ރަފަހްގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާގައި 45 މީހަކު ވަނީ ޝަހީދުވެފައި. --ފޮޓޯ: އޭއެފްޕީ
27 މެއި 2024 - 23:02
ފަލަސްތީނުގެ ޣައްޒާގެ ދެކުނުން ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެ އިން މިރޭ ކުށްވެރި ކޮށްފި އެވެ.
އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، މިހާތަނަށް 45 މީހަކު ވަނީ ޝަހީދު ވެފަ އެވެ. އެ ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ޝިކާއަރަކަށް ވެފައިވާ ފަލަސްތީނުގެ މައުސޫމް އެތައް ރައްޔިތުންތަކެއް ހިމާޔަތް ހޯދައިގެން ތިބި ކޭމްޕަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"އާންމުންނަށް ސީދާ އަމާޒު ކޮށްގެން ގަސްދުގައި ހިންގާ މިފަދަ އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ އަމަލުތަކަކީ އިންސާނީ ހައްގުތައް ރައްކާތެރި ކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް،" ބަޔާނުގައި ބުންޏެވެ.
ރަފަހްގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާގައި 45 މީހަކު ވަނީ ޝަހީދުވެފައި. --ފޮޓޯ: އޭއެފްޕީ
އެއާ އެކު، ރާއްޖޭން ވަނީ ރަފަހްގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ވަގުތުން ހުއްޓާލުމަށާއި ޣައްޒާގައި ނަސްލު ނައްތާލުމާއި މައުސޫމް ރައްޔިތުންގެ ފުރާނަ އަށް ނުރައްކާ ނުވާނެ ކަން ކަށަވަރުކުރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް ފުރިހަމަ އަށް ތަބާވުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ.
އެ ބަޔާނުގައި ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ކުރާ ވަކާލާތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
އަދި ރަފަހްއަށް އަރައިގަތުމުގެ އޮޕަރޭޝަން އިޒްރޭލުން ފުޅާކުރަމުންދާ އިރު، 800،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
އެ ސަރަހައްދުގައި ހޮސްޕިޓަލުތައް ވެސް މިހާރު ނުހިންގޭ ހާލަތުގައި ހުރި އިރު، އެހީ ވެއްދޭނެ މަގުތައް އިޒްރޭލުން ބަންދުކޮށްފައިވާތީ، ޣައްޒާ ބަނޑަށްޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގެ އިންޒާރު ވެސް އދ. އިން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމާހް މޫސާ
28 May 2024
ދިވެހި ސަރުކާރަކުން ނެރުނު ވަރުގަދަ ސްޓޭޓްމެންޓެއް މިއީ.!
މަފާޒް ސަލީމް
28 May 2024
މިސަރުކާރަކީ އިސްލާމީ އުއްމަތަށް ހުރި ނަމޫނާ ސަރުކާރެއް. އެއްވެސް އެހެން ސަރުކާރަކުން ނެތް މިހާވަރަށް ފަލަސްތީނުގެ ހައްގުގައި ބަސްބުނެފަ.
މަސްއޫދު ޝަރީފް
28 May 2024
ފަހުރުވެރިކަމާއެކު ބުނެލަން ކެރޭ އަހަރެން ވޯޓް ދީގެންކަން މިސަރުކާރު ހޮވުނީ. މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެވުނީތީ އުފާކުރަން.
މުހައްމަދު އުސްމާން
28 May 2024
ސައުދީ ތަންތަނަށް ނުކެރޭ ކަންކަން މިއަދު އަހަރުމެންގެ ގައުމުން މިކުރަނީ. މިއީ އުފާކުރަންޖެހޭ ކަމެއް.
ނޫރުﷲ
28 May 2024
މިއަދުން ފެށިގެން އަހަރެން ދެން ތާއިދު ކުރާނީ ރައީސް މުއިއްޒްއަށް. ނިކަން އުފާވޭ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާތީ
ސިފަތުﷲ
28 May 2024
މިދިޔަ ސަރުކާރަށް ނުކުރޭ މިވަރުގެ ކަމެއް ކޮށްލަންވެސް. ސައިލެންޓްކޮށް ތިބީ
ހަސަން ނިހާމް
28 May 2024
ފަލަސްތީނުގެ ހައްގުގައި މިހާވަރަށް ވަކާލާތު ކުރާ ސަރުކާރެއް އަދި ނާދޭ
ޖަލީލީ
28 May 2024
ކުއްވެރިކޮއްލަ ކޮއްލާ ތިބޭތާ 75 އަހަރުވީ. ޔަހޫދީން ބޭނުން އިރަކު ބޭނުންވަރަކަށް އަރާ މީހުން މަރަމުން ދާއިރު ދުނިޔެ ލޯ މަރާލައިގެން. އެޅޭނެ ފިޔަވަޅެއް ދެވޭނެ އަދަބެއް ހުއްޓުވޭނގޮތެއް ނެތް. މުސްލިމުން ކަމަށް ދައުވާ ކުރާ ގައުމުތަކުންވެސް ޔަހޫދީންނާއި ބަރާބަރަށް ގުޅުންތަށްބާއްވާ. ވިޔަފާރީގެ ގުޅުންތަށްވެސް އެގޮތުގައި ކުރިޔަށްދޭ. މިއަދުގެ މުސްލިމުންގެ ފިނޑިކަމާއެވެ.
ދީމުގުރާތުސް
28 May 2024
މި އަމަލަކީ ސީދާ ޓެރަރިޒަމްގެ ހުރިހާ ޝަރުތުތަކެއް ހިމެނޭ ބޮޑު ޖަރީމާއެއް. މިކަން ތަހުގީގުކޮށް ވަގުތުން ވަގުތަށް ނަތަންޔާހޫ އަދި އޭނާގެ ކެބިނެޓާއި އިޒްރޭލޭކިޔުނު ޓެރަރިސްޓް ޖަމާޢަތުގެ ޓެރަރިސްޓުން (ސިފައިން)ގެ މައްޗަށް ޓެރަރިޒަމް އަދި ލާއިންސާނީ އަމަލުތަކެއް ހިންގުމުގެ ދައުވާކޮށް އެކަށޭނޭ އަދަބު ދޭންޖެހޭ. އެމެރިކާ، ޕޮލަންޑް، ޗެކްރިޕަބްލިކް، ޔޫކޭ ޔޫކުރޭން އަދި ދެންވެސް ޔަހޫދީ ޓެރަރިސްޓުންނަށް ސަޕޯޓުދޭ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ.
ބެއްޔާ
28 May 2024
ތިހާ މުނާފިޤްވާކަށްނުވާނެ. އިޒުރައީލް މީހުން މިޤަޢުމަށް އައުން މަނާނުކުރަނީ ކީއްވެހޭ؟
މުނާފިގުވުން ދަސްކުރޭ
28 May 2024
ފަލަސްތީނު ބިން ހުސްކޮށްދީފައި އިޒްރޭލާ ހަވާލުކުރަން ގޮވުން އެއީ ޔަހޫދީ ގޮވުމެއް. ފަލަސްތީނު ރައްޔިތުންނަށް ހެޔޮއެދޭނަމަ އެބިމުގައި އެމީހުން އުޅެން ވާގިވަރިވާނެ.