ގަމުން ތިމަރަފުށި ބަލިކުރި ލަނޑު ޖަހައިދިން އަޖުވަދު.-- ފޮޓޯ: އިމޭޖަސް އެމްވީ
04 ފެބުރުއަރީ 2025 - 09:09
މިހާރު ކުރިއަށްދާ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ފައިނަލުން ބަލިވި ލ. ގަން، ޒޯން ބުރުގެ ފުރަތަމަ މެޗުގައި ތ. ތިމަރަފުށި ބަލިކޮށްފި އެވެ.
ޒޯން 6 ގައި ހިމެނޭ ގަން އަތުން މުބާރާތުގެ އެންމެ ކާމިޔާބު ތިމަރަފުށި ބަލިވީ 1-0 އިންނެވެ. މެޗުގައި ގަމުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު އަޖުވަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ގިނަ ހަމަލާތަކެއް ދިފާއުކުރި ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން އެވެ.
މި ޒޯންގައި ދެން ހިމެނޭ ލ. ޗެމްޕިއަން އިސްދޫ ވަނީ 5-3 އިން ތ. އަތޮޅު ރަނަރަޕް ހިރިލަންދޫ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްދޫގެ އަލީ ހުމޭޒު ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ޒޯން 7 ގެ ގުރޫޕް ބީގައި ހިމެނޭ ގދ. ގައްދޫ އާއި ސ. ހިތަދޫ ބައްދަލުކުރި މެޗު ހިތަދޫ ވަނީ 2-1 އިން ކާމިޔާބު ކޮށްފަ އެވެ. ގުރޫޕް އޭގައި ހިމެނޭ ގދ. ވާދޫ 3-0 އިން ގއ. ވިލިނގިލި ބަލި ކުރި އިރު ޏ. ފުވައްމުލަކު ދަނޑިމަގުން ވަނީ 2-1 އިން ދެއްވަދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ.
ޒޯން 4 ގައި ރޭ އދ. މަހިބަދޫ ވަނީ 3-1 އިން ވ. ކެޔޮދޫ ބަލިކޮށްފަ އެވެ. ނަމަވެސް އދ. ޗެމްޕިއަން މަންދޫ ވަނީ އއ. ޗެމްޕިއަން މަތިވެރި އަތިން 2-1 އިން ބަލިވެފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ޒޯން 1 އާއި 3 އަދި 8 ގެ މެޗުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހާނާ
04 February 2025
ފުވަައްމުލަކުގައި އޮންނަނީ "ދަނޑިމަގު" އެއް ނޫން. އެއީ "ދަޑިމަގު". އެ ނަން ކިޔަނީ ހުސްނޫނު ނުލައި. ފުވައްމުލަކު ސިޓީ ކައުންސިލުން އަހާލަބަލަ.