އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އީލޮން މަސްކް ރެލީއެއްގައި ބައިވެރިވަނީ: އޭނާގެ އެކްސް އިން ޓިކްޓޮކް ގަތުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ. -- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2025 - 06:36
އެމެރިކާގައި މަނާވުމުގެ ބިރާ ކުރިމަތިވެފައިވާތީ، ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތައް ބިލިއަނަރު އީލޮން މަސްކަށް ވިއްކާލުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ޗައިނާގެ އޮފިޝަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފި އެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ މަސްކުގެ އެކްސް ކުންފުނިން ޗައިނާގެ ބައިޓް ޑާންސް އަތުން ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތައް ގަނެ ދެ ޕްލެޓްފޯމް އެއްކޮށްލައިގެން ހިންގިދާނެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރާ ކަމަށެވެ.
ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތަކުގެ އަގު 40-50 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މަސްކް މިހާރު ހިމެނުނު ނަމަވެސް، ބްލޫމްބާގުން ބުނީ މަސްކް އެ މުއާމަލާތް ހިންގާނީ ކިހިނެއް ކަމެއް، އޭނާގެ އެސެޓްތަކެއް ވިއްކާލަން ޖެހިދާނެ ކަމެއް ނޭނގޭ ކަމަށެވެ.
ޓިކްޓޮކްގެ ބައިޓްޑާންސުން އެ ޕްލެޓްފޯމް ވިއްކާލަން ނުވަތަ ބަންދުކުރަން ޖެހޭ ގޮތަށް އެމެރިކާ ސަރުކާރުން މިދިޔަ އަހަރު ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ. މިކަމަށް ދީފައިވާ މުހުލަތު އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އެއް ދުވަސް ކުރިން އާދީއްތަ ދުވަހު ހަމަވާނެ އެވެ.
އެމެރިކާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކް އަކީ ޗައިނާއަށް ޑޭޓާ އެއްކޮށް، ބޭނުންކުރާ މީހުންނަށް ޖާސޫސް ކުރުމުގެ ފުރުސަތު ދޭ އަދި ޕްރޮޕެގެންޑާ ފެތުރުމުގެ ވަސީލަތެކެވެ. ނަމަވެސް ޗައިނާ އާއި ބައިޓްޑާންސުން ވަނީ އެ ވާހަކަތައް ދޮގުކޮށް، ކުށްވެރިކޮށްފަ އެވެ.
ޓިކްޓޮކުން ވަނީ އެ ޕްލެޓްފޯމް އެމެރިކާގައި މަނާވާ ގޮތަށް ފާސްކުރި ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޓިކްޓޮކް ވިއްކާލަން މަޖުބޫރު ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމެރިކާގެ ގާނޫނުއަސާސީން ދޭ މާއްދާއާ ހިލާފް ނިންމުމެއް ކަމަށް ވިދާޅުވެ ޓިކްޓޮކްގެ ވަކީލަކު ދެއްކެވި ވާހަކަތަކާ ދެކޮޅުކަން ދޭހަވާ ގޮތަށް އެ އަޑުއެހުމުގައި، ނުވަ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ކޮންޒަވޭޓިވް އަދި ލިބަރަލް ފަނޑިޔާރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ބްލޫމްބާގް ބުނީ މަސްކްގެ މުއާމަލާތާ މެދު ދެކޭ ގޮތް އަދި އެކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު ޗައިނާއިން ދެކޭ ގޮތެއް އަދި ޗައިނާއިން ހާމަ ނުކުރާ ކަމަށް ބުނެފަ އެވެ. ނޫހުން ބުނި ގޮތުގައި މި މަޝްވަރާތައް އަދި އުޅެނީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.
މިކަމުގައި ޓިކްޓޮކްގެ ބަހެއް ހޯދަން އޭއެފްޕީން ސުވާލުކުރުމުން އަދި ޖަވާބެއް ނުދެ އެވެ. ނަމަވެސް ވެރައިޓީން އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ "ހިޔާލީ ވާހަކައަކާ މެދު ދޭނެ ކޮމެންޓެއް ނޯންނާނެ" ކަމަށެވެ.
މަސްކަކީ އަންނަ ހޯމަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕްގެ އަރިސް އަދި ނުފޫޒު ގަދަ ބޭފުޅެކެވެ.
މަސްކުގެ ޓެސްލާ ކުންފުނިން ކާރު އުފައްދާ ބޮޑު ފެކްޓަރީއެއް ޗައިނާގައި ހިންގާއިރު އެއީ އެ ކުންފުނީގެ އެއްމެ ބޮޑު އެއް މާކެޓް ކަމަށް ބަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
15 January 2025
އެމެރިކާގެ ހިޔާލު ފާޅުކުރުމުގެ މިނިވަނކްން ހުރި މިންވަރު މި ފެންނަނީ، އެކްމު އަހަރެމެންނަށް ހިޔާލު ފާޅުކުރުމަކީ އަދި ކޮންމެ މީހަކށް އެމީހަކުން ބުނަންބޭނުން އެއްޗެއް ކޮންމެމީހަކާ ދިމާާލަށް ނުވަތަ ޝޯޝަލް މީޑިޔާގައި ބުނެވޭނެޔޭ ކިޔާ އެމެރިކާ ވެރިން އަހަރެމެންނަށް ނަސޭހަތްދޭން އާދޭ
އެމެރިކާ ރައްވެއްސެއް
15 January 2025
ޓިކްޓޮކުން ބުނެފި ތިއީ ދޮގެކޭ. އެހެން ނޫނަސް މަމެން ދެން ޓިކްޓޮކް ނުބަލާނަމް އިލޮން ގަނެފިއްޔާ. އެއަށް ވުރެ ރަނގަޅު ބޭން ވުން ވެސް