އައިކެއާ ހޮސްޕިޓަލް.
26 އޯގަސްޓް 2024 - 14:09
ކެޓެރެކްޓްސް ނުވަތަ ލޮލަށް ފުސް އެރުމުގެ މައްސަލައާ މެދު ހޭލުންތެރިކުރުވުމުގެ ގޮތުން އައިކެއާ ހޮސްޕިޓަލުން "ފުސް ކަމެއް ނެތް، ހުއްޓުމެއް ނެތް" ނަމުގައި ހާއްސަ ކެމްޕެއިނެއް ލޯންޗުކޮށްފި އެވެ.
މި ކެމްޕެއިންގެ މަގުސަދަކީ ލޮލަށް ފުސް އެރުމުގެ މައްސަލަ އަށް ހުރި ފަރުވާ އާއި މި މައްސަލައަށް ހައްލު ހޯދުމުގެ މުހިންކަމަށް އަހުލުވެރިކުރުމެވެ. އަދި މި ބައްޔަށް ފަރުވާ ހޯދުމަށް ހިތްވަރުދީ، އުމުރުން މައްޗަށް ދިއުމާ ގުޅިގެން އަންނަ ލޮލުގެ ފުސްކަމާ އެކު ދިރިއުޅެން ދަސްކުރަން ނުޖެހޭނެކަން އަންގައި ދިނުމެވެ.
އައިކެއާ ހޮސްޕިޓަލުން، ލޯ ފުސްވުމުގެ ބައްޔަށް ސްކްރީން ކުރުމާއި ފަރުވާ ދިނުމާއި ކެޓެރެކްޓް ރިމޫވް ކުރުމުގެ ސާޖަރީ ކުރެވެ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު މި ސާޖަރީ އެ ތަނުގައި ހަދަނީ ނޮން އިންވޭސިވްކޮށެވެ. އަލްޓްރާ ސައުންޑް ބޭނުން ކޮށްގެން ލޭޒާގެ އެހީ ފުސްކެހުމަށް ހޭދަ ވާނީ 10 ވަރަކަށް މިނެޓެވެ.
މި ބަލީގައި ސާޖަރީއަށް ފަހު ޓްރީޓުމަންޓަށް ލެންސެއް ލައްވަން ޖެހެ އެވެ. އޭގެ އެކި ވައްތަރުގެ ލެންސު ހުރެ އެވެ. އޭގެ ތެރޭގައި ޕްރިމިއަމް ގިނަ ވައްތަރުތަކެއްގެ ލެންސުވެސް ހުރެ އެވެ.
މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އައިކެއާ އިން މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު މި ކެމްޕެއިންގެ ދަށުން އަހުލުވެރިކުރުވުމުގެ އިިތުރުން އެކި ހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށް އައިކެއާ ހޮސްޕިޓަލުން ބުންޏެވެ. އެ ހަރަކާތްތަކުގެ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި އައިކެއާގެ ސޯޝަލް މީޑިއާއިން ވެސް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންއަގަ
26 August 2024
އަގުލިސްޓް ޖަހާލިނަމަ ސަޅިވީސް. އާސަންދައިން ކަޑާ އަތުންދޭންޖެހޭވަރެއް އަންގާލަބަލަ.