މިހާރު ލައިޓް

ހުވޭގެ ހުވާސް ހަވާގައި: މުޅި ގޭމު ބަދަލުކޮށްލައިފި

ހުވައިނާގެ ހުވާސް މި ކޮންޓެންޓާ އެކު ހަވަޔަށް އަރާފައި އެ އޮތީ ހުވާސް ނެތް އެތައް ދުވަހެއް ވެސް ތަޖުރިބާކުރުމަށް ފަހު އެވެ. މި ދަތުރުގައި މިއަދު އޭނާ ކަޑައްތުކުރާ ކޮންމެ ކާމިޔާބީއެއް އޭނާ އަށް މިވަރަށް ހާއްސައީ ވެސް މި ސަބަބާ ހެދި އެވެ.

ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) އާ އަލަށް ވެސް ބައްދަލުވީ މީގެ އަހަރެއްހާ ދުވަސް ކުރިން ސްޓޫޑިއޯއެއްގައި އޮތް ކުޑަ ޝޫޓިންއަކުންނެވެ. އޭނާ ހުރީ އަމިއްލަ އަށް މޭކަޕްކޮށް ރީތިވެގެންނެވެ. 'ޑެފިނިޝަން އޮފް ބިއުޓީ' ގެ ނަމުގައި އުފެއްދި ވީޑިއޯ ސެގްމަންޓެއްގައި އޭނާ އެ ދުވަހު ބައިވެރިވީ 'ރީތިކަމުގެ މާނަ" ކިޔައިދޭން ވެގެންނެވެ. އޭރު ވެސް ހުވައިނާ އަކީ ޓީވީއެމް އިން އާންމުކޮށް ފެންނަ ކުޅަދާނަ ހޯސްޓެކެވެ. އަނެއްކޮޅުން އެ ދުވަސްކޮޅު ރޭގަނޑު ނުނިދާ ހޭލާ ހުރެގެން އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އުފައްދަމުން ދިޔަ 'ބިއުޓީ' ޓިއުޓޯރިއަލް ވީޑިއޯތަކާ އެކު އެ ސުރުހީ އަށް ވާހަކަ ދައްކަން އޭނާ ހުރީ ފަރިތަވެ ފައްކާވެފަ އެވެ. އެހެންކަމުން އަހަރެމެންގެ އެ ބިއުޓީ ސެގްމަންޓްވީ އޭނާ އަށް ހަމަ ފެން މެޓަޔަށެވެ.

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

ޑުއަ ލީޕާ އާއި ސިޒާ އާއި ބީޓީއެސްގެ ލަވަތަކަށް ނަށަމުން، ނުނިދާ ހޭލާ ހުރެގެން ހުވައިނާ އޭރު އުފައްދަމުން ދިޔައީ 'ގެޓް ރެޑީ ވިތު މީ' ކިޔާ ސެގްމަންޓެކެވެ. އޭނާގެ އަމިއްލަ ކޮޓަރީގައި، އަމިއްލަ ފާހާނާގައި، އަމިއްލަ އައިފޯނުން ޝޫޓްކުރަމުން އަމިއްލަ އަށް އެޑިޓްކުރަމުން އިންސްޓަގްރާމަށް އަޕްލޯޑްކުރަމުން ގެންދިޔަ ބިއުޓީ ޓިއުޓޯރިއަލްސްތަކެކެވެ.

މާ ބޮޑު 'ރީތި ކަމެއް" އެ އުފެއްދުންތަކުގައި އޭރު ނެތަސް ހުވައިނާ ގެންދިޔައީ ރީތިކަމުގެ މާނަ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި މުޅިން އާ ކުލަތަކަކުން ފަވަމުންނެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން ދެން އޭނާއާ ބައްދަލުވީ އަޑު އިވުނު ވާހަކައެއް ޔަގީންކުރުމަށެވެ.

"ތިޔަ އުޅޭ ހުވޭއެއް އޭނާގެ އިންސްޓަގްރާމުގައި ސެންޓުފުޅިއެއްގެ ރިވިއުއެއް ޕޯސްޓްކޮށްލިތަނާ އެ ސެންޓުގެ ސްޓޮކް ހުސްވެއްޖެޔޯ"

ހުވައިނާ އަށް ގުޅީ މި ވާހަކައެއް ޔަގީންކުރުމަށެވެ. އަދި ހުވައިނާ ދިން ޖަވާބާއެކު ޔަގީންވީ އޭނާ ވަރުގެ ދެ ވަނަ 'ސޯޝަލް މީޑިއާ އިންފްލުއެންސަރެއް' މި ވަގުތު ރާއްޖޭގައި ނެތް ކަމެވެ. ހާ ށަވިޔަނިން ފަށައިގެން ގޮސް ކައިޒީނަކަށް ނިމުނަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުވައިނާ މި ރޭހުގައި ފައިތިލަސާބިތުކޮށްފައިވާ މިންވަރެވެ.

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

މާލޭގެ މަޝްހޫރު ސެންޓު ފިހާރައަކާ ގުޅިގެން އެ ދުވަހު އޭނާ ރިވިއުކުރީ 1500ރ. އާއި 2000ރ. ގެ އަގަކަށް ވިއްކި ސެންޓުފުޅިއެކެވެ. އަދި އެ ކުޑަކުޑަ ސެންޓުފުޅީގެ ރިވިއުއަށް އެތައް ބައެއްގެ އިތުބާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލިބުމުން ޚުދު ހުވައިނާ ވެސް ހުރީ ހައިރާންވެފަ އެވެ.

"ޕާފިއުމް ރިވިއުކޮށްފަ ޕަބްލިޝްކުރިތާ 24 ގަޑިއިރު ތެރޭގައި ފިހާރައިގެ ސްޓޮކް ވިކި ހުސްވެއްޖެ،" ހުވައިނާ ކިޔައިދިނެވެ.

"އެކަމަކު އެކަން އަޅުގަނޑަށް އެނގުނީ މި ރިވިއު ޕޯސްޓްކޮށްފައި، އެ ސެންޓުފުޅީގެ ގިވްއަވޭއެއް ހަދަން ބުނި ހިސާބުން. ފިހާރައިގެ ވެރިޔާ ބުނެފި ހީއެއް ނުވެޔޯ ގިވްއަވޭއަކަށް ސެންޓްފުޅިއެއް ހުންނާނެހެން. މިހާރު ބާކީ އޮތީ އެންމެ ދެ ފުޅިޔޯ،"

"އެންމެފަހުން ގިވްއަވޭގެ ޕްރޮމޯޝަނަލް ވީޑިއޯ ޕޯސްޓްކުރިއިރު އެ މީހުންގެ އަތުގައި ބާކީ އޮތީ އެއް ފުޅި. އެއީ ގިވްއަވޭގެ ވިނާ އަށް ދޭން ވެގެން ނުވިއްކައި ބާއްވާފައި އޮތް ފުޅިއެއް"

"އެ ސެންޓުފުޅީގެ ރިވިއުއާ އެކު މުޅި އެ ސެންޓުގެ ހުރިހާ ފުޅިއެއް އެމީހުން އަތުން ވިކި ހުސްވީ."

ހުވައިނާގެ މި އިންޓަވިއު އާއި މިހާރު ލައިޓްގެ އެޑިޓޯރިއަލް ފޮޓޯ ޝޫޓް އުފަންވި ސަބަބަކީ މިއެވެ. އޭނާ އެ ދުވަހު ފެށި 'ބިއުޓީ' ގެ ދަތުރުގައި މިއަދު އަރައިގެން ގޮސްފައިވާ ހިސާބެވެ.

"ދުވަހަކު ވެސް ހިތަކަށް ނާރާ މިގޮތަށް މިކަހަލަ ކަމެއް ކޮށްގެން މި ހިސާބަށް އާދެވިދާނެއެކޭ. އެކަމަކު މިއަދު ވަރަށް އުފާވެއްޖެ. ސަބަބަކީ މިއީ ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ،" ހުވައިނާ ބުންޏެވެ.

"މި ވަރުގެ ކަމެއް ކުރަން މެންޓަލީ އަޅުގަނޑު ވަނީ ކިހާވަރެއްގެ ތައްޔާރީއެއްތޯ އާއި ފިޒިކަލީ މި ފެންނަނީ ކިހާ ވަރަކަށް ތައްޔާރުވުމުގެ ނަތީޖާއެއްކަން ފަހަރުގައި ގިނަ މީހުންނަކަށް ނޭނގިދާނެ."

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

އެއީ ތެދެކެވެ. ހުވައިނާގެ ހުވާސް މި ކޮންޓެންޓާއެކު ހަވަޔަށް އަރާފައި އެ އޮތީ ހުވާސްނެތް އެތައް ދުވަހެއް ވެސް ތަޖުރިބާކުރުމަށް ފަހު އެވެ. މި ދަތުރުގައި މިއަދު އޭނާ ކަޑައްތުކުރާ ކޮންމެ ކާމިޔާބީއެއް އޭނާ އަށް މިވަރަށް ހާއްސައީ ވެސް މި ސަބަބާ ހެދި އެވެ.

ހުވާސް ހުއްޓިދާނެހެން ހީވި ދުވަސްތަކެއް

ކާކީ ކުލައިގެ ހެދުމެއްގައި އައިސް ހުވައިނާ މިހާރު ލައިޓުގެ ފިނި ކޮޓަރީގައި ޖައްސާލި އެވެ. ޕޮޕް ލަވަތަކަށް ނެށުމެއް މިއަދަކު ނެތެވެ. އެކަމަކު، އުމުރުން 28 އަހަރުވެފައިވާ މި ދަތުރުގައި އޭނާ ލައި ބާކޮށްފައިވާ ކުލަތައް އެ ވަނީ އަދަދުން ގުނައި ހުސްވެފަ އެވެ. ހުރިހާ ލަވައަކަށް ނަށައި ފޫހިކޮށްފަ އެވެ.

ބޮލުގައި އޮތް ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ނަގައި އައްސައިފަ އެވެ. ކަންފަތާއި ނޭފަތް ތޮރުފައި މުދިލައި ޖަރީކޮށްފަ އެވެ. ނޫކަށިފުރައިގެ މި ދަތުރުގައި އޭނާ ވައްޓައި، އައްސައި، ބަންނަން މަސައްކަތްކުރި ކޮންމެ ފަހަރަކަށް އަދި ކޮންމެ މީހަކަށް ބޮޅެކެވެ.

އެކަމަކު މި ޒުވާނާ ހުރީ އަބަދުވެސް ހަމަޖެހިލައިގެންނެވެ. އޭނާގެ ނަމުގެ މާނައިގައި ވެސް އޮތީ މިހެންނެވެ؛ ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ އެވެ.

ހުވައިނާ އަބަދުވެސް ދެއްކީ އެ 'ސެރަނިޓީ އާއި ކޮންފިޑެންސާއި ކޮމްޕޯޝާ' އެވެ.

"އެކަމަކު އޮން ކެމެރާގައި އަދި ކިތަންމެ ކޮންފިޑެންޓްކޮށް، ހަމަޖެހިލައިގެން ހުރިހެން ހީވިޔަސް އަސްލު އެ ކެމެރާގެ ފަހަތުގައި، ނުވަތަ އެ ފެންނަ މޫނުގެ ފަހަތުގައި ވަނީ ކޮން ކަހަލަ އިހުސާސްތަކެއް ކަން ފަހަރެއްގައި ހަމަ އެއްވެސް ބަޔަކަށް އަދި ނޭނގިދާނެ،" ހުވައިނާ ބުނެލި އެވެ.

ކެމެރާގެ ކުރިމަތީގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދިނުމުގެ ފުރުސަތު ހުވައިނާ އަށް ލިބުނީ އޭނާގެ އުމުރުން 12 އަހަރުގަ އެވެ. އެއީ އޭނާގެ ހަނދާނުގައި އަދިވެސް ހަރުލާފައިވާ އެންމެ އުފާވެރި އެއް ހަނދާނެވެ. އަލިކޮށް ދިއްލައި ކެމެރާތަކާއި މީހުންނާ އެކު ފުރާލާފައި އޮތް ޓީވީއެމްގެ ސްޓޫޑިއޯއެއްގައި ހަމަޖެހިލައިގެން އިނދެ ލައިވްކޮށް މީހުންނަށް ގުޅައިގެން ހުވައިނާ އޭނާގެ ހުނަރު ވިރުވައިއަޅަމުން ދިޔަ މަންޒަރު ފެނިފައި ޕްރޮޑިއުސަރު ވެސް އެ ދުވަހު ހުރީ ކޮސްވެފަ އެވެ.

