މުލީކޮޅު މުބާރާތުގެ ފައިނަލްގައި ވާދަކުރި 14 އަހަރުގެ ކަޔާން.-- ފޮޓޯ: އެމްއެސްއޭ
29 ޖުލައި 2024 - 11:31
ކުރީގެ ގައުމީ ޗެމްޕިއަނުންގެ މައްޗަށް ކުރި ހޯދަމުން މިއަހަރުގެ ގައުމީ ސާފް ލީގުގެ މުލީކޮޅު ރާޅުގަނޑުގެ ފައިނަލް ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި) ރާޅާއަޅާފައި މިވަނީ އުމުރުން އެންމެ 14 އަހަރުގަ އެވެ.
މ. މުލީގައި ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް ހީޓުން ކަޔާން ބަލިވި ނަމަވެސް، ޖުމްލަ 11 ޕޮއިންޓް ހޯދައިގެން އޭނާ ވަނީ ޗެމްޕިއަންކަން ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. ކަޔާން ބަލިވީ ޖުމްލަ ދެ ޕޮއިންޓުގެ ތަފާތުންނެވެ.
ކަޔާނާއި ސްމައިލީ ވެސް ތިން ރާޅު އެޅި އިރު، ކަޔާން އޭނާގެ ފުރަތަމަ ރާޅަށް 2.33 ޕޮއިންޓް ހޯދައި، ދެވަނަ ރާޅަށް ވަނީ 8.67 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ތިން ވަނަ އަށް އެޅި ރާޅުގައި ޕޮއިންޓެއް ހަމަނުވި އެވެ. ސްމައިލީ ވަނީ ދެ ވަނަ ރާޅަށް 7.50 ޕޮއިންޓް ހޯދައި، ފަހު ރާޅުގައި 5.50 ޕޮއިންޓް ހޯދައިފަ އެވެ.
ކަޔާން (ވ-2)، މުލީ މުބާރާތުގެ އޯޕަން ބައިގެ އެއްވަނަ ހޯދި ސްމައިލީ (ވ) އާއި ޖޫނިއާ ޗެމްޕިއަން އިނާން (ކ-2) އަދި ޖޫނިއާ ރަނަރަޕް ޔަސީން (ކ) އާއެކު.-- ފޮޓޯ: އެމްއެސްއޭ
"ވަރަށް ޗެލެންޖިން، ވަރަށް ކްލޯޒް ކޮށް ދިޔައީ. ކައި ވަރަށް [ރާޅާ] އަޅާލި،" ފައިނަލް ހީޓަށް ފަހު ޗެމްޕިއަންކަން ހޯދި ސްމައިލީ ކަޔާނާ ގުޅޭގޮތުން ބުންޏެވެ.
މުލީގައި އިއްޔެ ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް ހީޓުން ކަޔާން ފުރުސަތު ހޯދީ، ކުރީގެ ގައުމީ ދެ ޗެމްޕިއަނުން ފަހަތަށް ޖައްސާލައިފަ އެވެ.
ސެމީގައި އޭނާ ވަނީ 2021 ވަނަ އަހަރުގެ ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް ޖުމްލަ 8.10 ޕޮއިންޓް ހޯދައި، 2.93 ޕޮއިންޓުގެ ތަފާތަކުން ހީޓު ކާމިޔާބު ކޮށްފަ އެވެ. އަދި ކުއާޓާގެ ހީޓު ކާމިޔާބު ކުރީ، ތިން ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދި އިސްމާއިލް މިގްލާލް (ކުޑައިއްސެ) އާ ވާދަކޮށް ޖުމްލަ 13 ޕޮއިންޓް ހޯދައިގެން، 3.33 ޕޮއިންޓުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.
ޖުމްލަ 24 ރާޅާއެޅުންތެރިން ވާދަކުރި އޯޕަން ބައިގެ ފައިނަލަށް ކަޔާން ދަތުރުކުރިއިރު، ކޮންމެ ހީޓެއްގައި އޭނާ އަޅާނެ ރާޅެއް ކަނޑައެޅުމުގައި (ވޭވް ސިލެކްޝަންގައި) ވެސް ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ.
