ރޭގެ ޖަލްސާގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
20 ޖުލައި 2024 - 06:43
ރާއްޖޭގެ ގިނަ މުއައްސަސާތައް ކޮރަޕްޝަންގެ ހާއްޔަށް ވެފައިވާ ކަމަށާއި އެއީ ގާނޫނު ތަންފީޒު ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގަ އެވެ.
މިނިސްޓަރު ވިދާޅުވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން ވެސް ކޮރަޕްޝަނާ ގުޅޭ ކަންކަން ފެނިފައިވާ ކަމަށާއި އެއީ ހިތާމައެއް ކަމަށެވެ.
"އެހެން ނަމަވެސް ރައީސްގެ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް، އަޅުގަނޑުމެން ޒީރޯ ޓޮލެރަންސް ޕޮލިސީއެއް އޮތް ކަމެއް އެއީ. ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރު ވެސް ނުބޭއްވުމަށް،" އިހުސާން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އިހުސާން ވަނީ މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި މޮބައިލް ފޯނު ވައްދާ، ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަރެއް ހިމެނޭ ނެޓްވޯކެއް ދާދި ފަހުން އަތުލައިގަތް އަތުލައިގަތުމަށް ވެސް އަޅިއަޅުވާލައްވައިފަ އެވެ. އެ އޮޕަރޭޝަންގައި އަތުލައިގަތް މީހުންގެ ތެރެއިން 13 އޮފިސަރަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ 18 އޮފިސަރުންގެ ތެރެއިން ބައެއް މީހުން ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތް ކޮށްފައިވާ ކަން ވެސް ތަހުގީގުން ވަނީ ފަޅާއަރައިފަ އެވެ.
ރޭގެ ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މިނިސްޓަރު އިހުސާން މަރުހަބާ ދަންނަވަނީ.
އިހުސާން ވިދާޅުވީ، ހޯމްލޭންސް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކުގައި މަސައްކަތް ކުރަނީ ނަޒާހަތްތެރި ބައެއް ކަން ކަށަވަރު ކުރައްވާނެ ކަމަށެވެ. އެއްވެސް މީހަކު އެ ކަމުން އިސްތިސްނާ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެން މި ނަޒާހަތްތެރިކަމާ އެކީ ރައްޔިތުންގެ ހިދުމަތުގައި ދެމިތިބޭނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސްގެ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް، އަޅުގަނޑުމެން ޒީރޯ ޓޮލެރަންސް ޕޮލިސީއެއް އޮތް ކަމެއް އެއީ. ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރު ވެސް ނުބޭއްވުމަށް،"--- އިހުސާން
ރައްޔިތުންގެ މަޖިލިހުގެ ބައެއް ކޮމިޓީތަކުގައި ދާދި ފަހުން ވެސް ވަނީ ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރުން ފެށިގެން ސަރުކާރުގެ ބައެއް އިދާރާތަކުގައި މޫލާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ ވަރަށް ފުޅާދާއިރާއެއްގައި ދައްކައިފަ އެވެ. ހާއްސަކޮށް އެންމެ ފަހުން ވެރިކަން ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ފެނަކަ ފަދަ ތަންތަނުގައި ކޮރަޕްޝަންގެ ކަންކަން ހައްދުން ނެއްޓި، އެތައް މިލިއަނަކުން ސަރުކާރަށް ގެއްލުން ވިއިރު ފިޔަވަޅުތައް ނޭޅި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ތައާރަފުކުރި ނާރެސް ޕޯޓަލްގެ އަމާޒަކީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އައިޑީ ކާޑު ހެއްދުމާއި ކުށް މަދުކުރުން ފަދަ ކަންކަމަށް އެހީތެރިވުން ހިމެނެ އެވެ. ކުރަނގި ފޭސް 2 ވެސް ރޭ އިފުތިތާހު ކޮށްފައިވާއިރު، ރަށްރަށުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ފިންގާޕްރިންޓް ނަގައި ސިސްޓަމަށް އެންޓާ ކުރުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދެން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނު
21 July 2024
މަށަށް އަދި ފެނުނު އެންމެ ގަދަ މިނިސްޓަރު މީ..