"އެ ދުވަހު ހިތަށް އެރީ އައި ރިއަލީ ލައިކް ދިސް އޭ. މި ދާއިރާއިންނޭ ކުރިއަށް ދާނީ ވެސް،" ހީގެންފައި ހުވައިނާ ބުންޏެވެ.

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

އެ ހުވައިނާގެ ކިބައިގައި 'ސްޓޭޖު ފްރައިޓް' ގެ ކަންފުޅެއް ވެސް ނެތެވެ. ހަމަ އެއްވެސް ހާސްކަމެއް ނެތެވެ. ސްކޫލްގެ އުފާވެރި މާހައުލު ނިމިގެން ގޮސް އޭނާ އުޅެ ބޮޑުވަމުން ދިޔައީ ޓީވީއެމްގެ ލައިޓްސް އާއި ކެމެރާގެ ކުރިމަތީގަ އެވެ. އަދި ކޮންމެ ކަމެއްގައި ވެސް އަބަދުވެސް އޭނާ އަށް އެންމެ ބޮޑު އެއްބާރުލުމެއް ދިން މަންމަ އާއި ބައްޕަގެ އުނގުގަ އެވެ. އެކަމަކު ކޮންމެ އުފާވެރި ފެށުމެއް ވެސް ގޮސް އޭގެ ހާސްކަމާއި ނުރައްކަލާއި ގޮންޖެހުމާ ބައްދަލުކުރާ އުސޫލުން ހުވައިނާއާ އަރައިހަމަކުރީ އެ ހާސްކަމެވެ.

"ބައެއް ފަހަރަށް ދިރިއުޅުމުގެ މި ދަތުރުގައި ފިލާވަޅު ލިބޭނީ އެތިފަހަރާ އެކު ގިނަ މީހުންނަށް. އަދި އަޅުގަނޑަށް އެ ލެސަން ދަސްވީ ވަރަށް ވަރުގަދަ އެތިފަހަރަކާ އެކު،" ވަރަށް އުފާވެރި ފެށުމަކުން ފަށައިގެން ނަށަމުން ކުރިއަށް ދިޔަ އެ ދިރިއުޅުން ގޮސް އަނދިރި ގޯޅިއަށް ހުއްޓުވި ސަބަބު ހުވައިނާ ބުނެދިނެވެ.

"މީހަކު އުފާކޮށްދޭން، ހިތްހަމަޖައްސައިދޭން އަޅުގަނޑަށް ކުރެވުނު ކޮންމެ ކަމެއް ވެސް ކޮށްފާނަން. އެ ކަހަލަ މީހެއް އޭރު އަޅުގަނޑަކީ. އޭގެ ނުބައި އަސަރު މުޅި ދިރިއުޅުމަށް ކުރަން ފެށީ. މާ ބޮޑަށް އެކަމަށް ގޮސް ގެއްލުނު ފަހުން އިހުސާސުވީ އަމިއްލަ މީހާ އަށް މަގު އޮޅިއްޖެކަން."

އެއީ ޓީވީއެމްގެ ހޯސްޓެއްގެ ގޮތުގަ އާއި ފަންނީ އެތައް އެހެން ދާއިރާއަކުން ކުރިއަށް ދިއުމަށް ހުވައިނާ އަށް ހުރަސްއަޅަން ފެށި "ވަރަށް ޓޮކްސިކް ރިލޭޝަންޝިޕެއް" ގެ ވާހަކަ އެވެ. ސްކޫލްގެ އުފާވެރި ސްޓޭޖުން ފަށައިގެން ޓިވީއެމްގެ އަލިގަދަ ސްޓޫޑިއޯތަކުން ޖަރީކޮށް އޭނާ ބޮޑުކުރަމުން ގެންދިޔަ ހުވަފެން އަތަށް ތަޅައި ކުދިކޮށްލި ތަޖުރިބާ އެވެ.

ވަކި މީހަކު ހިތްހަމަނުޖެހޭތީ ޓީވީއެމްގައި ޝޯތައް ހޯސްޓްކުރުން ވެސް ހުއްޓާލީ އެވެ. ވަކި މީހަކު ރުއްސަން އާއިލާ އާއި ރައްޓެހިން ވެސް ދޫކޮށްލީ އެވެ. އަދި ފަސް އަހަރު ފަހަތަށް އަމިއްލަ ދިރިއުޅުން ނަގައި އެއްލައިލީ އެވެ.

"އެ ތަޖުރިބާއާ ގުޅިގެން މަންމަ އާއި ބައްޕައާ ވެސް ވަރަށް ބޮޑަށް ދުރުވި. އެންމެ ކުރަން ބޭނުންވާ ކަންތައްތަކާ ވެސް ދުރަށް ގެންދިޔަ. އެކަމަކު ފަހުން ހިތަށް އެރީ މިއެއް ނޫނޭ އަޅުގަނޑު އަޅުގަނޑުގެ މި ދަތުރުގައި ކުރިއަށް ދާން ބޭނުންވާ ގޮތަކީ،" ހުވައިނާ ބުންޏެވެ.

"މިވެނި އެވެނި ގޮތަކަށް އުޅޭށޭ، މިވެނި އެވެނި ކަމެއް ކުރާށޭ ކިޔާނެ ހަމަ އެއްވެސް މީހަކަށް ފުރުސަތެއް ދިނުމުގެ މާނައެއް ނެތްކަން އަމިއްލަ ނަފުސަށް ވިސްނައިދޭން ފަސް އަހަރު ނެގި. އެ ވިސްނުން ގަބޫލުކޮށް އައު ފެށުމަކުން ފަށަން ދެ އަހަރު ނެގި."

މި އަޑިގަޑަށް ފަހު ހުވައިނާ އެނބުރި ދިޔައީ އޭނާގެ ނަމުގެ މާނައިގައިވީ ފެށުމާއި ސިފަތަކަށެވެ. މިހާރު މި ފެންނަ ހުވައިނާ އުފައްދައި ފައްކާކުރަން ފެށުނީ އެހިސާބުންނެވެ.

އަމިއްލަ ދިރިއުޅުމުގެ ހުންގާނު އަލުން އަމިއްލަ ބާރުގެ ދަށަށް ގެންދިޔަ ދުވަހަކީ މި އައު ފެށުމެވެ.

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

އައު ފެށުމެއް، އައު ކުލަތަކެއް، އައު ހިނިތުންވުމެއް

އަހަރެމެން ތިބީ މިހާރު ލައިޓްގެ ފޮޓޯސްޓޫޑިއޯގެ ސެޓުގަ އެވެ. މޭކަޕުން ކުޑަ ބްރޭކެއް ނަގައިގެން ހުވައިނާ އޭނާގެ ޑީޖޭއައި އޮސްމޯ ކެމެރާ ނަގައި އޮންކޮށްލި އެވެ. އަދި ފަރިތަ އިނގިރޭސި ބަހުން ވާހަކަ ދައްކަމުން މުޅި މި އެޑިޓޯރިއަލް ޝޫޓްގެ ތަޖުރިބާ އޭނާގެ އަތުގައިވީ ކެމެރާ އަށް ރިކޯޑްކުރަން ފަށައިފި އެވެ.

ފޮޓޯޝޫޓް ނިމިގެން މި އިންޓަވިއުގައި ވެސް ވާހަކަ ދައްކަމުން ގެންދިޔައީ ފަރިތަ އިނގިރޭސި ބަހުންނެވެ. އެކަމަކު ދިވެހި ބަހަށް ބަދަލުކޮށްލުމުން އުމުރުފުރައިގެ އެހެން ކުދިންނަށް ވާދަނުކޮށްލެވޭ ވަރަށް އޭނާ ދިވެއްސަށް ވެސް ފަރިތަ އެވެ.

"ބަލަ އަޅުގަނޑުގެ މަންމައަކީ ދިވެހި މުދައްރިސެކޭ. ހުވޭ އަށް ހޭއަރުވާލާނެއެއް ނުން ރަނގަޅަށް ދިވެހިން ވާހަކަ ދައްކަން ނޭނގޭ ނަމަ،" ހުވައިނާ ހީގަތެވެ.

"އެކަމަކު މިގޮތަށް ސޯޝަލް މީޑިއާ އަށް ކޮންޓެންޓް އުފައްދާއިރު ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ އަޅުގަނޑު އިނގިރޭސި ބަހުން ވާހަކަ ދައްކަނީ ދިވެހިން ފަރިތަކޮށް ވާހަކަ ދައްކަން ނޭނގޭތީއޭ. ދިވެހިން ވާހަކަ ދައްކަން ނޭނގޭ ނަމަ އެކަން ވާނީ އަޅުގަނޑު ވެސް ވަރަށް ލަދުގަންނާނެ ކަމަކަށް ހަގީގަތުގައި ވެސް."

"އެކަމަކު މިގޮތަށް ކޮންޓެންޓް ހެދުމަކީ، ނުވަތަ އިނގިރޭސި ބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑު ޔޫރަޕް މީހަކަށް ވާންވެގެން ކުރާ ކަމެއް ނޫނޭ. އޭގެ ބަދަލުގައި އަޅުގަނޑު މަސައްކަތް މި ކުރަނީ ކޮންޓެންޓް ކްރިއޭޓާއެއްގެ ގޮތުގައި މިއަށް ވުރެ ބޮޑު އަދި ފުޅާ މާކެޓަކަށް ދާން،"

"އޭގެ އިތުރުން މިހާރު އަޅުގަނޑު މިކުރާ އަނެއް މުހިންމު ކަމަކީ މިކަން ނޯމަލް ކަމަކަށް ބަދަލުކުރުން. މިސާލަކަށް މިއީ ކްރިންޖް ކަމެއް ނޫނޭ އަމިއްލަ މީހާގެ ލައިފްސްޓައިލާ މެދު ވާހަކަ ދައްކާ ވީޑިއޯއެއް ހެދުމަކީ. ކްރިންޖު ކަމެއް ނޫނޭ އިނގިރޭސި ބަހުން ވާހަކަ ދައްކައިގެން މިގޮތަށް ކޮންޓެންޓް އުފެއްދުމަކީ."

ހުވައިނާ އަކީ ސޯޝަލް މީޑިއާގައި ކޮންޓެންޓް އުފައްދާ ދިވެހި ޒުވާނުންގެ ތެރެއިން އިނގިރޭސި މީޑިއަމްއަކަށް އޭނާގެ ކޮންޓެންޓް މިގޮތަށް ބްރޭންޑްކޮށްފައިވާ މަދު ދިވެހިންގެ ތެރެއިން އެކަކެވެ. އަދި އޭނާގެ ކޮންޓެންޓް އެހެން ދިވެހިންގެ ކޮންޓެންޓަށް ވުރެ މައްޗަށް ގެންގޮސްދޭ އެންމެ މުހިންމު އެއް ސިފައަކީ ވެސް މި އެވެ. އެކަމަކު ހުވައިނާ ޔަގީންކޮށްދޭ އެހެން އެތައް ސިފަތަކެއް ވެސް އެބަހުއްޓެވެ.

އޭނާގެ ހުށަހަޅައި ދިނުމާއި ވާހަކަ ދެއްކުމުގެ ހުނަރެވެ. ސްޓައިލް، ބިއުޓީ އަދި ފެޝަންގެ ރަހަތައް އަމިއްލަ މީހާގެ ކިބައިގައި ހެޔޮވަރުކޮށްފައިވާ ގޮތެވެ. ކޮންޓެންޓް އުފެއްދުމުގައި އޭނާ ދައްކާ ފޯރި އެވެ. އަދި ވަކިން ހާއްސަކޮށް މި މަސައްކަތުގައި އޭނާ ކަށަވަރުކޮށްދޭ ރިވެތި އަހުލާގެވެ.

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

"އެކަމަކު އަޅުގަނޑު ވެސް މިއީ ފުރިހަމަ އަލިފެއް ނޫން. ނަމަވެސް ކޮންމެ ދުވަހަކުވެސް އަޅުގަނޑު މަސައްކަތް މި ކުރަނީ އެ ޑިސިޕްލިން ހޯދަން، އެ ރެސްޕެކްޓް ހޯދަން. މީހުން އިންސްޕަޔާ ވާނެ ކަހަލަ މީހަކަށް ބަދަލުވާން،" އޭނާ ބުނެލި އެވެ.

"އަޅުގަނޑު ސާބިތުކޮށްދޭން ބޭނުންވަނީ، ކޮންޓެންޓް އުފެއްދުމަކީ އާދައިގެ ކަމެއް ނޫން ކަން، ރަނގަޅު އާމްދަނީއެއް ވެސް ހޯދިދާނެ ވަރުގެ ކަމެއް ކަން އަދި މިކަން ކުރަމުން ވެސް މީހުންގެ މެދުގައި އިތުބާރުކުރެވޭ، އިހުތިރާމުކުރެވޭ އަގެއް ހުރި، އުޅުމެއް ހުރި މީހެއްގެ ގޮތުގައި ދެމިހުރެވިދާނެކަން ސާބިތުކޮށްދޭން އަޅުގަނޑު ބޭނުންވަނީ."

ސޯޝަލް މީޑިއާ ކޮންޓެންޓާ އެކު ހުވައިނާ މިދިޔަ ދެ ތިން މަސް ދުވަސް ތެރޭގައި މުޅިން އެހެން ލެވެލްއަކަށް އަރައިގެންދިޔައީ ސީދާ އެކަމަށް އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްގެނެއް ނޫނެވެ. އޭނާ އަކީ މިއަދު ވެސް ހެނދުނު ހޭލައިގެން ފުލްޓައިމް ވަޒީފާއަކަށް ދާ ޒުވާނެކެވެ. އެއަށް ފަހު ޓީވީއެމްގެ އެކި ޕްރޮގްރާމްތައް ހޯސްޓްކުރަން ވެސް އޭނާ ވަގުތު ހޯދަ އެވެ. އަދި މިދިޔަ އަހަރުން ފަށައިގެން އޭނާ އަންނަނީ ގާނޫނީ ދާއިރާ އިން ޑިގްރީ އަށް ވެސް ކިޔަވަމުންނެވެ.

އެއަށް ފަހު، ލައިވް ޓެލެތޯންތައް ހޯސްޓްކުރުމާއި ރަސްމީ އިވެންޓްތަކާއި މިއުޒިކް ޝޯތައް ހުށަހަޅައިދިނުމަށް ވެސް އޭނާ ވަގުތު ހޯދަ އެވެ.

ދެން ސޯޝަލް މީޑިއާ ކޮންޓެންޓް އުފައްދަނީ އެހެންވީމަ ކޮން އިރަކު ހެއްޔެވެ؟

"ނުނިދާ ހުރެގެން އަޅުގަނޑު އެންމެ ފުރަތަމަ ވީޑީއޯތައް ހަދަން ފެށީ. މިހާރު ވެސް ސޯޝަލް މީޑީއާ ކޮންޓެންޓް ހަދަން ވަގުތު ވަނީ ރޭގަނޑު ދަންވަރު. އެއީ ހެނދުނު ހޭލައިގެން ނުވައެއް ޖަހާއިރު ފަށާ ވަޒީފާ އާންމުކޮށް ނިމޭނީ ހަވީރު ހަ ގަޑި ބައިގައި،" ހުވައިނާ ކިޔައިދިނެވެ.

"ދެން ވީޑިއޯ އުފައްދާނެ އައިޑިއާތައް ބްރެއިންސްޓޯމްކޮށްގެން، ވޯޑްރޯބް، މޭކަޕް، ސްޓައިލިން ހުރިހާ ކަމެއް ވެސް އަމިއްލަ އަށް ކުރަމުން އަމިއްލަ އަށް ފޯނުން ޝޫޓްކުރަމުން އެޑިޓްކުރަމުން ދާނީ. ދަންވަރު އެގޮތަށް ފަށައިގެން ފަތިހު ހަތަރެއް ޖަހަން ދެން ވެސް އަޅުގަނޑު އެބަ ހުންނަމޭ ބައެއް ރޭރޭ ސޯޝަލް މީޑިއާ ކޮންޓެންޓް އުފައްދަން."

މިހެން ބުނެފައި ހުވައިނާ އަނެއްކާވެސް ހީގަތެވެ. އެކަމަކު މިހާރު އޭނާ އަށް ހިތްހަމަޖެހުމުގެ ނޭވާއެއް ވެސް އެބަ ލެވެ އެވެ. އަދި އޭނާގެ ހުވަފެންތަކަށް ހުރަސްއަޅަން މަސައްކަތްކުރާ ހަމަ އެކަކުވެސް އޭނާގެ ހަޔާތުގައި ނެތެވެ.

އެ ކުޑަކުޑަ ސެންޓުފުޅީގެ ރިވިއު އަށް ފަހު ލިބުނު ތަރުހީބާއި އިތުބާރު ދެމެހެއްޓުމަށް އޭނާގެ ކޮންޓެންޓް މިހާރު އުފައްދަމުން ގެންދަނީ ދުރާލައި ރާވައިގެން މަސައްކަތްކުރާ ކްރިއޭޓިވް ޕްރޮޑަކްޝަން ޓީމަކާ އެކުގަ އެވެ.

ފޮޓޯ އަދި ކްރިއޭޓިވް ޑައިރެކްޝަން: ދާއީ | މޭކަޕް އެންޑް ހެއާ: އަމާނީ އާޓިސްޓްރީ | ޖުވެލްރީ ޕާޓްނާ: އަންބަލަންގެ

"އަޅުގަނޑުގެ ކާފަ އަޅުގަނޑަށް ދެއްވި ނަސޭހަތެއް މިއީ؛ ކިތަންމެ ގޯސް ކަމެއް ކޮންމެ މީހަކު ކުރިޔަސް އެކަމާ ހިތްބުރަކޮށްގެން ގޯސްކޮށް ކަމެއް ނުކުރައްޗޭ. އެ ގޯސް ކަމެއް ކުރި މީހާގެ ފެންވަރަށް ވެއްޓިނުގަންނައްޗޭ ދުވަހަކު ވެސް. އަމިއްލަ ގަދަރާއި ފެންވަރާއި އިހުތިރާމު އަމިއްލަ އަށް ހިފަހައްޓައްޗޭ. އެއީ އަދި ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް،" ހުވައިނާ ބުންޏެވެ.

އޭނާގެ އަޑުގައި މިއަދު ހަމަ އެއްވެސް ތުރުތުރެއް ނެތެވެ. އެ ހުވާސްގައި ހަމަ އެއްވެސް ހާސްކަމެއް ނެތެވެ. އަޑިގުޑަން އަޔަސް ގުޑުމެއް ނެތެވެ. އަދި ފަސްއެނބުރި ބެލުމެއް ނެތެވެ.

"އަޅުގަނޑުގެ މެނޭޖަރު ބުނަނީ ކިތަންމެ ރެޑިކިއުލަސް ކަމެއްހެން ހީވިޔަސް ނުވަތަ ނުވާނެ ވަރުގެ ކަމެއްހެން ހީވިޔަސް މައްސަލައެއް ނެތޭ. ދާން ބޭނުންވާ ހިސާބާއި އަމާޒު ލިޔާށޭ. އެއަށް ފަހު އެ ހިސާބަށް ދާނެ ގޮތް އަހަރެމެން އެންމެން އެކުގައި ހޯދާނީއޭ،" މިހެން ބުނެފައި ހުވައިނާ އަނެއްކާވެސް ހީގަތެވެ.

އޭނާގެ އަޑުގައި މިއަދު ވަނީ ޔަގީން ކަމެވެ. އުފާވެރިކަމެވެ. ހަވާގެ ނަލަ ކުލަވަރެވެ.

6 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 6%
icon inlove icon inlove 58%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމްސިއްޔާ

19 August 2024

ކިތައް ސެންޓް ފުޅިތަ ވިކުނީ؟ ވިކި ހުސްވިއޭ ބުންޏަސް އަދި ނޭންގޭނެދޯ. ތިޔަހާ އަގުބޮޑު ސެންޓެއް މާގިނައިން ސްޓޮކްގަ ހުންނާނެ ހެންނެއްވެސް ހިއެއްނުވޭ.

The name is already taken The name is available. Register?

ކާފަބޭ

18 August 2024

ނުނިދާ ނުހުރެ ރަނގަޅަށް ނިދާލުމަށް ނަސޭހަތް ތެރިވަން

The name is already taken The name is available. Register?

އިއަރޝޮޓް

15 August 2024

އާ.. ޒަކިއްޓެގެ ވާހަކަ. ރަނގަޅަށް ތި ބުނީ ހަމަ.

The name is already taken The name is available. Register?

ޖަމީލުބެ

15 August 2024

މީ ދިވެހިންނަށް ދީފަ އޮތް އިންޓަވިއުއެއްތަ؟

The name is already taken The name is available. Register?

ޙައްޖާހާ

15 August 2024

މިއުޅޭ ޒަކިއްޓޭ ގެ ވާހަކަ އެއީ ދޯ؟

The name is already taken The name is available. Register?

ސަމުގާ

15 August 2024

ސަޅި އިނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454