09 ޖުލައި 2024 - 22:16
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މާލީ އަދި އެކައުންޓިން ދާއިރާގެ ޑިރެކްޓަރަކު ހިމަނަން ނިންމައި، އެ ޕޫލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ބަދަލު ގެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އަދި މިއީ ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމެޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ބަޔެއް ކަމަށް ވެސް ޕީސީބީން ބުންޏެވެ.
ޕީސީބީން ބުނި ގޮތުގައި، ކުންފުނިތަކުގެ އޮޮޑިޓް ކޮމެޓީތަކުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ޑިރެކްޓަރުގެ މަގާމަށް ޑިރެކްޓަރުން އައްޔަނު ކުރަނީ މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލާއި ރިސްކު މެނޭޖުމަންޓް ހަރުދަނާކޮށް، ކުންފުނިތަކަކީ މާލީ ގޮތުން ފުދުންތެރި ކުންފުނިތަކަކަށް ހެދުމަށް ބޭނުންވާ ފަންނީ ލަފާ އާއި އިރުޝާދު ދިނުމަށެވެ.
މި ބަދަލުގެ ސަބަބުން، ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް)އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ޑިރެކްޓަރެއް ހިމެނޭކަން ޔަގީން ކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެހެންކަމުން، ނަން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި މާލީ އަދި އެކައުންޓިން ދާއިރާގެ ޕޫލުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ޕީސީބީން ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމަކު ޚަރަދު ކުޑަކުރަނިއްޔޯ!
10 July 2024
ދެން ކީއްކުރާ ޑިރެކްޓަރުންގެ ބޯރޑެއްތަ؟ ޑިރެކްޓަރުންގެ ބޯރޑު އެކުލަވާލާއިރު "އެކައުންޓިންގ އެންޑް ފައިނޭންސް" އިން ޑިގްރީ ހަދާފައި ތިބި މީހުން އައްޔަން ކުރަންވީނު!