ސިވިލް ސާވިސް ކޮންފަރެންސްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް: ގައުމީ ހިދުމަތުގައި ދެމިތިބި ސިވިލް ސާވަންޓުން މިހާރަށް ވުރެން ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ހިދުމަތް ދެއްވަން ނައިބު ރައީސް އެދިވަޑައިގަތް. -- ފޮޓޯ | ރައީސް އޮފީސް
09 ޖޫން 2024 - 16:11
ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ މުހިންމު ދެ ކަމަކީ، ހިނިތުންވުމާއި، އޯގާތެރިކަމާ އެކު ހިދުމަތް ދިނުން ކަމަށާއި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް އިހްލާސްތެރިކަމާ އެކު ހިދުމަތުގައި ދެމިތިބެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު އެދިވަޑައިގެންފި އެވެ.
ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ދިވެހި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކީ ވެސް ހިދުމަތް ހޯދަން އަންނަ ކޮންމެ ދިވެއްސަކާއި ބިދޭސީއަކާ ވެސް އޯގާތެރިކަމާ އެކު މުއާމަލާތް ކުރައްވާ ބޭފުޅަކަށްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި އެކި އިދާރާތަކުގައި 26،000 އަށް ވުރެ ގިނަ މީހުން ހިދުމަތް ދެ އެވެ.
ހިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިގުބާލު ކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން. ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސާވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. -- ނއިބު ރައީސް
ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުންދާ ޓެކްނޯލޮޖީއާ އެކީގައި ބަދަލުވަމުންމިދާ ދުނިޔޭގައި، ޒަމާނާ ގުޅޭ ގޮތަށް ހިދުމަތް ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ކިއޫގައި ޖެހިގެން ހިދުމަތް ހޯދަން އެތައްއިރަކު ތިބެން ޖެހުން ފަދަ ކަންކަމަކީ، ޒަމާނުގެ ޓެކްނޯލޮޖީއާއެކު ހައްލު ހޯދޭނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.
"އޮފީސްދޮށަށް ނުގޮސް، ގޭގައި އިނދެގެންވެސް އޮންލައިންކޮށް ހިދުމަތް ލިބެންޖެހޭ. އެ ހިދުމަތް ފޯރުކޮށްދެވުމުން، އެ ހިދުމަތް ކޮންމެ ރައްޔިތަކު ވެސް ވަޒަން ކުރިގޮތް ނުވަތަ ރަނގަޅު ކުރަން ހުރި ކަންކަމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަކީ، މުހިންމު ކަމެއް ކަމުގައި ދެކެން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަކީ، ވަރަށް ކެތްތެރިކަމާއި ވަރަށް ހިކުމަތްތެރިކަމާއި، ވަރަށް ކަމޭހިތުމާ އެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ކޮންމެ އޮފީހަކުން ވެސް އެއްވެސް ދައްޗެއްނެތި ފަސޭހަކަމާ އެކު ހިދުމަތް ލިބެން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށެވެ.
"ހިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިގުބާލު ކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން. ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސާވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސާވިސްގެ އެހީތެރިކަމާއި، އިހްލާސްތެރި އެއްބާރުލުން ދިވެހި ސަރުކާރަށް ބޭނުންވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ، ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުވިކުރެއްވުން، ޒަމާނީ ކުރެއްވުން، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވަން ހުއްޓުމެއްނެތި ރެއާއި ދުވާލު މަސައްކަތްޕުޅު ކުރެއްވުން. އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައި މިވާ ގައުމީ މަސައްކަތްޕުޅު ކާމިޔާބު ކުރުމުގައި، ދިވެހި ސިވިލް ސާވިސްއިން ފުރިހަމައަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން."
ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ އަޑު އަބަދުމެ އަހައިގެން، ރައްޔިތުންނަށް ވީހާވެސް ސާފުކޮށް ކަންކަން އޮޅުންފިލުވައިދީގެން، ރައްޔިތުން އެދޭގޮތަށް ކުރިއަށް ދާން ސަރުކާރުން ފަށާފައިވާ ދަތުރުގައި، ދިވެހި ސިވިލް ސާވިސްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
އަދި މި ދަތުރުގެ މުޅި ކާމިޔާބީގައި ސަރުކާރުގެ މުވައްޒަފުންގެ ހިއްސާ އެހާވެސް ބޮޑު ކަމަށާއި ދިވެހި ސިވިލް ސާވިސް ކޮމިޝަނުން އަދި ސިވިލް ސަރވިސްގެ މުވައްޒަފުން އެދޭ ކަންކަން ފަހިކޮށްދީ، ފަސޭހަކޮށްދިނުމަށް ސަރުކާރުން ރެޔާއިދުވާލު މަސައްކަތް ކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިންތިކި
10 June 2024
ސިވިލްސާރވިސް ގެ އަސްލު މަގްސަދަކީ ކޮބާ ބާއޭ އަޅުގަނޑު ހިތައް އަރާ؟ ބަލަންޖެހޭ ކަންތައް ބަލާ މުވައްޒަފުންގެ ހައްގުތައް ހޯދާ ދިނުމަށް ކުރެވެނީ ކޮންކަމެއްބާ؟ ކުރިއެރުން ލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ކުރާ ބައެއް ނޫން ތިއީކީ، ވަކި ބައެއްގެ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި މަސައްކަތްކުރާނީ، އެޕްރައިސަލް ފޯރމް އެއް ފުރައިގެން ލިބޭ އެއްޗަކީ ކޮބާތޯ، މާރކްސް ދިނުމުގައި އެއްވެސް ތެދުވެރިކަމެއް ނެތް، ލިބޭއިތުރު ކުރިއެރުމެށް ނެތް ކަމެއް ކުރުވަނީ
ހައިލަމް
10 June 2024
ރައީސް އޮފީހަކީ ވަކިމީހެއްގެ ތަނެއްނޫން. އެއީ.ދައުލަތުގެ ނިޝާނުން ބާރުލިބޭ އިދާރާއެއް. ކީއްވެތަ ރައީސް އޮފީހުގެ ތައްގަނޑުޖަހާ، ރަށުންބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ދޭން ތިއޮފީހުން އެންގި 7000 ރުފިޔާ ނުދީ ހިފަހައްޓަނީ؟ ކީއްވެ އެމީހުން އަމިއްލަޖީބުން ކުލި.ދައްކަން ޖެހެނީ؟ މާލޭ ޕްރިންސިޕަލުންނަށް 3 ކޮޓަރީ އެޕާޓްމަންޓް ބަހަނީ ހިލޭ.
