ސޮނެވާ ޖާނި، ނ. ޒޯންގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެލާ ބަލިކޮށްފަ.-- ފޮޓޯ: ޓެކާސް
06 އޮކްޓޯބަރ 2024 - 11:09
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ނ. ޒޯނުގެ ފައިނަލުގައި، 2-1 އިން އެންމެ ފަހުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ބަލިކޮށް ސޮނެވާ ޖާނީ، ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޮނެވާ ޖާނީ އަކީ 2022 ވަނަ އަހަރު ނ. ޒޯންގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެ ޓީމު ބައިވެރި ވެފައެއް ނުވެ އެވެ. ވެލާ ވަނީ މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، މުޅި މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އަށް ގޯލު ޖަހައިގެން ޒޯންގެ ރަން ބޫޓު ވެސް ހާސިލް ކުރި ސޮނެވާ ޖާނީގެ އަހުމަދު ޝަމްވީލް އަބްދުﷲ އެވެ.
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސޮނެވާ ޖާނީގެ ހުސެއިން ޝައްފާހާއި ކެޕްޓަން އަމްދާން އަލީގެ އިތުރުން، ވެލާގެ ކެޕްޓަން އަހުމަދު އިމްރާނާއި ގޯލްކީޕަރު އަހުމަދު ޝާފިއު އަދި ސިޔާމް ވޯލްޑްގެ އާދީ އަބްދުލްޣަނީ އެވެ.
އެންމެ މޮޅު ކޯޗަކަށް ސޮނެވާ ޖާނީގެ ހަމްދާން ސާލިހް ހޮވުނު އިރު، ފެއާޕްލޭ ޓީމަކީ ޝާވެލް ބްލާންކް ރަންދެލި އެވެ.
ނ. ޒޯންގެ ޗެމްޕިއަންކަމާ އެކު ސޮނެވާ ޖާނީ ވަނީ، ނޮކައުޓް ބުރުގެ ޗެމްޕިއަންޝިޕް މެޗަށް ހޮވިފަ އެވެ.
މިއަދު ކުޅޭ ޗެމްޕިައންޝިޕް މެޗުގައި ސޮނެވާ ޖާނީ ނުކުންނާނީ މިދިޔަ މަހު ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދި ލެ މެރީޑިއެންއާ ދެކޮޅަށެވެ. ޗެމްޕިއަންޝިޕް މެޗުން މޮޅުވާ ޓީމު، ކުއާޓާ ފައިނަލްގައި ޖޯލި މޯލްޑިވްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޓެކާސް އިން ވަނީ އަންނަ ބުދަ ދުވަހު މާލެ އަތޮޅުގެ އުތުރު ސަރަހައްދުގެ ރިސޯޓްތައް ހިމެނޭ ނޯތު ކާފް ޒޯންގެ ކުޅުން ފަށަން ތައްޔާރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy