މާފަރު އިންޓަނޭޝަނަލް އެއާޕޯޓު-
26 އޮކްޓޯބަރ 2024 - 14:26
ނ. މާފަރު އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.
ޕްރައިވެޓް ޖެޓުތައް ގިނަ އަދަދަކަށް ޖައްސާ އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތައް އަލުން ފަށާފައިވަނީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ފަހުގަ އެވެ.
ރަންވޭއަށް 650 މީޓަރު އިތުރުކޮށް، ސްޓްރިޕް ވަނީ ފުޅާކޮށްފަ އެވެ.
މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ދެން އެންމެ ގިނައިން ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެވެ.
ދަތުރުތައް އަލުން ފެށިއިރު، އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔަ ރޯޑު ތަޅާލުމާއ،ި 18,660 އަކަމީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމާއ،ި 4,047 އަކަމީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ ޑިސެމްބަރު 2019 ގަ އެވެ.
އެ އެއާޕޯޓު އޮންނަ ސަރަހައްދަކީ އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ. އެހެންވެ، އެ އެއާޕޯޓުން ދަތުރުކުރާ މީހުން ވެސް އިތުރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy