ސިޑްސްގެ ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
27 މެއި 2024 - 14:34
ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، އެ ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 ޕަސެންޓް ކަނޑައެޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އަންހެނުންނަށް ހާއްސަ ލޯނު ސްކީމްގެ ބޭނުމަކީ ހުރިހާ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި އެންމެން ޝާމިލްކޮށް ބާރުވެރިކުރުވުން ކަމަށެވެ.
ރައީސް މިހެން ވިދާޅުވިއިރު، އަންހެނުންނަށް އަމާޒުކޮށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަންހެނުންނަށް ހާއްސަކޮށް ހުޅުވާ ފައިނޭންސިން ފެސިލިޓީއަކީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ފަށާ މަދަދު ލޯނަށް ކުރިމަތިލެވޭނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އެހެން ބޭންކްތަކުން ލޯނު ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ފަށާ މަދަދުގެ ދަށުން އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކަށް ލޯނު ލިބޭނެ އެވެ. އެ ލޯނަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އިންނަ އިރު އަނބުރާ ދައްކަން ޖެހޭނީ ހަތް އަހަރުގެ ތެރޭގަ އެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.
ފަށާ މަދަދު ލީޒިން ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް އެ ސްކީމުގެ ދަށުން ފައިސާ ހޯދޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އަށް ޕަސެންޓުގައި ދޫކުރާ މި ލޯނުގެ ދަށުން 10،000ރ. އިން ފެށިގެން އެއް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެ ލޯނު މެދުވެރިކޮށް، ހަރުމުދާ ގަނެވޭނެ އެވެ. އެ ސްކީމުގެ ދަށުން އަނބުރާ ފައިސާ ދައްކަން ޖެހޭނީ ސްކީމުގެ ދަށުން ތަކެތި ގަންނަތާ ހަ މަސް ފަހުންނެވެ. އެ ސްކީމުގެ ދަށުން ތަކެތި ގަންނަ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކޭނެ އެވެ. މި ސްކީމުގެ ދަށުން ވަކި ފަރުދަކަށް ފައިނޭންސް ކުރެވޭ އަދަދު ކަނޑައަޅާނީ އެފަރާތެއްގެ ބޭންކް އެކައުންޓުން ކަށަވަރުކުރެވޭ އާމްދަނީ އަށް ބަލައިގެންނެވެ.
ސިޑްސްގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭ ކަމަށެވެ. މިއަދު މުޅި ދުނިޔޭގައި ވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެ ވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުމްރާނީ ތަރައްގީން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށް ވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާސިލްވުމަށް، ބަދަހިކަމާ އެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭކަން ވެސް ރައީސް ވިދާޅުވި އެވެ.
ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަހަލަ، ޖިއޮގްރަފީ ގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމުތަކަށް މިކަން ވަރަށް މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްތަމް އަލީ
28 May 2024
މިހެންވެ ބުނަނީ ރައީސް މުއިއްޒްއަކީ ވައުދު ފުއްދާ ވެރިޔެކޭ. މިދަނީ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ވައުދަކަށް ފަހު ވައުދެއް ފުއްދަވަމުން.
ޝިޔާމްް
28 May 2024
ވަރަށް އުފާވެރި ހަބަރެއް. ރައީސް މުއިއްޒު އަންހެނުން ބާރުވެރިކުރުމަށް ކުރައްވާ މަސައްކަތް ވަރަށް ބޯޑަށް ފާހަގަ ކުރަން.
ބާސިތްް
28 May 2024
މިދިޔަ ސަރުކާރާ ހިލާފަށް އަންހެނުންނަށް ފަހި ފުރުސަތުތަކެއް މިސަރުކާރުން ހޯއްދަދެއްވާނެ. ރައީސް މުއިއްޒުގެ ވިސްނުންހުރީ ހަމަ ރަނގަޅަށް.
އަލްދާާ
28 May 2024
މި ސަރުކާރުވެގެންދާނީ އަންހެނުން އެންމެ ބާޜުވެރިކުރާ ސަރުކާރަށްކަން ޔަގީން.
ޗަންދާ
27 May 2024
ކީއްވެބާ ކޮންމެ މީހަކުހެން އަހަރުމެން ފިރިހެންވެރިންނާ ދެކޮޅަށް މިހާ ބޮޑެތި ތަފާތުކުރުންތަށް ގެންގުޅެނީ... އޮފީހަކަށްވަނަސް ނޭވާ ނުލެވޭ... މަތީ މަގާމުތަކުގައި މިތިބޭނީ އަންހެންވެރިން. ކިޔަަވަންވެސް ނުދެވޭ.. ގިނައީ ކޮލިފައިވާ އަންހެންވެރިން. ދެން ފިރިހެނުން މި ދާންޖެހެނީ ހަމަ އެކަނި މަހަށްތަ؟
އާބިދާ އަލީ
27 May 2024
ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 ޕަސެންޓް ހިމެނީމަ ވަރަށް އުފާވެއްޖެ.
ނައުފާ މުހައްމަދު
27 May 2024
މިއީ ރައީސް މުއިއްްޒް ގެ ވައުދެއް. ވައުދުތައް މިދަނީ ބަރާބަރަށް ފުއްދަމުން
އާސިމް ރިޒާ
27 May 2024
ދައްތަ އަކީ ވަރަށް ވިޔަފާރި ކުރާ ހިތްވާ ކަނބަލެއް. މި ހަބަރު ދެއްކުމުން ނިކަން އުފަލުން ހުރީ
ދިހާމް އިސްމާއިލް
27 May 2024
ދިހާމް އިސްމާއިލް ހަގީގަތުގައިވެސް ކަނބަލުން ބާރުވެރިކުރުވަން މިހާ މަސައްކަތް ކުރާ ވެރިޔެއް އަދި ނާދޭ
ތަހިއްޔާ
27 May 2024
މިކަމުން ދޭހަވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ހުރިހާ އެންމެމްނަށްވެސް ފަހި ފުރުސަތުތައް ލިބިގެންދާނެކަން.
ބަބްލޫ
27 May 2024
ދޭހަވަނީ ފިރިހެނުންނަށް ފުރުސަތު ކުޑަކަން.