ޒޯން 1ގެ ފައިނަލްގައި ބައްދަލުކުރާނީ ނައިވާދޫ (ކ) އާއި ދިއްގަރު (ވ).-- ފޮޓޯ: އިމޭޖަސް
10 ފެބުރުއަރީ 2025 - 08:46
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގައި ތިލަދުންމަތީގެ ރަށްތައް ހިމެނޭ ޒޯން 1ގެ ފައިނަލަށް ހދ. ނައިވާދޫ އާއި ހއ. ދިއްދޫ ދަތުރު ކޮށްފި އެވެ.
ހއ. އަތޮޅާއި ހދ. އަތޮޅު ފައިނަލިސްޓުން ވާދަކުރާ މި ޒޯނުގެ ފަހު ދެ މެޗު ރޭ ކުޅުމުގެ ކުރިން އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ހއ. އަތޮޅު ޗެމްޕިއަން ވަށަފަރެވެ. ނަމަވެސް ރޭ ދިއްދޫ ވަނީ 3-2 އިން ވަށަފަރު ބަލިކޮށް ހަ ޕޮއިންޓް ހޯދައި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޒޯންގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މި ޒޯންގެ އެއްވަނަ ހޯދީ ހދ. ގެ ޗެމްޕިއަން ނައިވާދޫ އެވެ. އެ ޓީމުން ވަނީ ރޭ 1-0 ން ހދ. ނޭކުރެންދޫ ބަލިކޮށް ޖުމްލަ ހަ ޕޮއިންޓާ އެކު ގޯލްގެ ތަފާތުން ކުރި ހޯދައި ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފަ އެވެ. ނޭކުރެންދޫ ނިންމާލީ އެންމެ ޕޮއިންޓަކާ އެކު އެވެ.
މިދިޔަ އަހަރު ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ހއ. އުތީމަށް ވަނީ އަތޮޅު ބުރުގެ ގުރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިމިފަ އެވެ. ނައިވާދޫ އާއި ދިއްދޫ ބައްދަލުކުރާ މިއަހަރުގެ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ އަށެއް ޖަހާއިރު އެވެ.
ޒޯން ދޭއްގެ ފައިނަލުގައި ވާދަކުރާ ދެ ޓީމު މާ ކުރިން ޔަގީން ވެފައި ވާއިރު، ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދާފައި ވަނީ ރ. އިނގުރައިދޫ އެވެ.
އިނގުރައިދޫން ރޭ ދުވާފަރު މެޗުގައި ދެ ގޯލު ޖެހި އިނގުރައިދޫގެ އަލީ ހާފިޒް.-- ފޮޓޯ: އިމޭޖަސް އެމްވީ
އިނގުރައިދޫ ވަނީ 3-2 އިން ރ. ދުވާފަރު ބަލިކޮށްފަ އެވެ. ދުވާފަރަށް ދެވަނަ ލިބުނީ ތިން މެޗު ކާމިޔާބު ކޮށްގެން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ.
މި ޒޯންގެ ތިންވަނައިގައި ނިންމީ 7-5 އިން ނ. މިލަދޫ ބަލިކުރި ށ. ކަނޑީތީމެވެ. ކަނޑިތީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. މިލަދޫ އާއި ށ. މިލަންދޫ ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.
އިނގުރައިދޫ އާއި ދުވާފަރު މިއަހަރު ބައްދަލުކުރި ރ. އަތޮޅު ފައިނަލްގައި އިނގުރައިދޫ ވަނީ 3-1 އިން ދުވާފަރު ބަލިކޮށްފަ އެވެ.
މިދިޔަ އަހަރުގެ ރ. އަތޮޅާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ވެސް ހޯދީ ދުވާފަރެވެ. މިއަހަރުގެ ޒޯން ފައިނަލުގައި ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރާ މެޗު ވެސް އޮންނާނީ ބުދަ ދުވަހުގެ ރޭ އަށެއް ޖަހާއިރު އެވެ.
ޒޯން ހަތަރެއްގެ ފައިނަލްގެ ފަހު ޖާގަ ހޯދީ އދ. މަހިބަދޫ އެވެ. މަހިބަދޫ ވަނީ ރޭ އއ. މަތިވެރިއާ ވާދަކޮށް ލަނޑެއް ނުޖެހި މެޗު އެއްވަރުކޮށް، ޖުމްލަ ހަތް ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ ހޯދައިފަ އެވެ. މަތިވެރިން ވަނީ 10 ޕޮއިންޓާ އެކު އެއްވަނަ ހޯދައިފަ އެވެ.
މަހިބަދޫ އާއި މަތިވެރި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް އެމްވީ
ޒޯންގެ ތިންވަނައިގައި ނިންމީ ރޭ 2-1 އިން އއ. ތޮއްޑޫ ބަލިކުރި އދ. މަންދޫ އެވެ. މަންދުއަށް ހަ ޕޮއިންޓް ލިބުނު އިރު، ހަތަރުވަނައިގައި ނިންމީ ހަތަރު ޕޮއިންޓް ލިބުނު ވ. ކެޔޮދޫ އެވެ. ތޮއްޑުއަށް ލިބުނީ އެއް ޕޮއިންޓެވެ.
މަތިވެރި ވަނީ މިދިޔަ އަހަރުގެ އއ. އަތޮޅާ ޒޯން 4ގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މަތިވެރި އާއި މަހިބަދޫ ބައްދަލުކުރާ މި އަހަރުގެ ޒޯން ފައިނަލް އޮންނާނީ ބުދަ ދުވަހުގެ ރޭ 9:30 ގަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަށް ޒޯނަކަށް ޓީމުތައް ބަހާލާފައި ވާއިރު، ކޮންމެ ޒޯނަކުން ފައިނަލަށް ދާ ދެ ޓީމަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބެ އެވެ. އެގޮތުން އަށް ޒޯނުގެ ކުޅުން ވެސް ނިމިފައި ވާއިރު، ގަދަ 16 އަށް ހޮވިފައި ވަނީ؛
- ބ. އޭދަފުށި
- ލ. ގަން
- ޏ. ދަޑިމަގު
- މައްޗަންގޮޅި
- ކުޑަހުވަދޫ
- ރ. ދުވާފަރު
- ގދ. ވާދޫ
-ރ. އިނގުރައިދޫ
- އއ. މަތިވެރި
- ހއ. ދިއްދޫ
- ތ. ތިމަރަފުށި
- ކ. ކާށިދޫ
- ފ. ދަރަނބޫދޫ
- ވިލިމާލެ
- ހދ. ނައިވާދޫ
- އދ. މަހިބަދޫ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރާގޫ
10 February 2025
ނައިވާދޫ ވަރެއްނެތް ދޯ، ގަދައޭ ހަމަ