ބްރެއިން ލެބް ހުޅުވުމުގެ ރަސްމިއްޔާތުގައި އީއީޖީ ހަދާ ގޮތް ދައްކާލަނީ.
27 ނޮވެމްބަރ 2024 - 14:16
ވިލާ ކޮލެޖުން ނަފްސާނީ ބަލިތައް ދެނެގަނެ ދަސްކުރަން، "ބްރެއިން ލެބެއް" ހުޅުވައިފި އެވެ.
އެ ކޮލެޖުން "ވީ ވޭވްސް - ބްރެއިން އެންޑް ބިހޭވިއާ"ގެ ނަމުގައި ހުޅުވި ލެބަކީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ލެބެވެ. މިއީ، އެ ކޮލެޖުގެ ސައިކޮލޮޖީ ޕްރޮގްރާމްގެ ދަރިވަރުންގެ ބޭނުންތަކަށް އެ ކޮލެޖުން ހުޅުވި ތަނެކެވެ.
ވިލާ ކޮލެޖުގެ "ބްރެއިން ލެބް" ހުޅުވީ އެ ކޮލެޖުން ބޭއްވި "ސައިކޮލޮޖީ ސިމްޕޯޒިއަމް"ގެ ތެރެއިންނެވެ. މި ތަން ހުޅުވައި ދެއްވީ ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ އެވެ.
މި ލެބް ހުޅުވުމަށް ފަހު ސިކުނޑި މަސައްކަތްކުރާ ގޮތް ދެނެގަތުމަށް ހަދާ އިލެކްޓްރޯ އެންސެފަލޯގްރާމް (އީއީޖީ) ބޭނުން ކުރާގޮތް ވަނީ ދައްކާލައިފަ އެވެ. އީއީޖީން ބްރެއިން ވޭވްސް މޮނިޓާކުރާ ގޮތް ދެނެގަނެ ނިއުރޯ ސައިންސް އަދި ސައިކޮލޮޖީގެ ރޮނގުން ހުރި ދިރާސަތަކުގެ އަލީގައި ޑިޕްރެޝަން، އެންޒައިޓީ، އޯޓިޒަމް، އެޓެންޝަން ޑެފިސިޓް ޑިސްއޯޑާސް، އަލްޒައިމާސް، އަދި ޑިމެންޝިއާ ފަދަ ބަލިތައް ދެނެގަނެވޭނެ އެވެ.
"ބްރެއިން ލެބް" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުން ނެރޭ ސައިކޮލޮޖީ ބުލެޓިންގެ ހަތަރު ވަނަ، ފަސް ވަނަ، އަދި ހަވަނަ އަދަދު ވެސް ވަނީ ނެރެފަ އެވެ.
މި ބްލެޓިންގައި އެ ކޮލެޖުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން، ސައިކޮލޮޖީ އަދި ކައުންސެލިންގެ އެކި ދާއިރާއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނާފައިވެ އެވެ. އަދި ވިލާ ކޮލެޖުގައި ސައިކޮލޮޖީ އާއި ކައުންސެލިން ޕްރޮގްރާމްތައް މިހާރު ކިޔަވާ ދަރިވަރުންގެ ޕެނަލް ޑިސްކަޝަން އަދި ރިސާޗް ޕްރެޒެންޓޭޝަންތައް ވެސް "ސައިކޮލޮޖީ ސިމްޕޯޒިޔަމް" ގައި ވަނީ ހުށަހަޅައިފަ އެވެ.
މި ފަދަ ޕެނަލް ޑިސްކަޝަން އަދި ރިސާޗް ޕްރެޒެންޓޭޝަންތައް ބޭއްވުމުގެ މަގުސަދަކީ ސައިކޮލަޖީ ދާއިރާގެ އެކި މައުލޫއުތަކަށް، ވިލާ ކޮލެޖުގައި ކިޔަވާ ކުދިން އަހުލުވެރިކޮށް އެ ކުދިންގެ ގާބިލުކަން އިތުރުކުރުން ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކްނީޝަން
28 November 2024
ތިލެބަށް މިގައުމުގަ އުފެދުނު އެންމެ މޮޅު ވިޔަފާރިވެރިޔާގެ ބްރެއިން ލާންވާނެ! އެއިންސްޓައިންގެ ބްރެއިން ދިރާސާ ކުރިގޮތަށް ދިރާސާ ކުރުމަށް!