އޭއައިގައި ވަރުގަދަ ޗެޓްޖީޕީޓީ އެޕް އަދި އަލަށް ރިލީޒްކުރި ޑީޕްސީކް އެޕް
27 ޖެނުއަރީ 2025 - 13:38
ޗައިނާގެ އޭއައި ސްޓާޓަޕެއް ކަމަށްވާ "ޑީޕްސީކް" ލޯންޗުކުރިތާ ދެ ހަފްތާ ފަހުން އެމެރިކާގެ އެޕަލް އެޕް ސްޓޯރުތަކުގެ އެންމެ މަގުބޫލު އެޕުގެ މަގާމު ހޯދައި، އޭއައިގައި މަޝްހޫރު ޗެޓްޖީޕީޓީ ފަހަތަށް ޖައްސާލައިފި އެވެ.
ޑީޕްސީކް އަކީ ޓެކް ކުންފުނިތައް ގިނަ، ޗައިނާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ހަންގްޒޫގެ ސްޓާޓްއަޕެއް ކަމަށްވެ އެވެ.
ޑިޕްސީކް-ވީ3 މޮޑެލް ބޭނުންކުރާ އެ ކުންފުނީގެ އޭއައި އެސިސްޓެންޓް މި މަހުގެ 10 ގައި ރިލީޒްކުރި ފަހުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެޕް ޑޭޓާ ރިސާޗް ފާމް ސެންސަ ޓަވަ އިން ބުނެފައިވެ އެވެ. ޑީޕްސީކްގެ ޑިވެލޮޕަރުން ބުނަނީ ޑީޕްސީކް-ވީ3 މޮޑެލް އަކީ ގިނަ އޯޕަން ސޯސް މޮޑެލްތަކަށް ވުރެ ފުރިހަމަ މޮޑެލްއެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ ކްލޯޒް-ސޯސް މޮޑެލްތަކާ ވާދަކުރާ ކަމަށެވެ.
މިއީ ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖެންސް ރޭހުގައި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވިފައި ވާއިރު އޭއައި ޓެކްނޮލޮޖީގައި އެމެރިކާގެ ބާރުވެރިކަމަށް ގޮންޖެހުމެއްގެ ގޮތުގައި ވެސް ވަނީ ސިފަކުރެވިފަ އެވެ. އަދި އެޑްވާންސް ޗިޕް ޓެކްނޮލޮޖީ އާއި އޭއައިގެ ކުރިއެރުމަށް ޗައިނާ އަށް ހުރަސްއެޅުމަށް އެމެރިކާއިން އެކްސްޕޯޓްގައި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއާ މެދު ވެސް މިކަމުން ވަނީ ސުވާލު އުފެދިފަ އެވެ.
އެޕްލިކޭޝަނެއްގެ ގޮތުގައި ނުވަތަ ޑެސްކްޓޮޕުން ވެސް ބޭނުންކުރެވޭ ޑީޕްސީކުން ހުޅަނގުގެ ވާދަވެރިންނާ އެއް ފެންވަރުގައި ގިނަ ކަންތައްތައް ކުރެވެ އެވެ. ލަވައިގެ ލިރިކްސް ލިޔުމާއި ޕާސަނަލް ޑިވެލޮޕްމަންޓް ޕްލޭނެއްގައި މަސައްކަތް ކުރުމަށް އެހީވުން ފަދަ ކަންކަމުގެ އިތުރުން ފްރިޖުގައި ހުރި އެއްޗެހި ބޭނުންކޮށްގެން ކާއެއްޗެއް ހަދަން ރެސިޕީއެއް ދޭން ބުންޏަސް ފަސޭހަކަމާ އެކު އެކަން ކޮށްލަ އެވެ.
އެތައް ބަހަކުން މުއާމަލާތްކުރުމުގެ ގާބިލްކަން ލިބިފައިވާ ޑީޕްސީކް އެންމެ ވަރުގަދަވާނީ އިނގިރޭސި ބަހާއި ޗައިނާ ބަހަށް ކަމަށް ޑީޕްސީކުން އޭއެފްޕީއަށް ބުންޏެވެ.
އެކަމަކު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ގުޅޭ ވާހަކަތާއި ގައުމުގެ ސިޔާސީ ކަންކަމާ ބެހޭ ގޮތުން އަހާ ސުވާލުތަކާ ގުޅިގެން "އެހެން ވާހަކައެއް ދައްކަން" ޑީޕްސީކުން ބުނެ އެވެ. އެއީ ޗައިނާގެ މިފަދަ އެހެން އުފެއްދުންތަކުގައި ވެސް ހުންނަ ލިމިޓޭޝަނެކެވެ.
ނަމަވެސް އުނދަގޫ ކޯޑުތައް ލިޔުމުން ފެށިގެން ބޮޑެތި ހިސާބުތައް ހެދުން ފަދަ ކަންކަމުގައި ޑީޕްސީކްގެ ގާބިލުކަން އިންޑަސްޓްރީގެ އެންމެ ވަރުގަދަ ކުންފުނިތަކާ ހަމަކޮށްފައި ވާތީ ތަޖުރިބާކާރުންނަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
ޑީޕްސީކް އިން ބުނީ އެ މީހުންގެ މޮޑެލް އުފެއްދުމަށް ހޭދަކޮށްފައި ވަނީ އެންމެ 5.6 މިލިއަން ޑޮލަރު ކަމަށެވެ. މިއީ އޭއައިގައި އެމެރިކާގެ ވަރުގަދަ ކުންފުނިތަކުން ބިލިއަނުން ކުރާ ހޭދައާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.
ހުޅަނގުގެ ވާދަވެރިން ކަމަށްވާ ޗެޓް-ޖީޕީޓީ، މެޓާގެ ލާމާ އަދި ކްލައުޑް ފަދައިން ޑީޕްސީކުން ވެސް ބޭނުންކުރަނީ ބޮޑު ލޭންގުއޭޖް މޮޑެލްއެކެވެ. އެކަމަކު ސިލިކަން ވެލީގެ ވާދަވެރިންނާ ހިލާފަށް، ޑީޕްސީކަކީ އޯޕަން ސޯސްއެއް ކަމަށް ވާތީ ކޮންމެ މީހަކަށް ވެސް އެޕްގެ ކޯޑަށް ވަދެ، މަސައްކަތް ކުރާ ގޮތް ބަލައި، އަމިއްލައަށް މޮޑިފައި ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy