ޒޯން 7ގެ ސެމީ އަށް ހޮވުނީ ފޭދޫ، ވާދޫ، ދަޑިމަގު އަދި ހިތަދޫ (ކ-ވ).-- ފޮޓޯ: އިމޭޖަސް އެމްވީ
06 ފެބުރުއަރީ 2025 - 08:52
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގައި ޒޯން ހަތެއްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީ ފައިނަލް ކުޅޭ ޓީމުތައް ޔަގީން ވެއްޖެ އެވެ.
ސެމީއަށް ހޮވުނީ ގުރޫޕް އެކެއްގެ އެއްވަނަ ޏ. ފުވައްމުލަކު ދަޑިމަގާއި ދެވަނަ ހޯދި ގދ. ވާދޫގެ އިތުރުން، ގުރޫޕް ދޭއްގެ އެއްވަނަ ސ. ހިތަދޫ އާއި ދެވަނަ ހޯދި ސ. ފޭދޫ އެވެ.
ދަޑިމަގު ވަނީ ރޭ 3-0 އިން ގއ. ވިލިނގިލި ބަލިކޮށް ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ގދ. ވާދޫ އާއި ގއ. ދެއްވަދޫ ބައްދަލުުކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މިއާ އެކު ވާދޫ އަށް ހަތަރު ޕޮއިންޓް ލިބުނު އިރު ދެއްވަދުއަށް ލިބުނީ ތިން ޕޮއިންޓެވެ. ވިލިނގިލި ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
މި ޒޯންގެ ގުރޫޕް ދޭއްގެ އެއްވަނަ ހިތަދޫން ހޯދީ ރޭ 6-0 އިން ފޭދޫ ބަލިކޮށް ހަ ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުގައި ހިތަދޫގެ އަލީ ޝަނާން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ފޭދުއަށް ގުރޫޕްގެ ދެވަނަ ލިބުނީ ފުރަތަމަ މެޗުގައި ގދ. ގައްދޫ ބަލިކޮށްގެން ތިން ޕޮއިންޓް ހޯދާފައި ވާތީ އެވެ.
ސެމީ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ދަޑިމަގު ނުކުންނާނި ފޭދުއާ ދެކޮޅަށެވެ. ހަމަ އެގަޑީގައި ހިތަދޫ އާއި ވާދޫ ބައްދަލުކުރާ ދެވަނަ ސެމީ ވެސް ކުޅޭނެ އެވެ.
ޒޯން ދޭއްގެ ދެ މެޗު ރޭ ކުޅުނެވެ. މި ޒޯނުގެ އެންމެ ކުރީގައި މިވަގުތު އޮތީ ރ. އަތޮޅު ޗެމްޕިއަން އިނގުރައިދޫ އާއި ރަނަރަޕް ދުވާފަރެވެ.
ދެ ޓީމު ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދުވާފަރުން ރޭ 5-1 އިން ނ. އަތޮޅު ޗެމްޕިއަން މިލަދޫ ބަލިކޮށް ހަ ޕޮއިންޓް ހަމަކުރި ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ އިނގުރައިދޫ އެވެ.
ފަސް ޓިމު ހިމެނޭ މި ޒޯންގެ ތިންވަނައިގައި އޮތީ ރޭ 5-1 އިން ށ. މިލަންދޫ ބަލިކޮށް ތިން މެޗުން ތިން ޕޮއިންޓް ހަމަކޮށްފައިވާ ށ. ކަނޑީތީމެވެ. މިލަދޫ އާއި މިލަންދު އަށް ވެސް ޕޮއިންޓެއް ލިބިފައި ވާއިރު، މިލަދޫ އަދި ކުޅުނީ ދެ މެޗެވެ. މިލަންދޫ ވަނީ ތިން މެޗު ކުޅެފަ އެވެ.
ޒޯން ހަތަރެއްގައި ހިމެނޭ އއ. މަތިވެރި ވަނީ އެއް މެޗު ބާކީ އޮއްވައި ފައިނަލުން ޖާގަ ޔަގީން ކޮށްފަ އެވެ.
އަބްދުﷲ ފައިޒާން އަބްދުލްޣަފޫރުގެ ހަމައެކަނި ގޯލުން ވ. ކެޔޮދޫ ބަލިކޮށް، މަތިވެރިން ވަނީ ފަސް ޓީމު ހިމެނޭ މި ޒޯނުގައި މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ.
މި ޒޯނުގެ ދެވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ އދ. މަހިބަދޫ އެވެ. މަހިބަދޫ ވަނީ ރޭ 2-1 އިން އއ. ތޮއްޑޫ ބަލިކޮށްފަ އެވެ. ތިންވަނައިގައި އޮތް ކެޔޮދޫ އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ތޮއްޑޫ އާއި އދ. މަންދޫ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ޒޯން ތިނަކާއި ފަހެއް އަދި ހައެއްގެ އިތުރުން ޒޯން އަށެއްގެ މެޗުގަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy