ޗެމްޕިއަންޝިޕް މެޗު ކާމިޔާބު ކުރުމަށް ފަހު ސޮނެވާ ޖާނީ، ކުއާޓާގައި މިއަދު ޖޯލި މޯލްޑިވްސްއާ ދެކޮޅަށް ނުކުންނާނެ.-- ފޮޓޯ: ޓެކާސް
08 އޮކްޓޯބަރ 2024 - 09:15
ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ކުއާޓާ ފައިނަލުގައި، ސޮނެވާ ޖާނީ އިން މިއަދު ޖޯލި މޯލްޑިވްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ސޮނެވާ ޖާނީ ކުއާޓާ ފައިނަލަށް ދަތުރުކުރީ، އާދިއްތަ ދުވަހު ކުޅުނު ޗެމްޕިއަންޝިޕް މެޗުގައި، ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދި ލެ މެރީޑިއަންއާ ވާދަކޮށް 3-1 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނެވާ ޖާނީގެ ހުސެއިން ޝައްފާހް އެވެ.
ސޮނެވާ ޖާނީ، ނ. ޒޯންގެ ޗެމްޕިއަން ހޯދީ، މިދިޔަ އަހަރުގެ ޓެކާސް ކަޕްގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ބަލިކޮށްފަ އެވެ.
ޖޯލި މޯލްޑިވްސް ވަނީ މިދިޔަ މަހު ރ. ޒޯންގެ ތަށި ދިފާއުކޮށް، ޗެމްޕިއަންޝިޕް މެޗުގައި ބ. ޒޯންގެ ޗެމްޕިއަންކަން ދިފާއުކުރި މިލައިދޫ މޯލްޑިވްސް ބަލިކޮށްފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ކުއާޓާ ފައިނަލްގައި ޖޯލި މޯލްޑިވްސް ބަލިވީ، ނ. ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ އަތުންނެވެ.
ސިޔާމް ވޯލްޑް ރިސޯޓުގައި، ޖޯލި މޯލްޑިވްސް އާއި ސޮނެވާ ޖާނީ މިއަދު ބައްދަލުކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމެއް، ސެމީ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ ނޯތު ކާފު ޒޯންގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.
ޓެކާސް އިން ވަނީ މާލެ އަތޮޅުގެ އުތުރު ސަރަހައްދުގެ ރިސޯޓްތައް ހިމެނޭ ނޯތު ކާފު ޒޯންގެ ކުޅުން މާދަމާ ފަށަން ތައްޔާރުވެފަ އެވެ. މި ޒޯނުގެ ކުޅުން ކުރިއަށް ދާނީ ބައިވެރިވި 12 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާދާ
08 October 2024
މީ ކޮއްކޮ ބޭބެއާ ދެކޮޅަށް ނުކުތުންފަދަ ކަމެއް.