22 އޯގަސްޓް 2024 - 13:14
ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލަށް ހޫދު އަހްމަދު ދަތުރުކޮށްފި އެވެ.
ސީނިއާ އޯޕަންސްގައި، ދިވެހި އެތުލީޓުންގެ ތެރެއިން މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު އޮތީ ހޫދު އަށެވެ.
ހަތަރުވަނަ ބުރަށް ދަތުރުކުރި އަނެއް ތިން އެތުލީޓުންކަމަށްވާ، އަހްމަދު އާގިލް (އަންމަޑޭ) އާއި އިސްމާއީލް މިގްލާލު (ކުޑަ އިއްސެ) އަދި އިސްމާއީލް ރަޝިދު ސްމައިލީ ވަނީހަތަރުވަނަ ބުރުން މުބާރާތުން ކަޓައިފަ އެވެ.
ހަތަރުވަނަ ބުރުގެ ހީޓް ތިނެއްގައި ވާދަކޮށް، ހޫދު ވަނީ ދެވަނަ ހޯދައިފަ އެވެ. އެ ހީޓްގެ އެއްވަނަ ހޯދީ އިންޑޮނޭޝިއާގެ އެތުލީޓް ޕަޖަރް އަރިޔާނާ އެވެ. އޭނާ ވަނީ 11.84 ޕޮއިންޓް ސްކޮކޮށްފަ އެވެ.
ހޫދު ދެވަނަ އަށް ދިޔައީ 8.40 ސްކޯކޮށްގެންނެވެ. ތިންވަނަ އަށް ދިޔަ ދެކުނު ކޮރެއާގެ ކަމާއޯ އަށް ލިބުނީ 8.17 ޕޮއިންޓެވެ. އެ ހީޓްގައި ސްމައިލީ ވެސް ވާދަ ކުރި އެވެ. އޭނާ އަށް ހޯދުނީ 5.94 ޕޮއިންޓެވެ.
ހީޓް ދޭއްގައި ވާދަކޮށް އަންމަޑޭ ދިޔައީ ތިންވަނަ އަށެވެ. ހަތަރުވަނަ ބުރުގެ ފަހު ހީޓްގައި ވާދަކޮށް ކުޑައިއްސެ ދިޔައީ ފުލަށެވެ.
މިއަދު ރާއްޖޭގެ ޖޫނިއާ ސާފިން ޓީމުގެ އެތުލީޓުން ތިންވަނަ ބުރުގައި ވާދަކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy