ކަޔާން، 14، މިއަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި.--- ފޮޓޯ: ފަޔާޒު މުސާ | މިހާރު
09 ޑިސެމްބަރ 2024 - 08:36
ރާއްޖޭގެ ސާފިން ގައުމީ ޓީމުގެ ސީނިއާ ސްކޮޑުން، އުމުރުން 14 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައިފި އެވެ.
މިއީ ޖޫނިއާ ރާޅާއެޅުންތެރިއަކު، ރާއްޖޭގެ ސީނިއާ ސްކޮޑޫން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަންނަ އަހަރުގެ ސީނިއާ ގައުމީ ޓީމުގެ ޖާގައެއް ކަޔާން ހޯދީ، މިއަހަރުގެ ގައުމީ ލީގުގެ ރޭންކިންގެ ހަ ވަނަ ހޯދައިގެންނެވެ.
ގައުމީ ލީގު 2022 ގައި ޖޫނިއާ ރޭންކިންގެ އެންމެ ކުރި ހޯދި ކަޔާން ވަނީ، މި އަހަރުގެ ލީގުގެ އިވެންޓެއްގެ އޯޕަން ބައިގެ އިވެންޓެއްގެ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.
އެގޮތުން ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާގެ ކުއާޓާ ފައިނަލްގައި ވާދަކޮށް، މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑުގެ ފައިނަލްގައި ކަޔާން ބަލިވީ އިސްމާއިލް ރަޝީދު (ސްމައިލީ) އާ ވާދަކޮށެވެ. އެއަށް ފަހު ކ. ތުލުސްދޫގައި ބޭއްވި ރަންދާ ރާޅުގަނޑު މުބާރާތުގެ ސެމީ ފައިނަލްގައި ވެސް އޭނާ ވާދަ ކުރި އެވެ.
ކަޔާން ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ޖޫނިއާ ގައުމީ ޓީމުގައި ހިމެނިފަ އެވެ. އަދި މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖުނިއާ ބައިގެ ސެމީ ފައިނަލުގައި ވެސް އޭނާ ވާދަ ކޮށްފައި ވެއެވެ.
އަންނަ އަހަރުގެ ގައުމީ ސާފިން ޓީމް.-- ފޮޓޯ: އެމްއެސްއޭ
ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގައުމީ ޓީމަށް އެތުލީޓުން ހޮވަނީ، ކުރީ އަހަރުގެ ގައުމީ ލީގުގެ ރޭންކިންގެ ތަރުތީބުންނެވެ. އެގޮތުން އަންނަ އަހަރުގެ ގައުމީ ޓީމަށް ހޮވާފައި ވަނީ މިއަހަރުގެ ލީގު ރޭންކިންގެ ގަދަ ހަ ރާޅާއެޅުންތެރިންނެވެ.
ކަޔާންގެ އިތުރުން ގައުމީ ސްކޮޑުގައި ދެން ހިމެނެނީ، ލީގު ޗެމްޕިއަންކަން ހޯދީ ހޫދު އަހުމަދު (ހޫބްޒް) އާއި ދެ ވަނައަށް ދިޔަ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި ތިން ވަނައަށް ދިޔަ ނަޖާހު މުހައްމަދު (ކަބޯ) އާއި ހަތަރު ވަނައަށް ދިޔަ ސްމައިލީ އަދި ފަސް ވަނައަށް ދިޔަ އަހުމަދު އާގިލް (އަންމަޑޭ) އެވެ.
މިއަހަރުގެ ލީގުގައި ޖޫނިއާ ސާފަރުން ވަނީ ރޭންކިންގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ރޭންކިންގެ ހަތްވަނަ ހޯދާފައި ވަނީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ. އަށް ވަނައިގައި ނިންމީ ޔަސީން އަހުމަދު ނާޝިދެވެ. އަދި މިއަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން މުހައްމަދު އިނާން އަބްދުލް ހަންނާން ވަނީ ސީނިއާ ރޭންކިންގެ ނުވަ ވަނަ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy