017
ޝާހު ދަނޑަންއަރަނީ ފޯރވާޑް އަކަން ކޮންމެ މެޗެއްގަ ބަދަލު ކުރަން ޖެހޭ ފިޓްނަސް ލެވެލް ދަންކަމުން ބަދަލުގައި ތޮއްޑޫ ނިޒާމް އަރުވަންޖެހޭ ޝާހުމެން ނުފޫޒާ ބާރުން މެޑަލް ޖެހީ މިހާރުވެސް ހަމަ އެގޮތަން ވަނީ ސްޕޯރޓްސް މިނިސްޓްރީގެ ނާއިބް ގެ މަގާމް ހުރެވާނުވާ އެއް އެގުނީކީ ނޫން މުސާރައާއެއްވަރަން މަސައްކަތް ކުރެވުނީކީނޫން، ސާހު އަކީ ސާފްޗެމްޕިއަންޝިޕް ގަ ކެޕްޓަން ބޭންޑް އަޅަން ހަދައިގެން ތަށި ގެންލުވާލި މޮޅު ކުޅުންތެރިއެއް، އެހަނދާނެއް ދުވަހުވެސް ނުނެތޭނެ.