މުލީކޮޅު މުބާރާތުގެ ހީޓެއްގައި ކަޔާން.-- ފޮޓޯ: އެމްއެސްއޭ
މިދިޔަ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުބާރާތުގެ ކޮންމެ ދުވަހެއްގެ ރާޅުގެ ކޮންޑިޝަން ވެސް ތަފާތެވެ. ނަމަވެސް ކަޔާން ވަނީ ކޮންމެ ހީޓެއްގައި ވެސް ލިބުނު ފަންސަވީހަކަށް މިނިޓު ތެރޭ ލިބުނު ކޮންމެ ކޮންޑިޝަނެއްގައި ވެސް އޭނާގެ ހުނަރުވެރިކަން ދައްކާލައިފަ އެވެ.
ކޮންމެ ހީޓެއްގައި ވެސް 16 ރާޅު އެޅުމުގެ ފުރުސަތު އޮތް އިރު ފުރަތަމަ ދެ ހީޓުގައި ކަޔާން ވަނީ ހަތަރު ރާޅާ އަޅައިފަ އެވެ. ބާކީ ހުރިހާ ހީޓެއްގައި ވެސް ނަތީޖާ ނެރުނީ ތިން ރާޅާ އަޅައިގެންނެވެ.
ފުރަތަމަ ބުރުގެ ހީޓުގައި އޭނާގެ ހަތަރު ވަނަ ރާޅުގައި 4.53 ޕޮއިންޓް ހޯދައި، ޖުމްލަ 11.36 ޕޮއިންޓް ހަމަކޮށްގެން ވަނީ ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ ހަސަން ނާސިހު (ޗިކާ) ފަހަތަށް ޖައްސާލައި، ހީޓުގެ ދެ ވަނަ ހޯދައިގެން ސީދާ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ 11.50 ޕޮއިންޓް އެއްކުރި، ކުރީގެ ގައުމީ ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އެވެ.
ތިން ވަނަ ބުރުގެ ހީޓުގައި ކަޔާން ވަނީ ހަތަރު ރާޅާ އަޅައިގެން ޖުމްލަ 8.40 ޕޮއިންޓާ އެކު ދެ ވަނަ ހޯދައިފަ އެވެ. ހީޓުގެ އެއް ވަނަ ހޯދީ މިއަހަރުގެ ގާމާދޫކޮޅު މުބާރާތުގެ ޗެމްޕިއަން ނަޖާހު މުހައްމަދު (ކަބޯ) އެވެ.
އޭނާ ކުއާޓާ އިން ޖާގަ ހޯދީ ހަތަރު ވަނަ ބުރުގެ ހީޓުގައި ހޫދު އާއި މުލީގެ އުއްމީދީ ރާޅާއެޅުންތެރިޔާ އައިހަމް އަދުނާނާ ވަރުގަދަ ވާދައެއް ކޮށްފަ އެވެ. ހަތަރު ވަނަ ބުރުގެ ހީޓުގައި ކަޔާން 10.67 ޕޮއިންޓް ހޯދީ ތިން ރާޅާ އަޅައިގެންނެވެ. އޭނާގެ ތިންވަނަ ރާޅަށް ހަތް ޕޮއިންޓް ހޯދި އެވެ. ޖުމްލަ އެއް ޕޮއިންޓްގެ ތަފާތަކުން ހޫދު، ހީޓް ކާމިޔާބު ކުރިއިރު، 10.56 ޕޮއިންޓް ހޯދި އައިހަމް އަށް މުބާރާތް ނިމުނެވެ.
ކަޔާން ވަނީ ގދ. ގައްދޫގައި މިއަހަރު ބޭއްވި ކަޅެގަލެކޮޑާގެ އޯޕަން ބައިގެ ކުއާޓާ ފައިނަލުގައި ވާދަ ކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު، އުމުރުން 12 އަހަރުގައި އޭނާ ވަނީ ކަޅެގަލެކޮޑާގައި އޯޕަން ބައިގެ ސެމީ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy