ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

އައްޑޫގެ ދެ ޓީމު ކަޓައިފި، ޒޯން ފައިނަލަށް ދަޑިމަގާއި ވާދޫ

09 ފެބުރުއަރީ 2025 - 13:53

1 comments

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ޒޯން ބުރުގައި ވާދަކުރާ އައްޑޫ ސިޓީގެ ދެ ޓީމު ކަމަށްވާ ސ. ފޭދޫ އާއި ސ. ހިތަދޫ ވެސް ސެމީ ފައިނަލުން ބަލިވެ، މުބާރާތުގެ ގަދަ 16 އިން ފުރުސަތު ގެއްލިއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު ޒޯން ހަތެއްގެ ފުރަތަމަ ސެމީ ފައިނަލުގައި ފޭދޫ ބަލިވީ ޏ. ފުވައްމުލަކު ދަޑިމަގާ ވާދަކޮށް 1-0 އިންނެވެ.

އެންމެ ފަހުގެ މި ޒޯންގެ ޗެމްޕިއަން ހިތަދޫ ބަލިވީ ގދ. ވާދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި ވާދޫ ވަނީ 5-3 އިން ކުރި ހޯދައިފަ އެވެ.

ފައިނަލަށް ދަތުރުކުރި ދަޑިމަގާއި ވާދޫ އަށް ގަދަ 16 އިން ފުރުސަތު ލިބިފައި ވާއިރު، މި ދެ ޓީމު ބައްދަލުކުރާ ޒޯން ހަތެއްގެ ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭ 9:30ގަ އެވެ.

ޒޯން 3 - ފައިނަލަށް އޭދަފުއްޓާއި ކާށިދޫ

މި ޒޯންގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ހަތް ޕޮއިންޓް ހޯދި ބ. އޭދަފުއްޓެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކ. މާފުއްޓާ ވާދަކޮށް 1-1 އިން އެއްވަރުވި އޭދަފުށި ވަނީ، ރޭ ކުޅުނު މެޗުގައި މުހައްމަދު ފާސިރު (ފާއްޓޭ)ގެ ހެޓްރިކަކާ އެކު 7-4 އިން ކ. ކާށިދޫ ބަލިކޮށްފަ އެވެ.

އޭދަފުއްޓާއި ކާށިދޫ ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް އެމްވީ

އޭދަފުށި އަތުން ބަލިވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2-0 އިން ކުރެންދޫ ބަލިކޮށްގެން ހަމަކުރި ހަ ޕޮއިންޓާ އެކު ކާށިދޫ ވަނީ ދެވަނަ ޓީމުގެ ގޮތުގައި ޒޯން ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ޒޯންގެ ތިންވަނައިގައި ނިންމީ ރޭ 11-1 އިން ޅ. ކުރެންދޫ ބަލިކުރި ކ. އަތޮޅު ޗެމްޕިއަން މާފުއްޓެވެ. މި މެޗުގައި މާފުށީގެ އަހުމަދު ޝާވިން ޝިހާމް ހަތަރު ގޯލު ޖެހި އިރު އަހުމަދު ޝަމާލް ވެސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

މި ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަން ކ. ގާފަރަށް ވަނީ އަތޮޅު ބުރުގައި މިއަހަރު ނާކާމިޔާބު ވެފަ އެވެ. އޭދަފުއްޓާއި ކާށިދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.

މާލޭ ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަން މާފަންނު ކަޓައިފި

ޒޯން 8 ގެ އެންމެ ފަހުގެ ޗެމްޕިއަން މާފަންނު ވަނީ ރޭ 4-0 އިން ވިލިމާލެ އަތުން ބަލިވެފަ އެވެ. މިއާ އެކު ޒޯން ފައިނަލުން ފުރުސަތު ނުލިބި އެ ޓީމު ނިންމާލި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެއާ ވާދަކޮށް މުހައްމަދު ހަމްދޫންގެ ހެޓްރިކަކާ އެކު 3-1 މެޗު ކާމިޔާބު ކޮށްގެން ހޯދި ތިން ޕޮއިންޓާ އެކު ޒޯން ގުރޫޕްގެ ތިންވަނައިގަ އެވެ.

ވިލިމާލެއާއި މާފަންނު ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް އެމްވީ

މި ޒޯންގެ އެއްވަނަ ހޯދީ ތިން މެޗު ވެސް ކާމިޔާބުކުރި ވިލިމާލެ އެވެ. ވިލިމާލެ ވަނީ ބުރާސްފަތި ދުވަހުގެ ރޭ މައްޗަންގޮޅިއާ ވާދަކުރި މެޗުން 7-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ވިލިމާލޭ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވަނީ ހެޓްރިކް ހަދައިފަ އެވެ.

ނަމަވެސް މައްޗަންގޮޅި ވަނީ ރޭ ހުޅުމާލެއާ ވާދަކޮށް މުހައްމަދު ނަޒާމްގެ ހެޓްރިކަކާ އެކު 3-1 އިން މޮޅުވެގެން ހަ ޕޮއިންޓާ އެެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ވިލިމާލެ އާއި މައްޗަންގޮޅި ބައްދަލުކުރާ މާލޭ ޒޯންގެ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ އަށެއް ޖަހާއިރެވެ.

ޒޯން ފަހެއް - ފައިނަލްގައި ކުޑަހުވަދޫ އާއި ދަރަނބޫދޫ

ޒޯން ފަހެއްގެ ފައިނަލަށް ދަތުރުކުރީ ދ. ކުޑަހުވަދޫ އާއި ފ. ދަރަނބޫދޫ އެވެ. މި ދެ ޓީމު ރޭ ބައްދަލުކުރި މެޗު ކުޑަހުވަދޫ ވަނީ 6-2 އިން ކާމިޔާބު ކޮށްފަ އެވެ.

ކުޑަހުވަދޫ ވަނީ ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި ޒޯންގެ ފައިނަލުން ޖާގަ ހޯދައިފަ.-- ފޮޓޯ: އިމޭޖަސް އެމްވީ

މިއާ އެކު އެންމެ ފަހުން ވެސް ޒޯން ކާމިޔާބު ކުރި ކުޑަހުވަދޫ އަށް ހަތް ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ލިބުނު އިރު، ހަތަރު ޕޮއިންޓާ އެކު ދަރަނބޫދޫ އަށް ލިބުނީ ގުރޫޕްގެ ދެވަނަ އެވެ.

މި ޒޯންގައި ދެން ހިމެނޭ މ. ދިއްގަރު ވަނީ ރޭ 2-1 އިން މ. މުލައް ބަލިކޮށްފަ އެވެ. ދިއްގަރަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނު އިރު މުލައް ނިންމާލީ ދެ ޕޮއިންޓާ އެކު އެވެ. ކުޑަހުވަދޫ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2-1 އިން ދިއްގަރު ބަލިކުރި އިރު ދަރަނބޫދޫ އާއި މުލައް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ކުޑަހުވަދޫ އާއި ދަރަނބޫދޫ ބައްދަލުކުރާ ޒޯން ފަހެއްގެ ފައިނަލު މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.

ޒޯން 6 - މިއަހަރު ވެސް ފައިނަލްގައި ގަމާއި ތިމަރަފުށި

މިއަހަރުގެ ޒޯން 6ގެ ފައިނަލުގައި ވެސް ވާދަކުރާނީ މިދިޔަ އަހަރުގެ ފައިނަލު ކުޅުނު ލ. ގަމާއި ތ. ތިމަރަފުއްޓެވެ.

ތ. ހިރިލަންދޫ އަތުން ރޭ 3-0 އިން ގަން ބަލިވި ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 3-2 އިން ލ. އަތޮޅު ޗެމްޕިއަން އިސްދޫ ބަލިކޮށް، ހަ ޕޮއިންޓް ހޯދައިގެން ގަން ވަނީ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފަ އެވެ.

ތިމަރަފުއްޓާއި އިސްދޫ ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް އެމްވީ

ތިމަރަފުއްޓާއި އިސްދޫ ރޭ ބައްދަލުކުރި މެޗު ނިމުނީ 4-4 އިން އެއްވަރު ވެގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 6-1 އިން ހިރިލަންދޫ ބަލިކުރުމާ އެކު، ތިމަރަފުއްޓަށް ވަނީ ޖުމްލަ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އިސްދޫ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވީ ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބުނީ ތިމަރަފުއްޓަށެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ގަމުން ތިމަރަފުށި ބަލިކުރީ 2-1 އިންނެވެ. ގަމުން ވަނީ ޒޯންގެ ފުރަތަމަ މެޗުގައި ތިމަރަފުށީގެ މައްޗަށް 1-0 އިން ކުރި ހޯދައިފަ އެވެ. މިއަހަރު މި ދެ ޓީމު ބައްދަލުކުރާ ޒޯން ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ އަށެއް ޖަހާއިރެވެ.

ޒޯން 1، 2 އަދި 4ގެ ގުރޫޕް ސްޓޭޖު ފަހު މެޗުތައް މިރޭ

މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ޒޯން އެކެއް، ދޭއް އަދި ހަތަރެއްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

ޒޯން 1ގެ އެއްވަނައިގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ހއ. ވަށަފަރެވެ. ހުކުރު ދުވަހުގެ ރޭ ވަށަފަރު ވަނީ ހދ. ނޭކުރެންދޫއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. ނޭކުރެންދޫއަށް އަދި ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މި ޒޯންގައި ދެން ހިމެނޭ ހދ. ނައިވާދޫ އާއި ހއ. ދިއްދޫ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހުކުރު ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ނައިވާދޫ ވަނީ 6-1 އިން ކާމިޔާބު ކޮށްފަ އެވެ.

ޒޯން 2ގެ ފައިނަލްގައި ވާދަކުރާނީ އިނގުރައިދޫ (ކ) އާއި ދުވާފަރު (ވ).-- ފޮޓޯ: އިމޭޖަސް އެމްވީ

ފަސް ޓީމު ވާދަކުރާ ޒޯން ދޭއްގެ ފައިނަލުގައި ވާދަކުރާނީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައިވާ ރ. އިނގުރައިދޫ އާއި ރ. ދުވާފަރެވެ. ދެ ޓީމަށް ވެސް ނުވަ ޕޮއިންޓާ ލިބިފައި ވީ ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ އިނގުރައިދޫ އެވެ. ހުކުރު ދުވަހުގެ ރޭ އިނގުރައިދޫ އިން 4-3 އިން ނ. މިލަދޫ ބަލިކޮށްފައި ވާއިރު ދުވާފަރުން ވަނީ 2-0 އިން ށ. މިލަންދޫ ބަލިކޮށްފަ އެވެ.

މި ޒޯންގެ ތިންވަނައިގައި އޮތް ށ. ކަނޑިތީމަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. މިލަދޫ އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، މިލަންދޫ އަށް ހަތަރު މެޗުން ވެސް ލިބުނީ ޖުމްލަ އެއް ޕޮއިންޓެވެ.

ފަސް ޓީމު ހިމެނޭ ޒޯން 4ގެ އއ. މަތިވެރި ވަނީ ފުރަތަމަ ތިން މެޗު ވެސް ކާމިޔާބުކޮށް ޒޯން ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ. ހަ ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ހުކުރު ދުވަހުގެ ރޭ އދ. މަންދޫ އަތުން 4-1 އިން ބަލިވި އދ. މަހިބަދޫ އެވެ.

ވ. ކެޔޮދޫ ވަނީ އއ. ތޮއްޑޫއާ ވާދަކޮށް 2-2 އިން އެއްވަރުވި މެޗަށް ފަހު، ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު މުބާރާތުން ކަޓައިފަ އެވެ. މަންދޫ އަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައި ވާއިރު ތޮއްޑޫ އަށް ތިން މެޗުން އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަށް ޒޯނަކަށް ޓީމުތައް ބަހާލާފައި ވާއިރު، ކޮންމެ ޒޯނަކުން ފައިނަލަށް ދާ ދެ ޓީމަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަބީބު ސިކުމާ

09 February 2025

ސިހުރު ހާހޫރު ވަރުތޮޅި ހަދާ މުބާރޭތެއް ނަމަ އައްޑޫ އަތޮޅު ޓީމުތަށް ގަދަ 100 އިން ޖާގަ ހޯދާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454