ކުޅިވަރު

ލަންކާ ގޮވައިގެން ސުޖަން އޭޝިއަން ކަޕް ކޮލިފައިން އަށް

ލަންކާގެ ކެޕްޓަން ސުޖަން؛ ރާއްޖޭގެ ޓީސީ ސްޕޯޓްސް އަށް ކުޅެމުން އަންނަ ސުޖަން ވަނީ ޕެނަލްޓީ ޝޫޓައުޓްގައި ދެ ޕެނަލްޓީ މަތަކޮށްފަ.-- ފޮޓޯ: ކެމްބޯޑިއާ ފުޓްބޯޅަ ފެޑެރޭޝަން

11 ސެޕްޓެމްބަރ 2024 - 13:38

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ހުށިޔާރުކަމާ އެކު ޕެނަލްޓީގައި ކެޕްބޯޑިއާ ބަލިކޮށް ސްރީ ލަންކާ އިން އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުން ޖާގަ ހޯދައިފި އެވެ.

އޭޝިއަން ކަޕް 2027 ގެ ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ހޯދުމަށް ކުޅޭ ޕްލޭއޮފްގެ ދެ ވަނަ ލެގުގައި، ކެމްބޯޑިއާގައި ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ލަންކާގައި ކުޅުނު ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރު ވެފައިވުމާ ގުޅިގެން އެގްރިގޭޓް ނަތީޖާ އެއްވަރުވެ، ނަތީޖާ ނެރެން ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓައުޓްގައި ލަންކާ ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ލަންކާގެ ކެޕްޓަން ސުޖަން ވަނީ ކެމްބޯޑިއާ އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި ލަންކާއިން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، ޕެނަލްޓީތައް ފޮނުވާލީ، ޖެކް ހިންގާޓް އާއި ސޭމް ޑުރާންޓް އަދި އޮލިވާ ކެލާޓް އާއި ލިއޯން ޕެރޭރާ އެވެ.

ސުޖަން އެންމެ ފުރަތަމަ 2015 ވަނަ އަހަރު ރާއްޖޭގެ ކްލަބް އީގަލްސްއާ ގުޅި، އޭނާ ވަނީ ޖެހިގެން އައި އަހަރު ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކީޕަރުގެ އެވޯޑް ވެސް ހޯދައި، ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ހޯދައިފަ އެވެ. އޭނާ އީގަލްސް ދޫކޮށްލީ ކޮވިޑް-19 ގެ ދުވަސްވަރު، 2020 ގަ އެވެ. އެއަށް ފަހު ލަންކާގައި ދެ އަހަރު ހޭދަކުރުމަށް ފަހު 2022 ވަނަ އަހަރުން ފެށީގެން އޭނާ ކުޅެމުން އަންނަނީ ޓީސީ އަށެވެ.

ރޭގެ މެޗުގައި، އައިސްލެންޑް ލީގުގައި ކުޅޭ ކެލާޓް، ލަންކާ އަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދީފައި ވަނިކޮށް ދެވަނަ ހާފުގައި ކެމްބޯޑިއާ އަށް އެއްވަރު ކޮށްދިނީ އެންހީން ސޮސިޑާން އެވެ. އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސޮސް ސުހާނާ ކެމްބޯޑިއާ އަށް ލީޑު ނަގައިދީފައި ވަނިކޮށް ލަންކާއިން އެއްވަރުކުރީ 120 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ޖަރުމަނުގެ ތިން ވަނަ ޑިވިޝަންގެ ޑީނަމޯ ޑްރެސްޑެން އަށް ކުޅޭ ޑިފެންޑަރު ކްލައުޑިއޯ މަންމާކްނެކްޓް އެވެ.

ލަންކާގެ ފުރަތަމަ ޕެނަލްޓީ ޖަހައިދިން ހިންގާޓް އަކީ އޮސްޓްރޭލިއާގެ އޭލީގުގެ ބްރިސްބޭން އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފުލްބެކެކެވެ. އަދި ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށްދިން ޑުރާންޓް އަކީ ލިވަޕޫލާއި އެވަޓަންގެ އެކަޑަމީން ތަމްރީނުވެގެން، އަޔަލެންޑް ޕްރިމިއާ ޑިވިޝަންގެ ޑަންޑޯކް އަށް ކުޅޭ 22 އަހަރުގެ ވިންގެކެވެ. އަދި މިޑްފީލްޑަރު ލިއޯން ޕެރޭރާ ކުޅެމުން އަންނަނީ ޖަރުމަންގެ ހަތަރުވަނަ ޑިވިޝަން ލީގުގަ އެވެ.

ލަންކާ ޓީމުގެ ކޯޗަކީ 2021 ވަނަ އަހަރު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލަށް ރަނަރަޕް މެޑަލް ހޯދައިދިން އަބްދުﷲ އަލް މުތައިރީ އެވެ. ވަގުތީގޮލުން އޭނާ ލަންކާގެ ކޯޗުކަމާ ހަވާލުވީ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރު ކާމިޔާބު ކޮށްގެން ލަންކާގެ އިތުރުން އީސްޓް ޓިމޯ އާއި ބުރުނާއީ ވެސް ވަނީ، ތިން ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ކޮލިފައިންގެ ތިން ވަނަ ބުރުގައި ރާއްޖެ ވެސް ހިމެނެ އެވެ.

ޖުމްލަ 24 ޓީމު ހިމެނޭ ކޮލިފައިންގައި، ޓީމުތައް ހަ ގުރޫޕަކަށް ބަހަން ގުރުއަތު ނެގުން އޮންނާނީ ޑިސެމްބަރު މަހު އެވެ. އަދި ކޮލިފައިންގެ މި ބުރުގެ ކުޅުން ފަށާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454