ވިލާ ކޮލެޖުން އަލަށް ތައާރަފްކުރި ޕްރޮގުރާމުތައް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅުދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 އޯގަސްޓް 2024 - 15:02
ރާއްޖެ ތަރައްގީވަމުން އަންނަ ސްޕީޑުން، ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް އިލްމީ ދިރާސާތަކުން ހައްލުތައް ހޯދުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖެން މިއަދު ވަނީ އާ ދެ ކޯހެއް ތައާރަފްކޮށްފަ އެވެ. އެއީ، ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ އިން އާއި ބެޗެލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮގުރާމެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ އެކި ކަންކަން ހަމައަކަށް އެޅުއްވުގެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަންކަމުގައި ގޮތް ނިންމަވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު އަމަލުކުރައްވާ އުސޫލުން، ގައުމުގެ ތަރައްގީ އާއި ކުރިއެރުމުގައި އިލްމީ ދިރާސާތައް މުހިއްމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެކި ކަންކަމުގެ ހައްލު ހޯދާއިރު، އިލްމީ ދިރާސާތައް ކުރުމުގެ މަގު ރައީސް ފަހިކޮށްދެއްވާނެ އެވެ. މި ގޮތަށް ގައުމުގެ ކަންކަމުގައި ހައްލު ހޯދާނެ މީހުން ބޭނުންވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކަށިމާ ޝާކިރު ލިއުއްވާފައިވާ ފޮތެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ނެރެދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ވިލާ ކޮލެޖުން ތައާރަފްކުރި ޕޮލިޓިކަލް ސައިންސް ޕްރޮގްރާމް، ރާއްޖެއަށް ވަރަށް ބޭނުންތެރި އެވެ. ސިޔާސީ ދާއިރާއަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ ކަން ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ވެރިކަމުގެ ނިޒާމް އެކުލެވިގެންވާ ގޮތާއި ސަރުކާރުގެ އޮނިގަނޑުތައް ބެހިގެންވާ ގޮތާއި ބާރުތައް ބެހިގެންވާ ގޮތާއި ރައްޔިތުންނާއި ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލުމާއި އިންސާނީ ހައްގުތަކާ ބެހޭ ކަންކަން ދެނެގަތުމާއި ހާރިޖީ ގުޅުން ބަދަހިވާނެ ގޮތްތައް ދަސްކުރުން. މިއީ، އެ އިލްމަކާ ނުލާ ގައުމެއް ތަރައްގީކުރަން އުނދަގޫވާނެ ދާއިރާއެއް. މިއީ ސިޔާސީ މުސްތަގުބަލަށް ރަނގަޅު އަސަރެއް ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ހާއްސަ މޮނިއުމަންޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲއަށް އަރުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަން ކުރަމުން މި އަންނަ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމުތޯ ވެސް ޔުނިވާސިޓީން އިލްމު އުނގެނިގެން ނުކުންނަ ދަރިވަރުން ދިރާސާކޮށް ބަލަން ޖެހެ އެވެ.
"ސިޔާސީ އިލްމު އުގެނިގެން ނުކުންނަ ދަރިވަރުން މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމުތޯ, މި ނިޒާމު ބަދަލު ކުރަން ޖެހޭތޯ, ބަދަލުކުރަން ޖެހޭނަމަ ގެންނަން ޖެހޭ ބަދަލު އިލްމީ ދިރާސާގެ އަލީގައި ހޯދަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ވިލާކޮލެޖުގެ އާ ދެ ޕްރޮގުރާމް ލޯންޗްކޮށްދެެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތައުލީމީ ރަނގަޅު ޖީލެއް ބިނާކުރަން ވިލާ ކޮލެޖުން ކުރަމުން އަންނަ މަސައްކަތްތައް ވެސް މަޖިލިސް ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކިޔަވައިގެން ތިބި ހުނަރުވެރި ކުދިން އެކި ދާއިރާތަކުން ނެރުމުގައި ވިލާ ކޮލެޖުން މިސާލު ދައްކަމުން އަންނަ ކަމަށެވެ. އެ ކޮލެޖަކީ ބައިނަލްއަގުވާމީ ދުނިޔެއާ ފައި ހަމަކުރަމުން އަންނަ ކޮލެޖެއްގެ ގޮތުގައި ފާހަގަކުރައްވައި ކޮލެޖުގެ ޗެއާމަން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ތައުރީފް ކުރެއްވި އެވެ.
"ދިވެއްސަކު ދިވެހިރާއްޖޭގެ ތައުލީމަށް އެންމެ ބޮޑު ހޭދައެއް ކުރައްވާ އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ބޭފުޅަކީ ގާސިމް އިބްރާހިމް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި މިއަދު އޮތް ރަސްމިއްޔާތުގައި، އަލަށް ދެ ޑިގްރީ ޕްރޮގުރާމް ތައާރަފްކުރުމުގެ އިތުރުން ރާއްޖޭގެ ތާރީހީ ކަންކަމުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިންނާ ގުޅޭ ދެ ފޮތެއް ވަނީ ނެރެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
05 August 2024
ޤިޔާމަތްވުމުގެ އަލާމާތްތައް ބަޔާންކުރައްވައިފައިވެއެވެ. ވިސްނާބަޔަކަށް އިބްރަތަކަށް ފުދެއެވެ.
ކަތްދައްތަ
04 August 2024
މަގޭވެސް ދިރާސާއެއް ހަދައިފިން ދާދި މިދާކަށް ދުވަހު. އެއީ އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތުން ކިޔަވައިގެން ނުވަތަ އެމެރިކާ އިގިރޭސިވިލާތުން ކިޔަވައިގެން އައިމީހުން ކިހިލިޖަހާލައިގެން ދާ ފެންވަރުގެ ތާލީމު މަކްތަބަކުން ނިކުތް މީހަކު މިހޯދީ ކިހިނެތްތޯ؟ ނަތީޖާ ދެއްކީ އަދިވެސް އިތުރު ދިރާސާއެއް ހަދަން ޖެހޭ ކަމަށް.
ޓީނޭޒު
04 August 2024
މޮޅުވާހަކަދައްކާނެކަމެއްނެތް. ޢިލްމީދިރާސާއަކުން ދައުލަތަކަށް އެއްވެސް ކުރިއެރުމެއްނުލިބޭނެ. ދައުލަތް ކުރިއަރާނީ ސިއްކަނުޖެހޭ ފަސްބައިސާފު ތެދުވެރި އިޚުލާޞްތެރި މުވައްޒިފުން ދައުލަތުގެ ކަންތައްތައް އަމާނާތްތެރިކޮށް ކޮށްގެން. ދެފުށްދެގޮތް ދެއިރުދެދަޅައަށް އަތްއަތަށްދުވާ ގޮތެއްފޮތެއްނެތް މީހުންނާއި މަސްއޫލިއްޔަތު ޙަވާލުކޮށް ފިނިކޮޓަރީގައި ބިލެތްމީރުކުރަންތިބެގެނެއްނޫން.
ފަންވަތް
04 August 2024
ޢިލްމީ ދިރާސާއެއް ހަދާފަ ދިނީމާ އެ ފަހުމުވާވަރުގެ މީހުންވެސް ތިބެގެން ދޯ އެޔަށް ޢަމަލެއްކޮށްގެން ޤައުމު ސަލާމަތްވާނީ
ޒާލިމް
04 August 2024
ޢިލްމީ ދިރާސާތަުން އެންމެ ފުރަތަމަ އެނގޭނެ ކަމަކީ ގައުމުގެ އިސްސަފުގައި ބަސް ބުނަން ތިބެންޖެހޭނީ ކިޔަވައިގެން ތިބޭ މީހުންކަން. އެހެން ނަމަވެސް އެކަން މިގައުމުގައި ކުރެވޭކަތްނެތް. އެހެން ވީއިރު ދިރާސާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތް!
ކާއްޓޭ
04 August 2024
މިގައުމުގާ ކިޔަވައިގެން ހުންނަމީހާ ހުންނަންޖެހޭނީ ދިރާސާ ލިޔުމުގާ. ހުރިހާ ބޮޑެތި މަގާމަތައް ފުރާންޖެހޭނީ ވަކަރުގެއިން ދަރުސްވެގެން އޮނަރަބަލްމެޑަލްޖަހައިގެން އައިސްތިބި މީހުން.
ހުމޭޒ
04 August 2024
ޢިލްމޭ ކިޔާފަ ވާހަކަ ދައްކާއިރު، މި ޤައުމުގަ ދަންނަނީ ބިޒްނަސް މެނޭޖުމަންޓާ، މާކެޓިންގ، ލޯ އަދި އެކައުންޓިންގ އެކަނި. ދެން ތިބީ ހުސް އެމީހުންގެ ދަށުން އެމީހުން ބުނި ގޮތަކަށް އެޅިހާ ބަތަކަށް ރިހަ ކުރުވާފަ ބައިތިއްބާ މީހުން.
އަފްރާސިޔާބު
05 August 2024
ކިޔަވައިގެން ތިބި މީހުން ތިބިނަމަ ގާނޫނު ހަދާ މަޖިލީހުގައި ތިބޭނީ ކިޔަވައިގެން ތިބި މީހުން. އެތަނުގަނެތޭ ކިޔޭ އެއްޗެއް އެނގޭ އެކަކުވެސް. އިންޑިޔާގެ ކަންގަނާ ކިޔާގޮތަށް ވެރިމީހާ ވަރަށް ރަނގަޅޭ. ގައުމު އެބަ ހިންގަޔޭ. ކޮންމެ ދުވަހެއްގެ އިރުއަރައި އެބައޮއްސެޔޭ. ވެރިމީހާ ހެނދުނު ތެދުވެގެން ގަޑިއަށް އޮފީހަށް ދެޔޭ. އެޔޭ ވެރިންނަކީ.
ފަހުދު.
04 August 2024
މުޅިންވެސް ފެންނަނީ ލަދުވެތި ކަންކަން
ޗޫޤީ
04 August 2024
އިލްމު އުނގެނުމުގެ ކުރިން އަދަބުވެރިކަން ދަސްކުރާށެވެ. އުނގެނިފައިވާ ޢިލްމުގެ ފައިދާ ކުރާނީ އޭރުންނެވެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 August 2024
ހަމައެކަނި އިލްމީ ދިރާސާކުރުމަކުން ނުފުދޭ. ކަންކަން ވިލަރެސްކޮށް، ހިންގާން ތިބެންޖެހޭނީވެސް އިލްމީ ތަޖުރިބާހުރި ގާބިލްމީހުން.