އަލިހަވާސް
21 July 2024
މީނާއެބަޖަހާ ގައުމުގެ ވެރިކަން ކުރެވިދާނެ އިންސާނާކާ ވައްތަރު
ކޮރަޕުޓޭ
20 July 2024
އަވަހަށް ކޮމިޝަންތަކެއް އުފައްދައި 1000 ވަރަކަށް މެންބަރުން ޢައްޔަނުކުރުއްވައި ތަޙުޤީޤުފައްޓަވައި އެއްދައުރުން ބަލާނުނިމޭނެކަން ޢިއުލާނުކުރުއްވައި، މެޖޯރިޓީ މަޖިލީހުން ދެތިންދައުރަކަށް ވެރިކަން ދަންމާލަން ފާސްކޮށްގެންނަމަވެސް ތިއެއްޗެއް ރާއްޖެއިން ނައްތާލަދެއްވާ.
ޖެހޭނެ
20 July 2024
ތި ފަޅާއެރި ބައެއްގެ މައުލޫމާތު އާއްމު ނުކުރަނީ ކީއްވެ؟ ނިކަން ފުލުހުންގެ ފަސްބައި ބަލާލަބަލަ. ނުހައްގުން ހޯދާ މުދާވެސް ސަރުކާރަށް ނެގެން ޖެހޭނެ.
ގަމާރުލް
20 July 2024
ވަރަށް ބޮޑުތެދެއް! ދެރަކަމަކީ ގާނޫނު ހިގަނީ ވަކި ބަޔަކަށް ކަން މިގައުމުގެ ޅަކުދިންނަށްވެސް އިނގޭ ކަން، އެހެން ވީމަތާ ނަންމަށްހޫރު ގްރޫޕްތަކަށް އުމުރު ހަމަނުވާ ކުދިން ވަނުން ގައުމީ ބޮޑު މައްސަލައަކަށް ވެފަ ހައްލު ނުވެ މިދަނީ،
ހުސެންބެއްޔާ
20 July 2024
ގިނަ ދިވެހީންނަކީ ކަރަޕްޓް ބައެއް. ވަޒީފާ ހޯދަނީ ސިޔާސީ ނުފޫޒުން. ތަނަކަށް ފޯމެއް ލައިފިއްޔާ އެ ފޯމެއް އަވަސްކުރުވަނީ ސިޔާސީ ނުފޫޒުން. ނުހައްގުން އެތަކެއް ފައިސާގެ އެހީތަކެއް އެބަހޯދާ. ގައުމުގެ ހަޒާނާ އެތިބަ ދަވާލަނީ ފެންފޮދަކާ ނުލާ.
ހުސެންބު
20 July 2024
މިއީ ވަރަށް ބޮޑު ހަގީގަތެއް. ސަރުކާރު އޮފީސްތަކުގެ ވަރަށް ގިނަ ވެރިންވެސް އާންމު މުއައްޒަފުންނަކީ ކަރަޕްޓް ބައެއް. ހަޤީޤަތަކީ ދިވެހިންގެ ތެރޭގައިވެސް ގިނައީ ކަރަޕްޓް މީހުން.
އުޒެއިރު
20 July 2024
ބަލަ މިސަރުކާރު ހަވާލުވި ފަހުން މިހިނގަ ކޮރަޕްޝަން މިކަންކަމަކީ މިހާރުގެ ސިޔާސީވެރީން ހިންގާ ކަންކަމެވެ.
މުޑަހަންޖާ
20 July 2024
ސަރުކާރުތެރޭގައި ކޮރަޕްޝަން އާންމުކަމަށް ސަރުކާރުން ފާޅުގަ ބުނާއިރު ސަރުކާރު އިސްތުފާދީފަ އިންތިހާބު އަވަހަށް ބާއްވަންޖެހޭ.
އަފްރާސިޔާބު
20 July 2024
ކުރީ ސަރުކާރުގެ ކޮރަޕްޝަނާއި މި ސަރުކާރުގެ ވެސް ކޮރަޕްޗަން. އެހެންވީމާ އިސްތިއުފާ ދޭކަށް ނުޖެހޭނެ. ކަންކަން ރަނގަޅު ކުރަންވީ.
އަޑާ
20 July 2024
ކިހިނެއްތޯ ކޮރަޕްޝަން ނައްތާލާނީ . ޑްރޯން ގަތުމުގައި ބޮޑު ކޮރަޕްޝަން. ރަސްމާލެ ހިއްކުމުގައި ކޮރަޕްްޝަން