ތަރީގާ
10 June 2024
އުފާކުރަންދޯ ޕްރިންސިޕަލުންގެ ތެެރެއިން ރަށުންބޭރުގަ އުޅޭ މީހުން އަމިއްލަ ޖީބުން އެކޮމޮޑޭޝަން އަށް ފައިސާ ދައްކަނީ؟ ޢަނގައޮތީމަ ޕޯޑިއަމްގަ އަނގަފެޅޭނެ. އެކަމަކު ލިބޭ މުސާރައިން މަހަކު 10000 ކުއްޔަށް ދޭ ޕްރިންސިޕަލުން ކުދިރަށް ރަށުގެ އެބަހުރި. އެލަވަންސް ހަމަ ޖައްސަން އެޑިއުކޭޝަނުން ހަދަންޖެހޭ ޕޮލިސީ ޕީއެސް މޭޒުގަ ބަރާބަރު2 އަަހަރު ވެއްޖެ.
އަސްމާ އަލީ
10 June 2024
ހެވިފަ އުފަލުން ހުންނަންބޭނުމަސް ކިހިނެއް އެކަން ކުރާނީ. މަގޭ ފިރިއަކީ ސްކޫލެއްގެ ވެރިއެއް. ރަށުގަ މަގާމުނެތީމަ އުޅެނީ ޖެހިގެންއޮތް އަތޮޅު ރަށެއްގެ ޕްރިންސިޕަލަކަށް. ބީދޭސީ ޓީޗަރުންނަށްވެސް ފުޑް، އެކޮމޮޑޭޝަން އަދި އަހަރަކު 1 ފަހަރު ރިޓާން ޓިކެޓްދޭ. މަގޭފިރި ކަނީ ސައި ހޮޓަލަށް 2800 މަހަކު ދައްކައިގެން. އުޅެނީ 4000 މަހުކުލި ދައްކައިގެން. ކަރަންޓައި ފެންބިލު ދައްކަންޖެހެ. ސަރުކާރުން ލޯލާރިއެއްވެސް ނުދޭ. އެކަމަކު 7000 މަހަކި ދޭން ރައީސްގެ ލިޔުން އޮތް
މަމެން1
10 June 2024
މި ރާއްޖެއަކު ނެތް ހިނިތުންވާންޖެހޭކަމެއް، ހުރިހާ ކަމެއް ބޮންސުންލާފަ އޮތް ތަނެއް މީ.
އިސްކުރަންވީ ކަންކަން
09 June 2024
އެންމެ ފުރަތަމަ ފޯނު އަތްގަޑު ހިއްލާލެވޭތޯ ބަލާބަލަ. ދެން ރަށްޔިތުމީހާ ގުޅާ ކަމަކާ ބެހޭ މީހާ އެދުވަހު އޮފީހަށް ޙާޟިރު ކުރެވޭތޯ ބަލާދީބަ. ދެން އީމެއިލް އާއި ސިޓީ އަށް ޖަވާބު ދީބަލަ. އޭގެ ފަހުގައި ތިބެގެން ހޭނީ.
ބަނޑު އަކިރި
09 June 2024
ސިވިލް ސަރވީސް އުފެދުނު ފަހުން މުވައްޒަފުން ހިނިތުން ކުރުވާކަށް އެއިދާރާ އަކަށް ނޭންގުނު މިހެން މިދެންނެވީ މުވައްޒަފަކު ދިހަ ބާރަ އަހަރު ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިޔަސް ގްރޭޑް ބަދަލު ކޮށްލަ ދޭންވެސް ކެރޭ އިދާރާއެއް ނޫން މިހާރު އެތަނަކީި
ކުޑަ ސައިހު
09 June 2024
ހިނިތުންވާވަރު ކަމެއް މިސަރޫރުން ނުކުރޭ އަބަދުވެސް އޮޅުވާލަނީ
އަލިބެ...
09 June 2024
ސިވިލްސަރވިސްގެ މުސާރަ ހާމަނައިޒް ކުރާ ސްޕީޑަށްވުރެ އަވަސް އެމީހުންގެ މަސައްކަތް. ކުރާނެ ޝަކުވާއެއް ނެތް.
އެކަމަކު20
09 June 2024
ކަމެއް ލަސްކުރެވެން އޮތްނަމަ ކުރާނެ. އުދަގޫ ކުރެވެން އޮތްނަމަ އުދަގޫ ކުރާނެ. ފޯނެއް ނުނަގާނެ. ޢަބަދު ކޮފީގަ. މިއީ ހާލަކީ.
ހަމަދު
09 June 2024
ތިޔައީ ނިމިދިޔަ ސަރުކާރުގަ ކަން ހިނގާ ދިޔަގޮތް. މިހާރު ނުވާނެ އެހެނެއް