25 ޖޫން 2024 - 11:48
"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސްއިން ސޮއިކޮށްފި އެވެ.
އެލައިޑުން ބުނިގޮތުގައި މި ފޯރަމްގައި ރާއްޖޭގެ ލީޑިން އިންޝުއަރާގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހައްމިއްޔަތުގެ ތެރެއިން މި އަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ވެސް ބައިވެރިވުމަށް ނިންމާ އެކަމަށް ތައްޔާރުވަމުން އަންނަ ކަަމަށެވެ.
އެލައިޑުން ބުނީ ކުންފުނީގެ ފަރާތުން ޕެނަލްގައި ބައިވެރިވާން ހަމަޖެހިފައިވަނީ އެލައިޑް އަންޑާރައިޓިން ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރު ހުސެއިން ސަވާދު ކަމަށެވެ. ޕެނަލް ޑިސްކަޝަންގައި އެލައިޑުން މައިގަނޑު ގޮތެއްގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެލައިޑުން އަދާކުރާ ދައުރާއި އިންޝުއަރެންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި މި ޕެނަލްއިން އިންޝުއަރަންސްގެ ރޮނގުން ހުރި ސުވާލުތަކަށް ޖަވާބު ވެސް ދޭނެ ކަމަށް އެލައިޑުން ބުންޏެވެ.
"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާއި ގުޅުން ހުރި ފަރާތްތަކާއި އެކު ދާއިރާއާ ގުޅުން ހުރި މަޝްވަރާތައް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. މީޑިއަމް އިވެންޓްސްއިން ރާވާ މި އިވެންޓު މި އަހަރު އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.
މި ފޯރަމްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މި ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށައަޅާ މިފަދަ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރާނެ އެވެ. މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy